ޝަރުތު ހަމަވާ ނަމަ، ސްޓޫޑަންޓް ލޯނަށް އެދޭ ހުރިހާ ކުދިންނަށް ލޯނު ދެނީ

Mon, 29 Apr 2024 10:19 PM

View on this article on Mihaaru

ޝަރުތު ހަމަވާ ނަމަ، ސްޓޫޑަންޓް ލޯނަށް އެދޭ ހުރިހާ ކުދިންނަށް ލޯނު ދެނީ

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު މިފަހަރު ދޫކުރަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުންނާ ސުވާލުކުރުމަށް ބާއްވާ "އަހާ" ފޯރަމްގައި ސްޓޫޑަންޓު ލޯނާ ގުޅޭ ގޮތުން އާންމުން މީހަކު ކުރި ސުވާލުގައި މިނިސްޓަރު ވިދާޅުވީ ސްޓޫޑަންޓު ލޯނަށް އެދުމަށް ހުޅުވާލި މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ 1:30 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

ކުރިން އެ ފުރުސަތު އޮތީ މިމަހުގެ 25 ގެ ނިޔަލަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ނިންމާފައި ވަނީ ލޯނަށް އެދޭ ކުދިންގެ ޝަރުތު ހަމަވާ ނަމަ ހުރިހާ ކުދިންނަށް އެ ލޯނު ދޫކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވިއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިސްކަންދީ، ރާއްޖެ އާއި ބޭރުގެ ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަން ސްޓޫޑެންޓު ލޯނުގެ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލީ 500 ޖާގައަށެވެ. ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކީމުން ލިބެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 1،986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފަ އެެވެ. އެ ލޯނާ ގުޅިގެން އޮތް ޝަކުވާތަކާ ގުޅިގެން ސަރުކާރުން ވަނީ ސްޓޫޑަންޓް ލޯނު ރީސްޓްރަކްޗާކޮށް ކުރިން ޕަސެންޓުގައި ހުރި އިދާރީ ފީ، އެއް ޕަސެންޓަށް ވެސް ކުޑަކޮށްފަ އެވެ.





More from Mihaaru