ކުޅުދުއްފުށީ ފެނަކައިގެ ތިން މުވައްޒަފަކު ސަސްޕެންޑް ކޮށްފި

Tue, 16 Apr 2024 10:28 PM

View on this article on Mihaaru

ކުޅުދުއްފުށީ ފެނަކައިގެ ތިން މުވައްޒަފަކު ސަސްޕެންޑް ކޮށްފި

ހދ. ކުޅުދުއްފުށީ ފެނަކައިގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ސަސްޕެންޑްކޮށްފި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިރޭ "މިހާރު" އަށް ވިދާޅުވީ އެ ރަށު ފެނަކައިގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ސަސްޕެންޑް ކުރީ މިއަދު ކަމަށެވެ.

އެ ތިން މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އިދާރީ މުވައްޒަފަކާއި ޓެކްނީޝަނެއްގެ އިތުރުން އޭރު ހިންގުމާ ހަވާލުވެހުންނެވި އެސިސްޓެންޓް މެނޭޖަރު އަބުދުލްހަމީދެވެ. އެ ރަށު ފެނަކަ ބުރާންޗް ހިންގުން މިއަދު ވަނީ އެ މަގާމުގައި ކުރިން ހުންނެވި މަމްދޫހްއާ އަލުން ހަވާލުކޮށްފަ އެވެ.

ކުޅުދުއްފުށީ ފެނަކައިގެ މުވައްޒަފުންނާއި ސްޓެލްކޯ މުވައްޒަފުންތަކެއް މަސައްކަތުގައި.-- ފޮޓޯ: ފެނަކަ

އެ މީހުން ސަސްޕެންޑް ކުރީ މަސައްކަތުގައި އެއްބާރުލުން ނުދިނުން ފަދަ މައްސަލަތަކެއްގައި ކަމަށް މުއާޒް ވިދާޅުވި އެވެ. އެ ތިން މީހުން ވެސް ސަސްޕެންޑް ކުރީ މުއްދަތެއް ނެތް ގޮތަަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އިއްޔެ ހެނދުނުން ފެށިގެން އެ ރަށުން އެއްކޮށް ކަރަންޓް ކެނޑުނެވެ.

އެހެންވެ، ފެނަކަ ކޯޕަރޭޝަންގެ އެދުމުގެ މަތިން އިއްޔެ ހަވީރުގެ ވަގުތެއްގައި، ސްޓެލްކޯގެ ތަޖުރިބާކާރު އިލެކްޓްރިކަލް އަދި މެކޭނިކަލް އިންޖީނިއަރުންގެ ޓީމެއް ކުޅުދުއްފުއްޓަށް ގޮސް، ރޭ 8:00 ހާއިރު ކަރަންޓުގެ މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓު ދޫކުރި އެވެ.

އެކަމަކު، މިއަދުގެ ހެނދުނު މުޅިން ރަށުން އަނެއްކާވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ. އޭގެ ދެ ގަޑިއިރެއްހާއިރު ފަހުން އަނެއްކާވެސް ވަނީ ރަށަށް ކަރަންޓް ދީފަ އެވެ.





More from Mihaaru