ފައިސާ ޗާޕުކުރުން ހުއްޓާލައި، ހަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ދަނީ ކުރަމުން: އެމްއެމްއޭ

Thu, 28 Mar 2024 01:28 PM

View on this article on Mihaaru

ފައިސާ ޗާޕުކުރުން ހުއްޓާލައި، ހަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ދަނީ ކުރަމުން: އެމްއެމްއޭ

މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ދައުލަތުގެ މާލިއްޔަތާއި އިގުތިސާދުން ފެންނަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ބުނެފި އެވެ.

ދައުލަތުގެ ކޭޝްފްލޯއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ މި އަހަރު އިގުތިސާދު ކުރިއަރާ ވަރު 5.4 ޕަސަންޓުގައި ހުރި އިރު، ލަފާކުރި ވަރަށް ވުރެ އިތުރަށް ފުރަތަމަ ތިން މަހުގެ އާމްދަނީ ވެސް އިތުރު ކަމަށެވެ.

"އާމްދަނީ ހިލޭ އެހީގެ ގޮތުގައި މިއޮތީ 33.5 ބިލިއަން ރުފިޔާ ކަމަށް. މާޗް 14 އާ ހަމައަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް. އެހެންވީމާ، އާމްދަނީ ވަރަށް ބޮޑަށް އިންލައިން އެބަވޭ،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ރިކަރަންޓް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަން ފާހަގަކުރެވެ އެވެ.

"ހިސާބު ތަކުން ފެނޭ ރިކަރަންޓް އެކްސްޕެންޑިޗާ އާއި ކެޕިޓަލް ހަރަދުތައް މާޗުގެ މިހާތަނަށް ކުޑަކަން. ކެޕިޓަލް އެކްޕެންޑިޗާ އެބަހުރި 2023 ގައި 3.2 ބިލިއަންގައި. އެކަމަކު މިހާރު އުޅޭކަމަށް މި ފެންނަނީ 1.5 ބިލިއަން ރުފިޔާގައި،" އިމާދު ވިދާޅުވި އެވެ.

ރިކަރަންޓާއި ކެޕިޓަލް ހަރަދުތަކުން މިދިޔަ އަހަރާ އެކަނި އަޅާ ބެލިޔަސް، އޭނާ ވިދާޅުވީ ދެ ބިލިއަން ރުފިޔާގެ ކޮންޓްރެކްޝަނެއް ފެންނަ ކަމަށެވެ.

ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި، ޑޮމެސްޓިކް މާކެޓުން ދަރަނި ނަގާ ނިސްބަތް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަން އިމާދު ފާހަގަކުރެއްވި އެވެ. ފާއިތުވި ތިން މަހެއްހާ ދުވަހު ތެރޭގައި، ރާއްޖޭގެ އެތެރޭގައި ވިއްކި ބޮންޑާއި ޓީބިލްގެ އަދަދު އުޅެނީ 175 މިލިއަނެއްހާ ރުފިޔާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވި ގޮތުގައި ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި އެމްއެމްއޭގެ މިންގަނޑާ އެއްގޮތަށް ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުއްޓެވެ.

އަހަރު ނިމޭ އިރު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެމްއެފްގެ ޕެކޭޖަކަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތެއް ރަސްމީ ސިފައެއްގައި އަދި ލިބިފައި ނެތް ކަމަށެވެ.





More from Mihaaru