އެމެރިކާގެ ޔުނިވަސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް އާންމުވެއްޖެ

Sat, 27 Apr 2024 08:52 PM

View on this article on Mihaaru

އެމެރިކާގެ ޔުނިވަސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް އާންމުވެއްޖެ

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅުހަދައި ފަލަސްތީނުގެ ދިފާއުގައި މުޒާހަރާކުރުން އެމެރިކާގެ ޔުނިވަސިޓީތަކުގައި އާންމުވެ މިއަދު ވެސް ބޮސްޓަންގެ ޔުނިވަސިޓީއަކަށް ފުލުހުން ވަދެ 100 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ނޯތުއީސްޓަން ޔުނިވަސިޓީން ނެރުނު ބަޔާނެއްގައި ބުނީ ކެމްޕަހުގައި ޖަގަހަ ހަދައިގެން ކުރަމުން ދިޔަ މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުންކުރަން ޖެހުނީ "ޔަހޫދީން މަރަން" ގޮވުން ފަދަ ޔަހޫދީންނާ ދެކޮޅު އެކަށީގެންނުވާ ގޮވުންތައް ގޮވަން ފެށުމުން ކަމަށެވެ. އެކަމަކު ޔުނިވަސިޓީގެ މި ތުހުމަތު ކަށަވަރެއް ނުވެ އެވެ.

އެމެރިކާގެ އެކި ޔުނިވަސިޓީތަކުގައި ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލައި މުޒާހަރާކުރުން އާންމުވެފައި ވާއިރު އެ ޔުނިވަސިޓީތަކުން ގެންގުޅޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހަމަހަމަކަން ހިފެހެއްޓުން މިހާރު ވަނީ ގޮންޖެހުމަކަށް ވެފަ އެވެ. މި މުޒާހަރާތަކަކީ ޔަހޫދީންނާ ދެކޮޅު މުޒާހަރާތަކުގެ ގޮތުގައި ސިފަކޮށް "ހޭޓް ސްޕީޗް" ކަމަށް އެއްބަޔަކު ދަނީ ބުނަމުންނެވެ.

ޔުނިވަސިޓީ އޮފް ބޮސްޓަންގައި ކުރި މުޒާހަރާ ރޫޅާލި ވަގުތު އެތަނުގެ ބޭރަށް ބަޔަކު އެއްވެސް ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ބައެއް ޔުނިވަސިޓީތަކަށް ފުލުހުން ވަދެ މީހުން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ކެމިކަލްގެ ބާވަތްތައް ޖަހައިގެން ވެސް މުޒާހަރާތައް ރޫޅާލާފައިވެ އެވެ.

ނޯތުއީސްޓަން ޔުނިވަސިޓީގައި އޮތް މުޒާހަރާ ރޫޅާލަން ފުލުހުން ވަނުމާ އެކު އެ ޔުނިވަސީޓީން ނެރުނު ބަޔާނެއްގައި ބުނީ ޔުނިވަސިޓީ ކެމްޕަހުގައި ޖަގަހަ ހަދައިގެން ތިބީ ހުއްދަ ނެތި ކަމަށާއި ދަރިވަރުން ފެށި މުޒާހަރާގެ ތެރެއަށް އަމިއްލަ ބައެއް ޖަމާއަތްތަކުން ވެސް ވަދެފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ޔުނިވަސިޓީ އައިޑީ ކާޑު ދައްކާ އެންމެން ދޫކޮށްލާނެ ކަމަށާއި އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އަޅާނީ އިދާރީ ފިޔަވަޅެއް ކަމަށް ބުންޏެވެ.

ޔުނިވަސިޓީ އޮފް ބޮސްޓަންގައި ކުރި މުޒާހަރާ ރޫޅާލި ވަގުތު އެތަނުގެ ބޭރަށް ބަޔަކު އެއްވެސް ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާގައި ވެސް މިއަދު ވަނީ މަސްރަހު ހޫނުވެފަ އެވެ. އެއީ ފަލަސްތީނަށް ތާއީދުކޮށް ކުރަމުންދާ މުޒާހަރާގައި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރާ ކަމަށް ވިދާޅުވެ މުޒާހަރާ ރޫޅާލަން ޔުނިވަސިޓީގެ ރައީސް އެންގެވުމުންނެވެ.

މުޒަހާރަތައް ފެށުނު ކޮލަމްބިއާ ޔުނިވަސިޓީން ބުނީ މިދިޔަ ހަފްތާގައި ފުުލުހުން ގެނެސް 100 ވަރަކަށް ދަރިވަރުން ހައްޔަރުކޮށްފައި ވިޔަސް ދެން އަލުން ފުލުހުން ނުގެންނާނެ ކަމަށެވެ. ފުލުހުން ގެނައުމުން އުފެދެނީ އިތުރު މައްސަލަތަކެއް ކަމަށާއި ޔުނިވަސިޓީ ކައިރިއަށް އިތުރު މީހުން ޖަމާވެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު މާ ބޮޑުވާ ކަމަށް ޔުނިވަސިޓީން އިއްޔެ ބުންޏެވެ. -- އޭއެފްޕީ





More from Mihaaru