އިންޑިއާ އަށް ބަދުބަސް ބުނި މައްސަލަ ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދީފި

Fri, 10 May 2024 08:46 PM

View on this article on Mihaaru

އިންޑިއާ އަށް ބަދުބަސް ބުނި މައްސަލަ ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދީފި

ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ބަދުބަސް ބުނި މައްސަލަ ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ.

ޒަމީރު އެގޮތަށް ވިދާޅުވީ އޭނާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އިންޑިއާގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ޒަމީރު ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލް މީޑިއާގައި ދެއްކި އެ ވާހަކަތަކަކީ ދިވެހި ސަރުކާރުގެ ވިސްނުން ނޫން ކަން ކުރިން ވެސް ހާމަކޮށްފައި ވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން އެކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި ސޯޝަލް މީޑިއާގައި އަދިވެސް އެބައުޅޭ ހިޔާލުތަފާތުވުންތަކެއް. ނަމަވެސް، ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދުގައި މިހާރު އެ ހިޔާލުތަފާތުންތަކެއް ނެތް. އެކަމުން އަޅުގަނޑުމެންނަށް އަރައިގަނެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

ލަކްޝަދީޕްގެ ޓޫރިޒަަމް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަށް ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު ދިން ރައްދުތަކަކާ ހެދި، ރާއްޖެ ހޫނުފެނަށް ވެއްޓުނެވެ. އެ މައްސަލައިގެ އެ ތިން ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރާނެ ގޮތްތަކާ މެދު އެއް ވިސްނުމަކަށް އައުމަކީ ދެ ގައުމަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވެސް އިއްޔެ ވިދާޅުވި އެވެ. ނިއު ދިއްލީގައި ޒަމީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީ އަށް އެހީތެރިވާ އެންމެ މުހިންމު އެއް ގައުމު ކަމަށެވެ.





More from Mihaaru