އޮޕަރޭޝަން "ކުރަނގި"ގެ ދަށުން 500 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

Fri, 10 May 2024 07:10 PM

View on this article on Mihaaru

އޮޕަރޭޝަން "ކުރަނގި"ގެ ދަށުން 500 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް މިދިޔަ ހަފުތާގައި ފެށި އޮޕަރޭޝަން "ކުރަނގި"ގެ ދަށުން މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ ކ. ހިންމަފުށީގައި މި ވަގުތު ހިންގަމުން އަންނަ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން މިހާތަނަށް އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކޮށްފައިވާ ކަމަށެވެ.

"ކުރަނގި" އަކީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާއި އިމްގްރޭޝަން ގުޅިގެން ހިންގާ އޮޕަރޭޝަނެކެވެ.

"ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

"ހިންމަފުށި ކައުންސިލުން މިކަމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން."

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާ ކަމަށް އިހުސާން ވަނީ ކުރިން ވިދާޅުވެފަ އެވެ.

އިހުސާން ވިދާޅުވީ ދެ ފިޔަވައްސަށް ބަހާލައިގެން ތިން އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން ނިމޭއިރު، އަމާޒަކީ ރާއްޖޭގައި މުޅިން ވެސް ތިބޭނީ 100 ޕަސެންޓް ވެރިފައި ކުރެވިފައި ތިބި ބިދޭސީންނަށް ހެދުން ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސެޕްޓެމްބަރު، 2019 ގައި ވެސް ވަރުގަދަ ކެމްޕެއިނެއް ފެށި އެވެ. އެ ހަރަކާތުގައި 40،000 އަށް ވުރެ ގިނަ ބިދޭސީން ރަޖިސްޓަރީ ކުރި އެވެ. އެކަމަކު، އެ ސަރުކާރުގެ މުއްދަތު ހަމަވިއިރު ވެސް ބިދޭސީންގެ މައްސަލަ ހައްލު ކޮށް ނުދެވުނެވެ. ފަހުން ބިދޭސީންގެ ރަޖިސްޓްރޭޝަންގެ ކަންކަން ވެސް ހުއްޓުނީ އެވެ.





More from Mihaaru