ދަރުމަވަންތަ އިމާރާތް މެޑިސިން ކިޔަވާ ދަރިވަރުންނަށް ބޭނުންކުރެވޭނެ ކަމުގެ އުންމީދު އާ ވެއްޖެ: ޔޫނިއަން

Sat, 27 Apr 2024 10:08 PM

View on this article on Mihaaru

ދަރުމަވަންތަ އިމާރާތް މެޑިސިން ކިޔަވާ ދަރިވަރުންނަށް ބޭނުންކުރެވޭނެ ކަމުގެ އުންމީދު އާ ވެއްޖެ: ޔޫނިއަން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސް ދާއިމީ ހައްލެއް ފެންނަންދެން ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯ ބޭނުން ކުރެވޭނެ ފުރުސަތު ދީފައިވާ ކަމަށް ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން މިރޭ ބުނެފި އެވެ.

އެ ޔޫނިއަނުން އެހެން ބުނީ، މެޑިކަލް ކިޔަވާ ކުދިންގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލު ކުރަން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ނިންމުމުން އުފެދުނު ނުތަނަސްކަމާ އެކު، ރައީސް އޮފީހުގެ ކަމާ ގުޅޭ އިސްބޭފުޅުންނާ ރޭ ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ނޫސްބަޔާނެއްގަ އެވެ.

ދަރިވަރުން ބުނަމުން ދިޔައީ އެ މީހުންގެ ކިޔެވުން މައި ކެމްޕަހަކަށް މިހާ ކުއްލި ގޮތަކަށް ބަދަލުކޮށްފި ނަމަ ލެބް ޕްރެކްޓިސް އަށް ވަރަށް ބުރޫއަރައި ހާހެއްހާ ކުދިންނަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. އެއީ އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކިޔަވާ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރުންނާއި އެހެން ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ ކަމަށް ދަރިވަރުންގެ ޔޫނިއަން އިން ކުރިން ބުނެފައި ވެ އެވެ.

ސްކޫލް އޮފް މެޑިސިން އަށް ކިޔަވަމުން އަންނަ 200 އަށް ވުރެ ގިނަ ކުދިންގެ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސް އޮފީހުގެ ކަމާ ގުޅޭ އިސްބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް ފަހު އުންމީދު އާ ވެއްޖެ ކަމަށް ދަރިވަރުންގެ ޔޫނިއަނުން މިރޭ ބުންޏެވެ.

"...އަދި މި ކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވެފައި، މެޑިސިން ކިޔަވާ އަޅުގަނޑުމެންގެ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު ވަނީ އާ ވެފަ އެވެ،" ދަރިވަރުންގެ ޔޫނިއަންގެ ނޫސްބަޔާނުގައި ބުންޏެވެ.

އެ ޔޫނިއަންގެ އެދުމުގެ މަތިން ރައީސް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި އައިޖީއެމްއެޗާއި އެމްއެންޔޫގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިކަން ނޫސްބަޔާނުގައި ފާހަގަކުރި އެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތައް ވަރަށް ތަފުސީލްކޮށް ޔޫނިއަނުންނާއި މެޑިސިން ކިޔަވާ ދަރިވަރުންގެ ފަރާތުން ތިލަކޮށްދިން ކަމަށް ބުންޏެވެ.

...އަދި މި ކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވެފައި، މެޑިސިން ކިޔަވާ އަޅުގަނޑުމެންގެ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުންމީދު ވަނީ އާ ވެފަ އެވެ،" ދަރިވަރުންގެ ޔޫނިއަން

"މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި ބައްދަލުވުން އިންތިޒާމު ކޮށްދެއްވި ކަމީ އަޅުގަނޑުމެން ނުހަނު އުފަލާ އެކު ބަލައިގަންނަ ކަމެކެވެ. މި ބައްދަލުވުމުގައި، ސަރުކާރުން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ އަރުވައިފަ އެވެ،" ދަރިވަރުންގެ ޔޫނިއަންގެ ބަޔާނުގައި ވެ އެވެ.

އެ ޔޫނިއަނުން ބުނިގޮތުގައި ދަރިވަރުންގެ ތައުލީމީ ހައްގުތައް ހިމާޔަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވަ އެވެ. އެހެންވެ، މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ދިން ކަމަށް ޔޫނިއަނުން ބުންޏެވެ.

"އަދި ސިއްހީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަން ވެސް ފާހަގަކުރައްވާފައިވެ އެވެ،" ރޭގެ ބައްދަލުވުމާ ގުޅޭ ގޮތުން ޔޫނިއަނުން ބުންޏެވެ.

އެމްއެންޔޫގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުންނެވެ. އެކަމަކު، މިއަދާ ހަމައަށް އެ ދަރިވަރުންނަށް ދާއިމީ ތަނެއް ހޯދައެއް ނުދެވުނެވެ.





More from Mihaaru