އުޒްބަކިސްތާނަށް ދިޔަ ދިވެއްސެއްގެ އަތުން ޑްރޯނެއް ފެނުމުން އެ ގައުމުގައި ހިފަހައްޓައިފި

Thu, 09 May 2024 10:38 PM

View on this article on Mihaaru

އުޒްބަކިސްތާނަށް ދިޔަ ދިވެއްސެއްގެ އަތުން ޑްރޯނެއް ފެނުމުން އެ ގައުމުގައި ހިފަހައްޓައިފި

ސްޓަޑީ ޓުއާއެއްގައި އުޒްބަކިސްތާނަށް ދިޔަ ދިވެހި ދަރިވަރެއްގެ ދަބަހުން ޑްރޯނެއް ފެނިގެން އެ ގައުމުގައި އޭނާ ހިފަހައްޓައިފި އެވެ.

ކްލިކް ކޮލެޖުގެ ފަރާތުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އުޒްބަކިސްތާނަށް ދިޔަ ދަތުރުގައި 15 ދަރިވަރުންނާއި ފަސް ލެކްޗަރާއިން ބައިވެރިވި އެވެ. އެ މީހުން އުޒްބަކިސްތާނަށް ދިޔައީ އަބޫދާބީގައި ޓްރާންސިޓްވުމަށްފަހުގަ އެވެ.

އެ ގައުމުގައި ތާށިވި ދަރިވަރު "މިހާރު"އަށް މިއަދު ބުނީ އުޒްބަކިސްތާނަށް ދިޔައިރު ޑްރޯން ނުގެންދެވޭކަން ނޭނގޭ ކަމަށެވެ. އަދި ފޮޓޯ ނެގުމުގައި ވެސް އުޅޭތީ އޭނާ ދިޔައީ ޑީއެސްއެލްއާރު ކެމެރާ ހިފައިގެންނެވެ. އެ ގައުމަށް އެތެރެވިއިރު ޑްރޯންގެ އަދި ކެމެރާގެ ގެންދިއުމުގައި އެއްވެސް މައްސަލައެއް ނުޖެހެ އެވެ.

"މިކޮޅަށް އެތެރެވިއިރު ޑްރޯނާ ގުޅޭގޮތުން ނުބުނޭ އެއްޗެކޭ. ސައިޓް ސީންއަކަށް ގޮސް އުޅެނިކޮށް ޑްރޯން ނަގަން އުޅެނިކޮށް ޓުއަގައިޑް ބުނީ އެއީ މަނާ ކަމެއްކަން އަދި އެތެރޭގައި ފްލައިކުރުން މަނާކަން. އެނގުނީމަ ޑްރޯން ނާރުވާ ބޭއްވީ. ފުރުމާ ހަމައަށް ވެސް ޑްރޯނުން އެއްވެސް އެއްޗެއް ނުނަގަން." އެ ދަރިވަރު ބުންޏެވެ.

އޭނާ ބުނިގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނަން އުޒްބަކިސްތާން އެއާޕޯޓަށް ފުރަން ގޮސް ދަބަސް ސްކްރީން ކުރިއިރު ޑްރޯން އޮތްކަން އެނގުމުން އެކަމާ ގުޅޭގޮތުން ސުވާލުކުރި ކަމަށެވެ. އަދި ޑްރޯންގައި ހުރި އެއްޗެހި ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ބުންޏެވެ.

އެ ޑްރޯނުން އުޒްބަކިސްތާނުގެ އެއްވެސް މަންޒަރެއް ނަގާފައި ނެތަސް އޭނާގެ ޕާސްޕޯޓާއި ޑްރޯން އަދި ކެމެރާ ވަނީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހިފަހައްޓައިފަ އެވެ. މިހާތަނަށް 10 ދުވަސް ވެގެން ދިޔަޔަސް، ދިވެހި ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ނުލިބޭ ކަމަށް އޭނާ ބުނެ އެވެ.

"ފޯމްތަކެއް ފިލްކޮށްފައި ބަޔާން ނަގާފައި ދޫކޮށްލީ. ޑްރޯންގައި އިން ކާޑު ފޯނަށް ލައްވައިގެން ބެލިއިރު ވެސް ނުފެނުނު އެއްވެސް އެއްޗެއް. އެކަމަކު، މި ތަނުގައި މިހާރު ހުންނަތާ 10 ދުވަސް މި ވީ." އޭނާ ބުންޏެވެ.

ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ ދިވެއްސެއްގެ މައްސަލަ އުޒްބަކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.

ހިފަހައްޓާފައިވާ ދަރިވަރާއެކު ކްލިކް ކޮލެޖުގެ ލެކްޗަރާއެއް ވެސް ވަނީ އެ ކޮޅުގައި މަޑުކޮށްފަ އެވެ.





More from Mihaaru