ގާހުދުވާތީ ބިންހިއްކުމާއި ފަޅު ފުންކުރުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

Thu, 09 May 2024 08:33 PM

View on this article on Mihaaru

ގާހުދުވާތީ ބިންހިއްކުމާއި ފަޅު ފުންކުރުން ވަގުތީ ގޮތުން ހުއްޓާލަން އަންގައިފި

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވެފައިވާތީ ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން މަޑުޖައްސާލަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު އަންގައިފި އެވެ.

ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އޮތީ އެންމެ ނުރައްކާތެރި ދަރަޖަ ކަމަށްވާ، "އެލާޓް ލެވަލް 1" ގަ އެވެ.

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގިނަ އަދަދަކަށް ގާ ހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ތިން ފިޔަވަޅެއް އެޅުމަށް އެ އެޖެންސީން ނިންމާފައި ވާއިރު، އެއީ:

1. ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމާއި ފަޅު ފުންކުރުން ވަގުތީ ގޮތުން ހުއްޓާލުން

2. ބިން ހިއްކުމާއި ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުން ކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަޑުޖައްސާލުން

3. މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތައް ކުރުމަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖާ ކުރުން.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަ ކުރެވުނު ފަހުން އެފަދަ ހާދިސާތައް ދޭތެރެ ދަނީ ފެންނަމުންނެވެ. އޭގެފަހުން އެންމެ ބޮޑަށް ގާ ހުދުވެފައިވަނީ 2016 ވަނަ އަހަރު އެވެ.

ރާއްޖޭގައި ގާ ހުދުވުން ހުރި ދަރަޖަ ދައްކައިދޭ ޗާޓު.-- ފޮޓޯ: ކޮރަލް ރީފް ވޮޗް

ގާ ހުދުވުމުގެ މައްސަލަ އެންމެ ރަނގަޅަށް ދިރާސާ ކުރުމަށްފަހު 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ރާއްޖޭގެ 73 ޕަސެންޓް މުރަކަ ހުދުވި އެވެ.

މި ފަހުން ގާ ހުދުވުމުގެ މައްސަލަތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަ ކަމަށް ފާހަގަ ކުރެވޭ ކަމަށް އީޕީއޭން ބުންޏެވެ. އެހެންވެ، މިފަދަ ދުވަސްވަރެއްގައި ކުރާ ކަންކަމުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުމާއި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް އީޕީއޭ އިން ބުނެފައިވެ އެވެ.

އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަން ކަމަށް އެ އެޖެންސީން ފާހަގަކުރެ އެވެ.





More from Mihaaru