ދިގު މުއްދަތަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރު މިލްކު ކޮށްދެނީ

Sat, 27 Apr 2024 09:11 PM

View on this article on Mihaaru

ދިގު މުއްދަތަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރު މިލްކު ކޮށްދެނީ

ސިފައިންގޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ އޮފިސަރުންނަށް ގެދޮރު މިލްކު ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމުގެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ސިފައިންގެ ވަސީލަތްތައް، ކަނޑާއި އެއްގަމުގައި ބޭނުން ކުރާ ހަތިޔާރު އިތުރު ކުރުމާ އެކު، ސިފައިން ފަރުދީ ގޮތުން ވެސް ތަރައްގީ ކުރުން ކަމަށެވެ.

ދިވެހި ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ތަނަކަށް ހެދުމަށް ރައީސް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ޣައްސާން ވިދާޅުވި އެވެ.

"އޭގެ މާނައަކީ ތި ޒުވާނުންނެކޭ އެއްގޮތަށް ސްކޫލް ދައުރު ނިންމަވާ އެހެން ޒުވާނުން ވެސް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީ އަށް، ޑޮކްޓަރަކަށް ވާން ބޭނުންވާ ކުއްޖަކު މެޑިސިން ހަދަން. ސްކޮލަޝިޕްގެ ފުރުސަތުތައް ސިފައިންނަށް ހޯދައިދޭން ރައީސް ވަނީ މަސައްކަތް ފައްޓަވާފައި،" ޣައްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލް ނިމިގެން ސިފައިންގެ ހިދުމަތަށް ވަންނަ ޒުވާނުން ބޭރުން ކިޔަވައިގެން އައިސް، ސިފައިންގެ ހިދުމަތުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ގޮސް، ރިޓަޔަމެންޓް އުމުރާ ހަމައަށް ދެވިއްޖެ ނަމަ، ރިޓަޔާކުރާނީ އަނބިދަރިންނާއި ކާފަ އާއި މާމަ ކުދިންނާ އެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލަތުގައި ކަމަށެވެ.

"އެކަން ކަށަވަރު ކޮށްދޭން ރައީސް ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވެރިވާނެ ގޮތެއް ހަމަޖައްސައިދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ފުރުސަތުގައި ވެސް ރެއާއި ދުވާލު ވަރަށް އަވަދިނެތި ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން ސިފައިންނަށް ކުރިއެރުން ހޯދައިދެއްވުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރަން."

ޣައްސާން ވިދާޅުވީ ސިފައިން ވާން ޖެހޭނީ އަހްލާގީ ގޮތުންނާއި އެހެން ހުރިހާ ގޮތަކުން ވެސް އާންމުންގެ ތެރޭގައި ނަމޫނާ ބަޔަކަށް ކަމަށާއި ސާބިތު ކަމާ އެކު އަބަދުވެސް ނަފުސަށް ވުރެ ގައުމަށް އިސްކުރަން ޖެހޭނެ ކަމަށެވެ. އެ އުސޫލުތަކުގެ މަތީގައި ތިބޭ ނަމަ ޣައްސާން ވިދާޅުވީ ނަސްރަކީ ވަރަށް ގާތުގައިވާ އެއްޗެއް ކަމަށެވެ.





More from Mihaaru