17 ލެބޯޓްރީއަކަށް ސާމާނު ހޯދަން ޗައިނާއާ އެކު ސޮއިކޮށްފި

Thu, 28 Mar 2024 01:06 PM

View on this article on Mihaaru

17 ލެބޯޓްރީއަކަށް ސާމާނު ހޯދަން ޗައިނާއާ އެކު ސޮއިކޮށްފި

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓްރީ ސާމާނު ހޯދަން ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި72 ރަށަކަށް ޗައިނާގެ އެހީގައި ލެބޯޓްރީ ސާމާނު ހޯދަން ހަމަޖައްސާފައިވާ ކަމަށެވެ.

މި ފަހަރު ސޮއިކުރި ލެޓާ އޮފް އެކްސްޗޭންޖުގެ ދަށުން 17 ސިއްހީ މަރުކަޒަކަށް ބޭނުންވާ ތަކެތި ލިބޭނެ އެވެ. އޭރުން، އެ ތަންތަނުގައި ދޭ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާ އެކު ލެބޯޓްރީގެ ޓެސްޓުތައް ހަދައި، ފަރުވާ އަވަސް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާ އަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، މި ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. އެކަމުގެ ތެރެއިން، އަންނަ މެއި މަހުގެ ކުރިން 76 ރަށެއްގައި އެ ހިދުމަތް ފެށުމުގެ ވައުދާ އެކު އެ މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.





More from Mihaaru