ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން

Thu, 08 Jun 2023 01:59 PM

View on this article on Mihaaru

ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން

މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އޭނާ ވިދާޅުވީ އެމްޑީޕީ ޕީޖީގެ ނިންމުންތައް ނިންމުމުގައި ހުރިހާ މެމްބަރުންނާ ވެސް ރައީސް މަޝްވަރާ ކުރައްވާ ކަމަށެވެ.

"ޕާލިމެންޓަރީ ގުރޫޕުގެ މެޖޯރިޓީއާ އެއްކޮށް ރައީސް ވެސް ވަޑައިގަންނަވާނީ. ރައީސާ ހުރިހާ މެމްބަރުންނާ ވެސް މަޝްވަރާ ވެސް ކުރެވޭ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުންނާ ވެސް ރައީސްއާ މަޝްވަރާކުރެވޭ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ޕީޖީން ނިންމާ ނިންމުންތަކަކީ ރައީސްގެ މަޝްވަރާއާ އެކު ނިންމާ ނިންމުންތަކެއް ކަމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާ ނިންމުންތައް ނިންމުމުގައި ރައީސާ މަޝްވަރާ ކުރައްވާ ކަމަށް މިއުވާން ވިދާޅުވިއިރު، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން 54 މެންބަރުންގެ ސޮއިއާ އެކު އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ސޮއި ކުރީ 50 މެންބަރުންނާއި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރުގެ ސޮޔެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާ އެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ދިވެހިން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ މަގާމުގައި ނަޝީދު އިތުރަށް ހުންނަވައިފި ނަމަ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ގެއްލި މަޖިލީހުގެ ގަދަރު ދިވެހިންގެ ކުރިމަތީ ކުޑަވެގެން ދާނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.



More from Mihaaru