އީމާންތެރިކަން ވަރުގަދަ ކުރުމުގެ މިސާލުތައް

Fri, 26 Apr 2024 02:07 PM

View on this article on Mihaaru

އީމާންތެރިކަން ވަރުގަދަ ކުރުމުގެ މިސާލުތައް

އެއްވެސް ފަރުދެއް ނުވަތަ އުންމަތެއް ވިއަސް ނިކަމެތި ކަމަކުން އަރައިގަންނަން ބޭނުން ނަމަ ނުވަތަ މަގު އޮޅުމަކުން ސީދާ މަގަށް އަންނަން ބޭނުން ނަމަ ނުވަތަ ފާސިދުކަން ދޫކޮށް އިސްލާހުވާން ބޭނުން ނަމަ އެ ކަމަށް އޮތް މަގަކީ ހަގީގީ ތަރުބިޔަތެއް ލިބުމެވެ. މި ތަރުބިޔަތަކީ ނަފުސަށް ގެނެވޭ އިސްލާހީ ބަދަލަކަށް ވާން ޖެހެ އެވެ. ނަފުސު އިސްލާހު ވެގެން މެނުވީ މުޖުތަމައު އިސްލާހު ނުވާނެ އެވެ.

އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތްﷲ އަންގަވަނީ ބަޔަކު މީހުންގެ ހާލަތު އެ ބައެއްގެ އަމިއްލަ ނަފުސުތަކުގައިވާ ކަންކަން ބަދަލު ކޮށްފުމަށް ދާންދެން އެކަލާނގެ ބަދަލު ނުކުރައްވާނެ ކަމަށެވެ. ވީމާ އިސްލާހުވުން އޮތީ ނަފުސުގައިވާ ކަންކަން ބަދަލު ކޮށްގެންނެވެ. މި ބަދަލު ގެނެވޭނެ އެންމެ ވަރުގަދަ ބާރަކީ އީމާންތެރިކަމުގެ ބާރެވެ.

ނަފުސުގައިވާ ކަންކަން ބަދަލުވުމުން މުޖުތަމައު ބަދަލުވުން އެއީ އިލާހީ ގާނޫނެއް ކަމަށް ވިއަސް ނަފުސަށް މި ބަދަލު ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ އިންސާނާގެ ފިކުރާއި އެދުންތަކާއި ގާބިލުކަމާއި މި ހުރިހާ ކަމެއް އެއްކަމަކާ އަނެއް ކަމެއް ގުޅިލާމެހި ފުށުންއެރުންތައް ހުންނާތީ އެވެ. މާއްދީ ހަޔާތުން އަހަރެމެންނަށް މި ފެންނަ އެތައް ކަމެއް ބަދަލު ކޮށްލާހާ ފަސޭހައިން އިންސާނުންގެ ހިތާއި ފިކުރާއި ސުލޫކު ބަދަލެއް ނުކުރެވެ އެވެ. މަދަރުސާތަކާއި ކާރުހާނާތަކާއި ހަސްފަތާލުތަކާއި މަގުތައް ފަދަ ތަންތަން ބިނާ ކޮށްލުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު އިންސާނަކު ވަކި ގޮތަކަށް ބިނާކޮށް، ތަރުބިޔަތު ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް އިސްލާމްދީން އެދޭ ކަހަލަ އިންސާނެކެވެ. މިފަދަ އިންސާނަކަށް އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވެ، އެދުންތައް ކޮންޓްރޯލް ކުރެވެން ވާނެ އެވެ. ހައްގުތަކަށް އެދޭ ފަދައިން ވާޖިބުތައް އަދާކުރަން ވާނެ އެވެ. މުޖުތަމައު އިން ލިބިގަންނަ ފަދައިން މުޖުތަމަ އަށް މަންފާ ކޮށްދޭން ވާނެ އެވެ. ހައްގުތައް ދަނެ އެ ދިފާއު ކުރަން ވާނެ އެވެ. ހެޔޮލަފާކަން ދަނެ އެ އަށް ލޯބި ކުރަން ވާނެ އެވެ. އަމިއްލަ ނަފުސު ދެކެ ލޯބިވާ ފަދައިން އެހެން މީހުން ދެކެ ލޯބިވާން ޖެހޭނެ އެވެ. ހެޔޮ ކަމަށް އަމުރުކޮށް މުންކަރާތް ނަހީ ކުރަން ވާނެ އެވެ. ހައްގު މަގުގައި ޖާނާއި މާލުން ގުރުބާން ވާން ޖެހޭނެ އެވެ. އިސްލާހަށް މަސައްކަތް ކޮށް އެކަމުގައި ކެތްތެރިވާން ޖެހޭނެ އެވެ. ހަމަ ޔަގީނުން ވެސް މިފަދަ އިންސާނަކު ބިނާ ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

ނަމަވެސް އީމާންތެރިކަމަކީ މި ބުރަ މަސައްކަތުގައި އަޖައިބު ކުރުވަނިވި ނަތީޖާ ގެނެސްދޭ ބާރެކެވެ. އީމާންތެރިކަމަކީ ހެޔޮ އުސޫލުތައް ބަލައިގަންނަން ނަފުސު ހާނުވާ ކަމެކެވެ. އޭގެ ފަހަތުގައި ކިތަންމެ ބުރަ ތަކުލީފުތަކަކާއި ވާޖިބުތަކެއް އަދި ގުރުބާންވުންތަކެއް އޮތަސް މެއެވެ. އެއީ ނަފުސު ބަދަލުކޮށް، މުޅިން އެހެން ނަފުސަކަށް ހެދުމަށް އޮތް އެންމެ ވަރުގަދަ އުންސުރު ވެސް މެ އެވެ. މަގުސަދުތަކާއި ވަސީލަތްތަކާއި މިންތައް ކުރިން ހުރި ތައްގަނޑުން މުޅިން އެހެން ތައްގަނޑަކަށް ބަދަލު ކޮށްލެވޭނެ އެންމެ ވަރުގަދަ ބާރަކީ ވެސް އީމާންތެރިކަމެވެ. އެހެނީ އީމާންތެރިކަމުން ނަފުސަށް އަންނަ ބަދަލަކީ ވަރުގަދަ އިންގިލާބެކެވެ. އޭގެ ސަބަބުން ހަނުހުރުން ހަރަކާތަކަށް ބަދަލު ކޮށްލައެވެ. ނިދި ޖެހުން ހޭލުމަށް ބަދަލު ކޮށްލަ އެވެ. ކަންނެތްކަން މުރާލި ކަމަށް ބަދަލު ކޮށްލަ އެވެ. ހިތްވަރު ނެތުން ހިތްވަރަށް ބަދަލުކޮށްލަ އެވެ. އުފެއްދުންތެރި ކުރުވަ އެވެ. ހަޔާތަށް ދިރުން ގެނެސްދެ އެވެ.

އެކަލޭގެފާނު އުޅުއްވީ މަދީނާގައި ކަމުގައި ވިއަސް ފުރާތު ކޯރުގެ އައްސޭރިން މަގު އެއްވަރު ނުކުރެވި އޮވެގެން ބަޣަލެއް ވެއްޓުނަސް އޭގެ ޒިންމާ ނަންގަވާނެ ވާހަކަ ވިދާޅުވި އެވެ. ޢުމަރުގެފާނަށް މި އިސްލާހު ގެނެސްދިން އެންމެ ވަރުގަދަ ބާރަކީވެސް ހަމަ އީމާންތެރިކަމެވެ.

ނަފުސާނީ އިލްމުވެރިންނާއި ތަރުބަވީ އިލްމުވެރިން ސުލޫކު ބަދަލު ކުރުމަށްޓަކައި ވާހަކަ ދައްކާއިރު އުމުރާއި ހާލަތާއި މާހައުލަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއެވެ. ނަމަވެސް މި އިލްމުވެރިން ކަނޑައަޅާ ގަވައިދުތައް ފަހަނައަޅައި ސުލޫކު ބަދަލު ކޮށްލާ ބާރެއް ކަމުގައި އީމާންތެރިކަމުގެ ބާރު ވެ އެވެ. ފިރުޢައުނުގެ ސިހުރުވެރިންނަށް އައި އިސްލާހީ ބޮޑު ބަދަލާ މެދު ވިސްނާލަމާތޯ އެވެ. ކީރިތި ޤުރުއާނުގައި އެ މީހުންގެ ވާހަކަ އެތައް ފަހަރަކު އައިސްފައި ވެ އެވެ.

އައްޝުޢަރާއު ސޫރަތުގެ 32 ން 51 އަށް އޮންނަ އާޔަތްތަކާ މެދު ވިސްނާލުމުން އަންނަނިވި ކަންކަން ހާމަވެ އެވެ. އެ ސިހުރުވެރިންގެ ހިތްތަކަށް އީމާންކަން ވަނުމުގެ ކުރިން އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަކަށް ވެފައިވީ އެ މީހުންގެ މަސައްކަތަށް ލިބެންވާ އުޖޫރަ އެވެ. "ތިމަންމެން މޮޅުވެއްޖެ ނަމަ ހަމަ ކަށަވަރުން ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟" އަދި އެ މީހުން ހިތްވަރު ލިބިގަނެ އުންމީދު އައު ކުރީ ފިރުޢައުނުގެ އިއްޒަތުންނެވެ. "ފިރުޢައުނުގެ އިއްޒަތް ގަންދީ ބުނަމެވެ. ހަމަ ކަށަވަރުން ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ."

ނަމަވެސް ހާލަތު މުޅިން ބަދަލުވެގެން ދިޔައީ އީމާންތެރިކަމުގެ ފޮނިމީރުކަން އެ މީހުންނަށް ލިބުމުންނެވެ. އެ މީހުން އީމާންކަން ފާޅުކުރުމުން ފިރުޢައުނު ދެއްކި ބިރުގެ ވާހަކަތައް ޝުޢަރާއު ސޫރަތުގެ މި އާޔަތްތަކުގެ އިތުރުން ޠާހާ ސޫރަތުގައި ވެސް (71- 73) ބަޔާން ވެގެން ވެ އެވެ. އެކަމަކު އެ ހުރިހާ ބިރު ދެއްކުންތަކަށް އެ މީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަތްތަކާއި ފައިތައް ތަފާތުވާ ގޮތަށް ބުރިކޮށް، ޞަލީބަށް އަރުވާނަމޭ ބުނީމާ ވެސް އެ މީހުން ބުނީ "(އެކަމުގައި) ގެއްލުމެއް ނެތެވެ. ހަމަ ކަށަވަރުން ތިމަންމެން އެނބުރިދާ ހުށީ ތިމަންމެންގެ ވެރި ރަސްކަލާނގެ ހަޒްރަތަށެވެ." އަދިވެސް ބުންޏެވެ. "ބަޔާންވެގެންވާ ހުއްޖަތާއި ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމައަށް އައިސްފައިވާ އެއްޗަކާއި ތިމަންމެން ހެއްދެވި ކަލާނގެ އަށް ވުރެ މައްޗަކަށް ތިމަންމެން ތިބާއަކަށް އިސްކަމެއް ނުދޭހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާ ގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ ހަޔާތުގަ އެވެ."

މިދިޔަ ރޯދަމަހު އިސްލާމީ މަރުކަޒުގައި ކުރި 27 ވިލޭރޭގެ ދަމުނަމާދުގައި ބަޔަކު ބައިވެރިވަނީ: އީމާންތެރިކަން މީހާގެ ހިތަށް ވަނުމަކީ އެ މީހަކަށް ލިބޭނެ އެންމެ ބޮޑު އުފާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އީމާންވުމުގެ ކުރިން އެ މީހުންގެ އެންމެ ކަންބޮޑުވާ ކަމަކީ މުދާ ކަމަށް ވިއަސް އީމާންވުމަށް ފަހު އެ މީހުންގެ އެދުމަކީ އާޚިރަތެވެ. އެ މީހުން ބުނީ ތިމަންމެން ތިމަންމެންގެ ވެރި ރަސްކަލާނގެ އަށް އީމާންވީ "އެކަލާނގެ ތިމަންމެންގެ ކުށްތަކާއި ކަލޭ ތިމަންމެންނަށް މަޖުބޫރު ކުޅަ ސިހުރު ހެދުމާ މެދު ތިމަންމެންނަށް (އަފޫ ކުރައްވައި) ފާފަ ފުއްސެވުމަށްޓަކައި" ކަމަށެވެ. އީމާންވުމުގެ ކުރިން އެ މީހުން ގަންދީ ބުނީ ފިރުޢައުނުގެ އިއްޒަތުން ކަމަށް ވިއަސް އީމާންވުމަށް ފަހު ބުނީ "ތިމަންމެން ހެއްދެވި ކަލާނގެ" އެވެ. އާދެ، އެދުންތަކާއި ކަންބޮޑުވުންތަކާއި ސުލޫކާއި ބޭނުންކުރި ބަސްތަކާއި ވިސްނުމުގެ މިސްރާބާއި މި ހުރިހާ ކަމެއް މުޅިން އިދިކޮޅަށް ބަދަލުވެގެން ދިޔައީ އެވެ. މި ހުރިހާ އިސްލާހީ ބަދަލެއް މި ގެނައީ އީމާންތެރިކަމެވެ.

ނަފުސު އިސްލާހު ކުރުމުގައި އީމާންތެރިކަން އަދާކުރާ ދައުރު ޢުމަރުގެފާނުގެ ހަޔާތުން ވެސް ފެނިގެން ދެ އެވެ. ޖާހިލިއްޔަތުގައި އެކަލޭގެފާނަކީ މެޓާގަނޑުން ބުދު ހަދައި، ބަނޑުހައިވުމުން އެ ކައި އުޅުނު މީހުން ފަދައިން އުޅުއްވި ބޭފުޅެކެވެ. އޯގާތެރިކަމުގެ ތަބީއަތުން ވެސް އެކަލޭގެފާނު އޭރު ވަނީ މަހްރޫމް ވެފަ އެވެ. ކުޑަކުޑަ އަންހެން ދަރިފުޅު ދިރިހުއްޓާ ވަޅުލާން ވެގެން ވަޅު ކޮނުނު އިރު ތުނބުޅީގައި ހޭކިފައި ހުރި ހިރަފުސްތަކާއި ވެލިތައް އެ ތުއްތު ކުއްޖާ އޯގާތެރިކަމާ އެކު، އެ ބައްޕަގެ ތުނބުޅިން ސާފުކޮށްލަދިން އިރު ވެސް ބައްޕަގެ ހިތަށް އެއްވެސް އަސަރެއް ނުކޮށް އެ ކުއްޖާ ވަޅުލީ އެވެ. އެކަމަކު އީމާން ވުމަށް ފަހު، ނަފުސަށް އައި ހެޔޮ ބަދަލުން މުޅި އުންމަތުގެ އެންމެ ވަރުގަދަ ނަމޫނާ ޝަޚުސިއްޔަތުތަކުގެ ތެރޭ އެކަލޭގެފާނު ހިމެނި ވަޑައިގަތެވެ. ހިތްވަރު ގަދަކަމާއި އޯގާތެރިކަމާއި ފުރިހަމަ ސިޔާސަތާއި ވަރުގަދަ އީމާންތެރިކަމެވެ.

އެކަލޭގެފާނު އުޅުއްވީ މަދީނާގައި ކަމުގައި ވިއަސް ފުރާތު ކޯރުގެ އައްސޭރިން މަގު އެއްވަރު ނުކުރެވި އޮވެގެން ބަޣަލެއް ވެއްޓުނަސް އޭގެ ޒިންމާ ނަންގަވާނެ ވާހަކަ ވިދާޅުވި އެވެ. ޢުމަރުގެފާނަށް މި އިސްލާހު ގެނެސްދިން އެންމެ ވަރުގަދަ ބާރަކީވެސް ހަމަ އީމާންތެރިކަމެވެ.

މިފަދަ އެހެން މިސާލެކެވެ. ޚަންސާ އޭ ކިޔުނު އަންހެނަކު ޖާހިލިއްޔަ ޒަމާނުގައި އޭނާގެ އެއްބަފާ ބޭބެއެއް ދުނިޔެ ދޫކޮށް ދިއުމުން އެކަމާ ރޮއެ ހޭރި ބޮލުގައި އަތްތަޅައި ހެދުން ވީދައި ޅެން ބަހުން އެކަމުގެ ހިތާމަތައް ފާޅުކޮށް އުޅުނެވެ. އެކަމަކު ހަމަ އެ އަންހެނާ އެވެ. އީމާންވުމަށް ފަހު، އޭނާގެ އަމިއްލަ ބަނޑުން ވިހޭ ހަތަރު ދަރިން، ޤާދިސިއްޔާ ހަނގުރާމައިގައި ބައިވެރިވުމަށް ފޮނުވައި އެ މީހުންނަށް ހަނގުރާމަ ކުރަން ހިތްވަރުދީ، އެ ހަތަރު ދަރިން މަރުގެ ކުރިމައްޗަށް ނެރުނެވެ. އަދުއްވުންނާ ހަނގުރާމަ ކުރުމުން ލިބެން ހުރި ޖަޒާގެ މަތިން ހަނދާން ކޮށްދީ، މި ފަނާވަނިވި ދުނިޔެ އަށް ވުރެ އާޚިރަތް މޮޅުވާނެކަން ބުނެދީ އެތައް ވާހަކައެއް ދެއްކުމަށް ފަހު، އެ ކުދިން ކައިރީ ބުނީ މާދަމާ ހެދުނު ތެދުވާއިރު ސަލާމަތުން ތިބެއްޖެ ނަމަ ކާފިރުންނާ ހަނގުރާމަކުރަން ނުކުމެ ހަނގުރާމަ ކުރުމަށެވެ. ﷲ ގެ އިރާދައާ އެކު އަދުއްވުންގެ މައްޗަށް ކާމިޔާބު ހޯދޭނެ ކަމަށެވެ. ހަނގުރާމައިގެ ފޯރި ގަދަވެފައި ވިއަސް ފަހަތަށް ނުޖެހި ޝަހީދު ވާންދެން ވެސް ހަނގުރާމަ ކުރުމަށެވެ. އެ ހާރުން ދާއިމީ ގޮވަތީގެ ޣަނީމާ (އެބަހީ ސުވަރުގޭގެ ނިއުމަތްތައް) ލިބޭނެ ކަމަށެވެ. އެހެންވެ ހަނގުރާމައަށް އެ ހަތަރު ދަރިން ނުކުމެ ކިރިޔާ ވެސް ލޮޑުކަމެއް އެ އިން އެކަކަށް ވެސް އަތުވެއްޖެ ނަމަ ދެން ތިބި މީހުން މަންމަގެ ވަސިއްޔަތް މަތިން ހަނދާން ކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން ފޯރި ގަދަވެ އެވެ. މިގޮތުގައި ހަނގުރާމަކޮށް، އެ ހަތަރު ބެއިން ޝަހީދު ވެގެން ދިޔަ އެވެ. އެކަމަކު، ކުރިން އެއްބަފާ ބޭބެ ނެތި ދިއުމުން ކަން ކުރި ގޮތާ ޚިލާފަށް ޚަންސާ މި ފަހަރު އެ ޚަބަރު ބަލައިގަތީ ކެތްތެރިކަމާ އެކު އެވެ. ޝަހީދުންގެ ދަރަޖަ އެ ދަރިންނަށް ލިބުމުން ހަމްދުކުރާ ހާލު އެވެ. ސުވަރުގޭގައި އެ ދަރިންނާ ބައްދަލުވުމަށް އެދި ދުއާ ކުރަމުންނެވެ.

މިފަދަ އެތައް މިސާލުތަކަކުން އެނގި ހާމަވަނީ އީމާންތެރިކަމަކީ އިންސާނާގެ ނަފުސު އިސްލާހުކުރާ ވަރުގަދަ ބާރެއް ކަމެވެ. އެހެންކަމުން ނަފުސުތައް އިސްލާހުކޮށް މުޅި މުޖުތަމައު ވެސް އިސްލާހު ކުރުމަށްޓަކައި އީމާންތެރިކަން ވަރުގަދަ ކުރަން ޖެހެ އެވެ.





More from Mihaaru