މަގުމައްޗަށް ކުނި އެޅި އެކަކު ޑީޕޯޓުކޮށް، 185 މީހުން ޖޫރިމަނާކޮށްފި

Tue, 07 May 2024 11:17 AM

View on this article on Mihaaru

މަގުމައްޗަށް ކުނި އެޅި އެކަކު ޑީޕޯޓުކޮށް، 185 މީހުން ޖޫރިމަނާކޮށްފި

މާލޭގެ މަގުތަކަށް ކުނި އެޅި 185 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ރޯދަމަހުން ފެށިގެން މާލޭގެ މަގުތަކަށް ކުނި އުކާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. މާލޭގެ އެކި ގޯޅިތަކަށް ބޮޑެތި ކުނިތައް ނެރެފައި ހުންނަ މައްސަލަ ބޮޑުވެ، މާލޭ ސިޓީ ކައުންސިލާއި ވެމްކޯ އަދި ފުލުހުން ގުޅިގެން އެކަން ހައްލުކުރަން ވެސް މަސައްކަތް ކުރި އެވެ.

މައްސަލަ ހައްލު ނުވުމުން ސިޓީ ކައުންސިލުން އަންނަނީ ގަވާއިދާ ހިލާފަށް ކުނި ބަހައްޓާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.

އާޒިމް ވިދާޅުވީ މަގުތަކުގައި ކުނިތައް ބެހެއްޓި މައްސަލާގައި މިހާތަނަށް އެކަކު ޑީޕޯޓު ކޮށްލުމަށް ކަމާގުޅޭ އިދާރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 180 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭގެ ތެރެއިން 85 ޕަސެންޓަކީ ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރާ ކަމަކީ އެގޮތަށް ގެންނަ އަންޑޮކިއުމެންޓެޑް [އެއްވެސް ލިޔެކިޔުމެއް ނެތް] ބިދޭސީން ޑީޕޯޓް ކޮށްލަނީ،" އާޒިމް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އިމިގްރޭޝަނާ ގުޅިގެން އެ ބިދޭސީމީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މަގުތަކަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަނީ 500ރ. އިންނެވެ.

ގެތަކުން ނެރޭ ބޮޑެތި ކުނިތައް މަގު މައްޗަށް އުކާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ވެމްކޯ އިން ވަނީ ކުނި އުކައިދޭ އަގުތައް ވެސް ހެޔޮކޮށްފަ އެވެ.





More from Mihaaru