ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ގައިގައި ހިފުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން: ހީނާ

Tue, 07 May 2024 09:44 AM

View on this article on Mihaaru

ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ގައިގައި ހިފުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން: ހީނާ

ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ގައިގައި ހިފުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ގައިގައި ހިފުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ނޫން ކަމަށެވެ.

ހީނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތަކަކީ ކަމާބެހޭ މުއައްސަސާތަކުން ބަލަންޖެހޭ ކަންތައްތައް ކަމަށެވެ. އެ ކަހަލަ ކަމެއް ހިނގާފައިވާ ނަމަ ކޮންމެ މީހަކަށް ވިއަސް ކަމާ ގުޅޭ މުއައްސަސާތަކުން އެ މައްސަލަތައް ބަލާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ މައްސަލަތަކެއް ހިނގާފައި ހުރެއްޖިއްޔާ ނުވަތަ އެ ކަހަލަ ކަންތައްތަކެއް ހުރި ކަމަށް ވާ ނަމަ އެކަމާ ގުޅޭ މުއައްސަސާތަކުން އެ ކަންތައް ބަލަމުން ގެންދާނެ، އެއީ ކޮންމެ ބޭފުޅަކު ހިންގާފައިވާ ކޮރަޕްޝަނަކަށް ވީ ކަމުގައި ވިއަސް. އެހެން ނަމަވެސް، މި ސަރުކާރުގެ ނިޔަތެއް ނޫން، މި ސަރުކާރުގެ ސިޔާސަތެއް ނޫން ސިޔާސީ ގޮތުން އެއްވެސް ބޭފުޅެއްގެ ގައިގައި ހިފުމަކީ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަށް އެންމެ ބޮޑު ފިއްތުންތަކެއް ކުރިމަތިކުރި އެއް ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ ކަންތައްތަކަށެވެ. އެކަމަކު، ސަރުކާރުން ފެށުނީއްސުރެ ބުނަމުން އައީ އެ މަނިކުފާނު މިނިވަން ކުރުމުގެ ކަންތައްތަކުގައި ގޮތެއް ނިންމާނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށް ވާތީ އެ މައްސަލަތަކުގެ ތެރެއަށް އަތް ނުބާނާނެ ކަމަށެވެ. އެންމެ ފަހުން އެ މައްސަލައިގައި ގޮތެއް ނިންމައި ޔާމީން މިނިވަންކުރީ ހައި ކޯޓުންނެވެ. ނަމަވެސް، އެއީ އަލުން އެ މައްސަލަތައް ބަލަން އެންގުމަށް ފަހު އެވެ.





More from Mihaaru