މެޑިސިން ކިޔަވާ ދަރިވަރުންގެ ކްލާސްތައް މައި ކެމްޕަހަށް ބަދަލުކުރާތީ ކަންބޮޑުވުން، އެދެނީ ދާއިމީ ހައްލެއް!

Fri, 26 Apr 2024 02:16 PM

View on this article on Mihaaru

މެޑިސިން ކިޔަވާ ދަރިވަރުންގެ ކްލާސްތައް މައި ކެމްޕަހަށް ބަދަލުކުރާތީ ކަންބޮޑުވުން، އެދެނީ ދާއިމީ ހައްލެއް!

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމުމާ ގުޅިގެން އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރިޔަސް، އެ ދަރިވަރުންގެ ލެބް ޕްރެކްޓިސް އަށް ބުރޫނާރާނެ ކަމަށް އެމްއެންޔޫ އިން އިއްޔެ ވަނީ ބުނެފަ އެވެ.

ނަމަވެސް ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންގެ ޔޫނިއަނުން ނެރުނު ބަޔާނުގައި ބުނީ، މި މައްސަލައިގައި ސްކޫލް އޮފް މެޑިސިން އަށް ކިޔަވަމުން އަންނަ 200 އަށް ވުރެ ގިނަ ދަރިވަރުންގެ ކަންބޮޑުވުން ލިބިފައިވާ ކަމަށެވެ.

މި ބަދަލާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމަށް އެމްއެންޔޫ އިން ބުނެފައި ވިޔަސް، މިހާރު ގެންނަން މަސައްކަތް ކުރަމުން އަންނަ ވަގުތީ ހައްލުގެ ސަބަބުން ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކިޔަވާ ފައުންޑޭޝަން ސްޓަޑީޒްގެ ދަރިވަރުންނާއި އެހެން ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބުންޏެވެ.

"މިފަދަ ބަދަލަކާ ގުޅިގެން 1،000 އަށް ވުރެ ގިނަ ދަރިވަރުންގެ ތައުލީމު ހާސިލްކުރުމުގެ މަސައްކަތްތަކަށް ސީދާ އަދި ނުސީދާ ގޮތުން އަސަރު ކުރާނެ އެވެ." ދަރިވަރުންގެ ޔޫނިއަނުން ބުންޏެވެ.

ވަގުތީ ހައްލުގެ ބަދަލުގައި އެ ޔޫނިއަނުން އެދެނީ، ޓިޗިން ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ނިންމައި، ދާއިމީ ގޮތެއްގައި މި މައްސަލަ އަށް ހައްލެއް ގެނައުމަށް ކަމަށް ވެސް ޔޫނިއަންގެ ބަޔާނުގައި ވެ އެވެ.

އެ ޔޫނިއަނުން ބުނިގޮތުގައި، މި ކަމުގެ ކަންބޮޑުވުން ފާޅުކޮށް، މި މަހުގެ 24 ވަނަ ދުވަހު ވާނީ ރައީސް އޮފީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އީމެއިލް މެދުވެރިކޮށް ސިޓީއެއް ފޮނުވައިފަ އެވެ.

މި މައްސަލައިގައި އެމްއެންޔޫން ނެރުނު ބަޔާނެއްގައި ބުނީ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުން ކަމަށެވެ. އެމްއެންޔޫން ބުނީ މެޑިކަލް ސްކޫލުގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް، އާންމު ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުންވާތީ ކަމަށެވެ.

އެމްއެންޔޫއިން ބުނީ ޕްރެކްޓިކަލް ލެބްތަކުން ދެވޭ ހިދުމަތްތައް ޔުނިވާސިޓީގައި ގާއިމުކުރުމުގެ މަސައްކަތް ކުރާއިރު، ހޮސްޕިޓަލުން ލިބެން ޖެހޭ އަމަލީ ތަޖުރިބާތަކަށް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށެވެ. މެޑިކަލް ސްކޫލަށް ހާއްސަ ކެމްޕަހެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.

މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނަށް ދަރުމަވަންތައިގައި ގާއިމްކޮށްފައިވާ ކްލާސްރޫމެއް--

ނަމަވެސް ކަންބޮޑުވުން ފާޅުކުރި ބައެއް މެޑިސިން ކިޔަވާ ދަރިވަރުން ބުނި ގޮތުގައި އެ މީހުންގެ ކްލާސްތައް ނަގައިދެމުން އަންނަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން ކަމަށް ވާތީ، ސެންޓްރަލް އެޑްމިނިސްޓްރޭޝަން އަށް ބަދަލުކޮށްފި ނަމަ އިތުރު ތަކުލީފަކާ ކުރިމަތިލާން ޖެހޭނެ އެވެ.

އައިޖީއެމްއެޗްގައި ބައެއް ދަރިވަރުން 24 ގަޑިއިރު އޮންކޯލްގައި ތިބެން ޖެހޭއިރު، އެ ދަރިވަރުން މަޑުކޮށްލާނެ ތަނެއް އެ ތަނުގައި ނެތުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވެ އެވެ.

މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ބަހާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ފުރަތަމަ ދެ އަހަރުގެ ޕްރީކްލިނިކަލްސް އާއި ފަހު ތިން އަހަރުގެ ކްލިނިކަލްސް އެވެ. ދަރިވަރުން ބުނާ ގޮތުގައި ޕްރީކްލިނިކަލްސްގެ ކްލާސްތައް ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށް ގެންދިޔަ ނަމަވެސް، އައިޖީއެމްއެޗްގެ ޑޮކްޓަރުން ކުރިއަށް ގެންދާ ކްލިނިކަލްސްތައް ދުރަށް ބަދަލުކޮށްފި ނަމަ އެކަމުގެ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރާނެ އެވެ.

އެމްއެންޔޫގައި މެޑިކަލް ސުކޫލުގެ ކިޔެވުން ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ކިޔަވައިދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.





More from Mihaaru