އިންޑިއާ މާކެޓު މުހިއްމު، ރާއްޖެ އަށް އާދޭ: ފައިސަލް

Tue, 07 May 2024 12:50 PM

View on this article on Mihaaru

އިންޑިއާ މާކެޓު މުހިއްމު، ރާއްޖެ އަށް އާދޭ: ފައިސަލް

އިންޑިއާގެ މާކެޓު ރާއްޖެ އަށް ވަރަށް މުހިއްމު ކަމަށާއި، އެ ގައުމުން އަންނަ ޓޫރިސްޓުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިހާރު ހިނގަމުން އަންނަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރި ކަމާއި އަމަންއަމާން ކަން ކަމަށާއި އިންޑިއާ ޓޫރިސްޓުންނަށް ވެސް އެފަދަ ރައްކާތެރިކަން ކަށަވަރުކަން ލިބޭނެ ކަމަށެވެ.

އިންޑިއާއަކީ ބޮޑު އާބާދީއެއް އޮންނަ ގައުމަކަށްވާ އިރު، އެއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިއްމު މާކެޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ މި ވަގުތު އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. އެ ގައުމުން މިހާތަނަށް އައީ 44،000 ޓޫރިސްޓުންނެވެ. އެއީ ޖުމްލަ ޓޫރިސްޓުންގެ 5.5 ޕަސެންޓެވެ.

މި ވަގުތު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުން 87،000 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އަށް ލައްކަ ޓޫރިސްޓުން އައިސްފައިވާ އިރު ސަރުކާރުގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.





More from Mihaaru