އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އާ އިމާރާތެއް އަޅަނީ

Tue, 07 May 2024 12:06 PM

View on this article on Mihaaru

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އާ އިމާރާތެއް އަޅަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރަން އެ ސަރަހައްދުގައި ހަތް ބުރީގެ އާ އިމާރާތެއް އަޅަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ޓާޝަރީ ފެންވަރުގައި ހިދުމަތްތައް ދިނުމަށް އެކަށީގެންވާ ޖާގައެއް އެ ތަނުގައި ނެތް ކަމަށެވެ. އެ މަސައްކަތްތައް ކުރެވޭނީ ޖާގަ އިތުރުކޮށްގެން ކަމަށް ވާތީ އާ އިމާރާތެއް އަޅަން ނިންމީ ކަމަށް ޔާސިރު ވިދާޅުވި އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓު ބާއްވަން، ހިތަދޫގެ ކުޅި ހިއްކައިގެން ހެދި ތަނެކެވެ. ނަމަވެސް، ހޮސްޕިޓަލަށް ވަކިން އިމާރާތެއް ހެދުމުގެ ބަދަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމީ ކޮންވެންޝަން ސެންޓަރުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރާށެވެ.

ކުޅި ހިއްކައިގެން އާ އިމާރާތެއް ހެދުމުގެ މަޝްވަރާތައް ކުރިއަށް ގެންދާތީ އާއްމުން ވަނީ އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔާސިރު ވިދާޅުވީ މިހާރު ޕްލޭން ކުރަމުން އަންނަނީ އިމަޖެންސީ ފަޅިން ވަންނައިރު ކަނައަތް ފަޅީގައި އާ އިމާރާތެއް ހެދުމަށް ކަމަށެވެ. އެ ސަރަހައްދުގެ ބޮޑު ބައި ހިކިފައި ހުއްޓަސް، ހަތް ބުރީގެ އިމާރާތަށް އަދި ވެސް ބައެއް ހިއްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ކުޅި ނުހިއްކައި އެކަން ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"ދެ ބިލްޑިންގް ގުޅާލަން ފަސޭހަ ވަނީ އިމަޖެންސީ ފަޅިން ކަނާތު ފަޅީގައި އޮތް ތަނުގައި އިމާރާތް އަޅައިފި ނަމަ. ކުރިން ވެސް ޕްލޭން ކުރަމުން ދިޔަ ކަމެއް މިއީ. އޭރު އެޗްޕީއޭގެ ހުއްދަ ވެސް ލިބިފައި އޮތީ. ނަމަވެސް، ބައެއް ބަދަލުތައް ގެނެސް އާ ޕްރޮޖެކްޓެއް ގޮތަށް މިކަން މިހާރު ކުރަމުން އަންނަނީ،" ޔާސިރު ވިދާޅުވި އެވެ.

މިހާރު ހުރި އިކުއަޓޯރިއަލް ހޮސްޕިޓަލާ އެއް ވަރުގެ އާ އިމާރާތާއެކު، އެ ތަނުގެ ޖާގަ ދެ ގުނަ ވާނެ އެވެ. ޔާސިރު ވިދާޅުވީ އަލަށް ހަދާ އިމާރާތުގައި ޕްރައިވެޓް ކޮޓަރިތަކާ އެކު، އާ ހިދުމަތްތައް ތައާރަފްކުރާނެ ކަމަށެވެ. އެކަމަކު، އެ ތަނުގެ އަމަލީ މަސައްކަތްތައް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.





More from Mihaaru