ޓެކްސް ކޮމިޝަނަރު ކަމަށް ކޮމިޓީގެ ރުހުން ޔަޒީދަށް ނުދީ ޒަރީރަށް ދީފި

Tue, 07 May 2024 12:46 PM

View on this article on Mihaaru

ޓެކްސް ކޮމިޝަނަރު ކަމަށް ކޮމިޓީގެ ރުހުން ޔަޒީދަށް ނުދީ ޒަރީރަށް ދީފި

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރުމަށް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ އެ މަގާމުގައި މީގެ ކުރިން ހުންނެވި ޔަޒީދު މުހައްމަދާއި ޒަރީރުގެ ނަމެވެ.

އިގްތިސޯދީ ކޮމިޓީން މިއަދު ވަނީ މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ވަކިވަކިން ދެ ބޭފުޅުންނަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހައިފަ އެވެ.

މި މަގާމަށް ޔަޒީދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ. ޒަރީރަށް ރުހުން އޮތް ކަމަށް ފާސްކޮށްފައި ވަނީ 10 މެންބަރުންގެ ވޯޓުންނެވެ.

ޒަރީރަށް ރުހުން އޮތް ކަމަށް ކޮމިޓީން ފާސްކުރިއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރަން ފޮނުއްވި ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.





More from Mihaaru