އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރާތީ، އޭޖީ މަގާމުން ވަކިކުރާ މައްސަލަ ނުފެށި މަޝްވަރާ އަށް!

Mon, 05 Jun 2023 09:26 AM

View on this article on Mihaaru

އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރާތީ، އޭޖީ މަގާމުން ވަކިކުރާ މައްސަލަ ނުފެށި މަޝްވަރާ އަށް!

ޗާގޯސް މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ހުރަސްއަޅައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އިހުތިޖާޖު ކުރާތީ، އެ މައްސަލަ ނުފަށައި، މަޝްވަރާ ކުރަން ދެންމެ ޖަލްސާ މެދުކަނޑާލައިފި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަން ރިފްއަތު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން އިންނެވިއިރު، ޖަލްސާ ފެށުމާ އެކު، ނައިފަރު ދާއިރާގެ ޕީޕީއެމްގެ ތިން ކަމަށްވާ ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ އިބްރާހިމް ފަޒުލް ރަޝީދާއި ހުސެއިން މުހައްމަދު ލަތީފް ވަނީ ރިޔާސަތުގެ ކުރިމައްޗަށް އެއްވެ، އިހުތިޖާޖު ކުރަން ފެއްޓެވީ އެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ފެށުމަށް ފުރުސަތު ދެއްވަން އެކި ފަހަރު މަތިން ރިޔާސަތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތަސް އިދިކޮޅުން އެ ފުތުސަތެއް ނުދިނެވެ.

އެކަމަކު، ވަކި ހިސާބަކުން ނަޝީދު ނިންމެވީ މައްސަލަ ފެށޭ ގޮތް ނުވުމުން ޕާލަމެންޓްރީ ގުރޫޕްތަކުގެ ލީޑަރުންގެ މަޝްވަރާ އަށް ޖަލްސާ މެދުކަނޑާލާށެވެ.

އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ދިފާއުވުމަށް މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބު ފޮނުއްވައިފަ އެވެ. ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި ގާނޫނުއަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިދީފައިވާ ކަމަށް ބުނާތީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަނީ އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އެ މައްސަލާގައި ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އެ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް އެދެން ޖެހޭ ކަމަށެވެ.

އެކަމަކު، އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އެކަމަކު، ބުދަ ދުވަހުގެ ޖަލްސާ ނިމުނުއިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ. ރާއްޖެ-މޮރިޝަސް އިން ވަކިކުރި މައްސަލާގައި "ކަނޑު ވިއްކާލި" ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.



More from Mihaaru