ވަންނާނެ ތަނެއް ނެތި ތިބޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިމާންޑުކުރުން: ބާޒާރުމަތީގެ ސަރަހައްދުތަކުން މީހުން ނެގުން އަންގާރަ ދުވަހު ފަށާނެ

Tue, 22 Oct 2024 07:28 PM

View on this article on Huvadhoo News

ވަންނާނެ ތަނެއް ނެތި ތިބޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރިމާންޑުކުރުން: ބާޒާރުމަތީގެ ސަރަހައްދުތަކުން މީހުން ނެގުން އަންގާރަ ދުވަހު ފަށާނެ

މާލޭގެ ބާޒާރުމަތީގެ ސަރަހައްދުތަކަށް ޚާއްސަކޮށްގެން، މަސްތުވާތަކެތި ބޭނުންކުރާ މީހުން ނެގުމުގެ މަސައްކަތް އަންގާރަ ދުވަހުގެ ހަވީރު ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.



މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ވަންނާނެ ތަނެއް ނެތި ތިބި ޒުވާނުން ރިމާންޑް ސެންޓަރުތަކަށް ނެގުމުގެ މަސައްކަތުގެ ތެރެއިން މި ޚާއްސަ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން އައިޑެންޓިފައިކުރެވޭ މީހުން ނަގަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ މިދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް. މަސްތުވާތަކެއްޗާއި ގޭންގުގެ މައްސަލަތަކުގައި ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން,” ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މަސްތުވާތަކެއްޗާ ގުޅޭ ދެ ބިލެއްގެ މަސައްކަތް ނިންމައި، މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، މި ދައުރުގެ ތެރޭގައި މި ބިލުތައް މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޯޕް އައިލެންޑްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ދ. ވާނީގައި މި މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަންނަ ހަފްތާގެ ތެރޭގައި އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު އިޙްސާން ދެއްވި މަޢުލޫމާތުން، ސަރުކާރުން މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަވެގެންދިޔައެވެ. ހާއްސަކޮށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާއި، މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނެގުމާއި، އަދި ކުޑަކުދިން ރައްކާތެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މާލޭގެ ބާޒާރުމަތީގައި ފެށޭ މި ހާއްސަ އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އަޅާ އަވަސް ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުވެ، އާންމު ރައްޔިތުންނަށް އުނދަގޫވާ މިންވަރު ކުޑަވާނެކަމަށް އުންމީދުކުރެވެއެވެ.

ވަޒީރު އިހުސާންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމަށް ޚާއްސަ މަޝްރޫޢުތައް ހިންގުން ހިމެނެއެވެ. ޚާއްސަކޮށް ހޯޕް އައިލެންޑް މަޝްރޫޢުއަކީ ކުޑަކުދިން ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ..



More from Huvadhoo News