ވޭޕަށް ދެވިހިފާފައި އެބަތިބި 9 އަހަރުގެ ކުދިން! އެއަށް އަޅާފައި އޮޅުވާލައިގެން މަސްތުވާތަކެތި ދެނީ، މިއީ އާދަޔާ ހިލާފު ތަފާތު ޓްރެންޑެއް!

Tue, 22 Oct 2024 08:32 PM

View on this article on Huvadhoo News

ވޭޕަށް ދެވިހިފާފައި އެބަތިބި 9 އަހަރުގެ ކުދިން! އެއަށް އަޅާފައި އޮޅުވާލައިގެން މަސްތުވާތަކެތި ދެނީ، މިއީ އާދަޔާ ހިލާފު ތަފާތު ޓްރެންޑެއް!

ރާއްޖޭގައި ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ފަހަތުގައި ހުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވޭޕްގެ ޒަރީއާއިން ކުޑަކުދިންނަށް މަސްތުވާތަކެތި ފޯރުކޮށްދެމުންދާކަން ހިމެނޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ވޭޕްއަށް ދެވިހިފާފައިވާ ކުޑަކުދިންގެ ތެރޭގައި އުމުރުން އެންމެ 9 އަހަރުގެ ކުދިން ހިމެނޭ ކަމަށެވެ. އަދި ސްކޫލުތަކުގައި ކިޔަވަމުންދާ ގދާ ގްރޭޑް 3 ގެ ދަރިވަރުންގެ ތެރޭގައިވެސް ވޭޕްއަށް ދެވިހިފާފައިވާ ކުދިން ތިބިކަން ފާހަގަކުރެއްވިއެވެ.

“މަސްތުވާތަކެތި އޭގެ ތެރެއަށް ލާފައި ކުދިންނަށް އޮޅުވާލައިގެންނާ އެއްޗެހި މަސްތުވާތަކެތި މި ދެނީ. އެހެންވީމާ މިއީ އާދަޔާ ހިލާފު ތަފާތު ޓްރެންޑެއް،” މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ އާންމު އުސޫލުގެ ތެރެއިން ނުފެންނަ އައު ޓްރެންޑެއް ކަމަށާއި، މިކަމުގައި އޮތް އެންމެ ބޮޑު ބިރަކީ މި ނިޒާމުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ޖީލެއް ރާއްޖޭގައި އުފެދިދާނެކަމެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގެ 11 ގައުމުގެ ތެރެއިން 8 ގައުމެއްގައި ވޭޕް ބޭނުން ކުރުން މަނާ ކޮށްފައިވާކަން ފާހަގަ ކުރެއްވި މިނިސްޓަރު، އެ ގައުމުތަކުން މަސްތުވާތަކެތީގެ މައްސަލައަށް ގޮތް ނިންމުމުގައިވެސް “އެޓޭކް” ކޮށްފައިވަނީ ވޭޕަށް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ސްކޫލުތަކުގެ ތެރޭގައި ފަސޭހަކަމާއެކު އަދި އަގުހެޔޮކޮށް ވޭޕް ޑިސްޓްރިބިއުޓްކުރުމުގެ ނެޓްވޯކްތައް ހެދިފައިވާކަން ތަފާސް ހިސާބުތަކުން ދައްކާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށްވެސް ވޭޕް ވިއްކުމުގެ މުޢާމަލާތްތައް ހިންގަމުންދާކަން ފާހަގަކުރެއްވިއެވެ.

ވޭޕް މަނާކުރުމުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ވިދާޅުވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، 18 އަހަރުން މަތީގެ މީހުން އެކަނި ވޭޕް ބޭނުންކުރާނަމަ، އަދި ވޭޕްގެ ޒަރީއާއިން މަސްތުވާތަކެތި ފެތުރުމުގެ މައްސަލަ ނެތްނަމަ، މި ނިންމުން ނުނިންމާނެކަމަށެވެ.

“ދިވެހިރާއްޖޭގައި ވޭޕް، އަޅުގަނޑު ގަބޫލެއް ނުކުރަން 18 އަހަރުން މަތީގެ ބޭފުޅުން ހަމައެކަނި ބޭނުންކުރާ ނަމަ މި ޑިޒިޝަން ރައީސް ނަންގަވާނެ ކަމަކަށް. އަދި ހަމަ އެއާއެކު ވޭޕް ތުރޫކޮށް މަސްތުވާތަކެތި ސްޕްރެޑް ނުކުރާ ނަމަވެސް މި ޑިޒިޝަން މިގޮތަށް ނަންގަވާނެ ކަމަކަށް،” މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެއްޗަކީ އާންމުކޮށް އަގުބޮޑު އެއްޗެއް ނަމަވެސް، ވޭޕްގެ ތެރެއަށް މަސްތުވާތަކެތި އެޅުމަށްފަހު ނިސްބަތުން އަގުހެޔޮކޮށް ވިއްކަމުން ދާކަން ފުލުހުންގެ ތަހުގީގު ތަކުން ހާމަވެފައިވެއެވެ. މިކަމަކީ މަސްތުވާތަކެތި ފަސޭހައިން ފެތުރުމަށް މަގުފަހިވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވޭޕް މަނާކުރުމުގެ ނިންމުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫންކަން ފާހަގަކުރެއްވި މިނިސްޓަރު، މިއީ ދިގު މުއްދަތެއްގެ ތެރޭގައި ކުރެވުނު ދިރާސާތަކާއި ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ ކަމާބެހޭ އެކި މުއައްސަސާތަކުގެ ލަފާ ހޯދާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތެރޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ގެންގުޅުން މަނާކުރުމުގެ އިތުރުން، މިހާރު ބާޒާރުގައި ހުރި ވޭޕް އާލާތްތައް ނައްތާލުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ވޭޕް މަނާކުރަން ނިންމި ނިންމުން ދިފާއު ކުރައްވާ ވިދާޅުވީ ކޮންމެ މީހަކު ކުރި ނަމަވެސް ރަނގަޅު ކަމެއް ކޮށްފި ނަމަ އެކަމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށެވެ. ވުމާ އެކު އެކަން އެގޮތަށް ބަލައިގަތުމަށް އެދިވަޑައިގެންނެވި އެވެ. މި ނިންމުމަކީ ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިން ސިއްހީ ގޮތުން ރައްކާތެރި ކުރުމަށާއި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި އަދި މި ނިންމުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ އުންމީދު މިނިސްޓަރ ފާޅުކުރެއްވިއެވެ.



More from Huvadhoo News