ޕެޓްކެއަރ ފެސިލިޓީއަށް ގެންނަ ބުޅާތަކަށް ފަރުވާ ދިނުމަށް ނަރުހުން ހޯދަނީ

Tue, 22 Oct 2024 11:55 PM

View on this article on Huvadhoo News

ޕެޓްކެއަރ ފެސިލިޓީއަށް ގެންނަ ބުޅާތަކަށް ފަރުވާ ދިނުމަށް ނަރުހުން ހޯދަނީ

ހުޅުމާލޭގައި ގާއިމް ކުރާ ޕެޓްކެއަރ ފެސިލިޓީއަށް ގެންނަ ބުޅާތަކަށް ފަރުވާދިނުމަށް ވެޓެރިނަރީ ނަރުހުން ހޯދުމަށް މާލެސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.



މާލެސިޓީ ކައުންސިލުން ގެޒެޓްގައި އާއްމުކުރި އިއުލާނުގައި ވާގޮތުން ޕެޓްކެއަރ ފެސިލިޓީއަށް ގެންނަ ބުޅާތަކަށް ފަރުވާދިނުމަށް ދެ ނަރުހުން ބޭނުންވެއެވެ. ވެޓެރިނަރީ ނަރުހުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރައަކީ 8،130 ރުފިޔާއެވެ.

މީގެ އިތުރުން، ސަރވިސް އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާ ކަނޑައަޅާފައިވާ އިރު، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، މުސާރައިގެ 35 އިން ސައްތަ ލިބޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި

  • ޕެޓްކެއަރ ފެސިލިޓީއަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމާއި،
  • އާންމު ޗެކަޕްތަކާއި ފަރުވާތަކުގައި ވެޓެރިނޭރިއަންއަށް އެހީތެރިވުން
  • ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުމާއި،
  • ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި،
  • އެނެސްތީސިއާ ބެލެހެއްޓުމާއި
  • އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުންވެސް ހިމެނެއެވެ.

މާލެސިޓީ ކައުންސިލުން ވަނީ ވެޓެރިނަރީ ނަރުހުންގެ އިތުރުން ވެޓެރިނޭރިއަނެއްވެސް ހޯދުމަށް އިއުލާނުކޮށްފައެވެ. ވެޓެރިނޭރިއަނެއްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 35،000 ރުފިޔާއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ހުޅުމާލޭގައި އަޅާ ކެޓް ޝެލްޓާއަށް އަންނަ މަހުގެ ތެރޭގައި ބުޅާތައް ގެންދެވޭނޭކަމަށް ވިދާޅުވެފައެވެ. ހުޅުމާލޭގައި ކެޓްޝެލްޓާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

މި ފެސިލިޓީ ހެދުމަށް އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައިވާއިރު، ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ބިނާ ކުރާ މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ފެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ ކަމަށް މާލެ ސިޓީ ކައުންސިލް އިން މީގެ ކުރިން ވަނީ ބުނެފައެވެ.



More from Huvadhoo News