‘އޮޕަރޭޝަން ކުރަނގި 6891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ނަގައިފި

Tue, 22 Oct 2024 08:35 PM

View on this article on Huvadhoo News

‘އޮޕަރޭޝަން ކުރަނގި 6891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ނަގައިފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 6891 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މި އޮޕަރޭޝަން ފެށީ މިއަހަރުގެ މެއި މަހުގެ 02ވަނަ ދުވަހުއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރައީސްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންފާ “އޮޕަރޭޝަން ކުރަނގި” މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 6891 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް 82 ރަށެއްގަ ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވޭ. އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ އޭޕްރީލް އައުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމާލުން. އެއީ ފުރަތަމަ ފޭސްގެ. އަދި މިހާރު މިފެންނަ އިންޑިކޭޝަންތަކަށް ބަލާއިރު އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް މި މަސައްކަތް ނިންމިދާނެ ކަމަށް. ދާޚިލީ ވަޒީރު

ގްރޭޓަރ މާލެގައި ކުރަނގި އޮޕަރޭޝަން ނޮވެމްބަރު 1ވަނަ ދުވަހު ފަށާން ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި އޮޕަރޭޝަނުގައި 150އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ.

ސަރުކާރުގެ އެސްއޯއީތަކުގެ އެހީ މި އޮޕަރޭޝަނުގައި ހޯދުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫން ކަމަށް މިނިސްޓަރ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ޤައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާ އާއި ފިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ފިލައިގެން އުޅޭ މައްސަލައަށް ފިޔަވަޅު އެޅުމާ ގުޅޭ އައު އުޞޫލުތަކެއްވެސް އެކުލަވާލާފައެވެ.





More from Huvadhoo News