ވިފާގުގެ މަރުގެ މައްސަލައިގެ ހާދިސާ ރިޕޯޓުކަމަށް ބުނެ ދައުރުކުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން: ފުލުހުން

Fri, 18 Oct 2024 02:16 PM

View on this article on Huvadhoo News

ވިފާގުގެ މަރުގެ މައްސަލައިގެ ހާދިސާ ރިޕޯޓުކަމަށް ބުނެ ދައުރުކުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން: ފުލުހުން

މިދިޔަ އޮގަސްޓް 14 ގައި ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ބީޗްވިލާ/ގއ.މާމެންދޫ، ވިފާގް އިބްރާހިމް އަދުނާނުގެ މަރުގެ މައްސަލާގެ ހާދިސާ ރިޕޯޓުކަމަށް ބުނެ، ސޯޝަލްމީޑިއާގައި ދައުރުކުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.



ފުލުހުންގެ ހާދިސާ ރިޕޯޓުކަމަށް ބުނެ، އެކްސްގައި ”ހަސަން ކުރުސީ” ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން އިއްޔެ ވަނީ ރިޕޯޓެއް އާންމުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ހުވަދޫ” އަށް ވިދާޅުވީ އެއީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.

ވިފާގުގެ މަރާ ގުޅޭ ގޮތުން މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވަރަށް ގިނަ މައުލޫމާތުތައް ހާމަކޮށްފައެވެ.

އެ ބައްދަލުވުމުގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ވިފާގް ނަފުސާނީ ބައްޔަށް ބޭސްކޮށް، ތެރަޕީ ނަގާކަން މެޑިކަލް ޑޮކިއުމަންޓްތަކުން ތަހުގީގަށް ކަށަވަރުވާ ކަމަށާއި، އޭނާގެ މަރުގައި ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ވިފާގު ގޭގެ ބެލްކަނިން ފުންމާލަން މަސައްކަތް ކުރުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ސައިކޭޓްރިކް ވޯޑުގައި އެޑްމިޓްކޮށް ފަރުވާދެމުން ގޮސް، ސެޑޭޓްކޮށްގެން އިންޑިއާއަށް ގެންގޮސް އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިން ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ. އަދި 2023 އޮކްޓޫބަރު 19 ގައި އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ޑިސްޗާޖު ސަމަރީގައި ވިފާގުގެ އިމޯޝަނަލީ އަންސްޓޭބަލް ޕާސަނަލީ ޑިސްއޯޑާ ހުރިކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

ވިފާގަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝިފާއު ވިދާޅުވީ މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކުން އެފަދަ އެއްވެސްކަމެއް ފާހަގަކުރެވިފައިނުވާ ކަމަށާއި، އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ވިފާގުގެ ސިއްހީ ލިޔެކިޔުމަކުން އެފަދަ އެއްވެސް ކަމެއް ފާހަގައެއްނުވާ ކަމަށާއި، ވިފާގު މަރުވިއިރު އޭނާއަކީ ބިކުރުވެރިއެއްކަން ފުލުހުންނަށް ޔަގީން ކުރެވިފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.



More from Huvadhoo News