ޙަރާމް ގޮތުގަ ހޯދާ ފައިސާއިން އަނބިދަރިންނަށް ކާންނުދީ، އެފަދަ ހަށިގަނޑަކަށް އައުލާވަނީ ނަރަކަ: ޚުތުބާ

Fri, 18 Oct 2024 01:07 PM

View on this article on Huvadhoo News

ޙަރާމް ގޮތުގަ ހޯދާ ފައިސާއިން އަނބިދަރިންނަށް ކާންނުދީ، އެފަދަ ހަށިގަނޑަކަށް އައުލާވަނީ ނަރަކަ: ޚުތުބާ

ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މަސް ސުވަރުގެ ނުވަންނާނެ ކަމަށާއި، އެފަދަ ހަށިގަނޑަށް އެންމެ އައުލާވެގެން ވަނީ ނަރަކަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.



މި އަދުގެ ހުކުރު ޙުތުބާ އަލިއަޅުވާލީ ޖުވާ ކުޅައުމުގެ ނުބައިކަމުގެ މައްޗަށެވެ އެގޮތުން ޖުވާކުޅައުމުގެ ނުބައިކަން ފާހަގަކޮށް ބުނެފައިވަނީ ޖުވާ ކުޅުމާއި ބާޠިލުގޮތުގައި މުދާ ހޯދައި އެ މުދާ ބޭނުންކުރުމުން ދުރުހެލިވެފައިވާން ޖެހޭ ކަމަށެވެ. އަދި ޖުވާކުޅުމާއި، އަޅުކަންކުރާން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطانއާގެ عملތަކުގެ ތެރެއިންވާ މުޑުދާރު ތަކެތި ކަމަށެވެ. އެހެންކަމުން ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރަކަށް ވާއިރު، އެ ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރާ ކަމަށާއި، އެއީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުން ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައި ކަމަށެވެ. އަދި ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ވެސް ފަށާފަ ކަމަށެވެ.

ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުން ކަމަށެވެ. އަދި އޭގެ ތެރޭގައި ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވެއެވެ.

” ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލާ ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވޭ. މީގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއް. އެހެނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގަ. ނަމަވެސް ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން” ޚުތުބާ

ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެކެވެ. އެ ކަމުގެ ސަބަބުން ދަރަނިވެރިވުމާއި، ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމަށާއި، ޖުވާ ކުޅުމުގެ ސަބަބުން ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތި ވާ ކަމަށެވެ. އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލާ ހިސާބަށްވެސް ކަންތައްދާ ކަމަށެވެ.

“ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭ. މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފަ. ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް. މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ވަނީ ޤާއިމުކޮށްފަ. މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވޭ. މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރުހަދައިގެން ވެސް ދޭ. ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށް ޓަކާ. މީހުންގެ ހިތްތައް ވަނީ މި ޚިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފަ” ޚުތުބާ

އެހެންކަމުން ޖުވގެ ހުރި ނުބައިކަން ފާހަގަކުރަމުން ޚުތުބާގައި ބުނެފައިވަނީ އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހަދަންޖެހޭ ކަމަށެވެ. ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މަސް ސުވަރުގެ ނުވަންނާނެ ކަމަށެވެ. އެފަދަ ހަށިގަނޑަކަށް އެންމެ އައުލާވެގެން ވަނީ ނަރަކަ ކަަމުގައެވެ. މާތް ﷲ އެންގެވި ގޮތަށް މުދަލާއި ތަނަވަސްކަން ބޭނުންކުރުމުގައި ﷲއަށް ތަޤްވާވެރިވެރި ވުމަށާއި، ޖުވާ ކުޅުމާއި ބާޠިލުގޮތުގައި މުދާ ހޯދައި އެ މުދާ ބޭނުންކުރުމުން ދުރުހެލިވެފައިވާ ބަޔަކު ކަމުގައި ވުމަށެވެ. ޙަލާލުގޮތުގައި ރިޒުޤު ހޯދާ ބަޔަކު ކަމުގައި ވުމަށްވެސް ބުނެފައި ވެއެވެ.



More from Huvadhoo News