ވީބީ ހަސަންގެ ކެނޑިޑެސީ ބާތިލްކޮށްފި

Thu, 28 Mar 2024 05:08 PM

View on this article on Furathama

ވީބީ ހަސަންގެ ކެނޑިޑެސީ ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ޙަސަން ޝިޔާމް (ވީބީ ހަސަން) ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތުމުން އޭނާއަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.



ސުޕްރީމް ކޯޓުން މި ހުކުމް ކުރީ އެ ދާއިރާއަށް ވާދަކުރައްވާ އަލީ އާޒިމްގެ ކޮއްކޮ ހ.ކްއީން، އިލްޔާސް އަޙްމަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ޙަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާޙީމާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޙަސަންއަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.

ޤާނޫނު އަސާސީގެ 75 ވަނަ މާއްދާ ބުނާގޮތުން އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށެވެ.

ހަސަން ޝިޔާމްގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ. އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ޝިޔާމް ހިމެނޭހެން 11 މީހެކެވެ.

ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޝިޔާމްގެ ފަރާތުން ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅިއެވެ. ސިވިލް ކޯޓުން އެފަދަ އަމުރެއް ނުދިނެވެ. އަދި ހައި ކޯޓުން ސިވިލް ކޯޓްގެ ނިންމުން ދެމެހެއްޓި ނަމަވެސް މި ހިނދަށް ދަރަނި ދައްކަން ޖެހޭ މީހެއް ގޮތަށް ނުބެލުމަށް އޮތެވެ.

The post ވީބީ ހަސަންގެ ކެނޑިޑެސީ ބާތިލްކޮށްފި appeared first on Furathama.



More from Furathama