ކުރީގެ އިކޮނޮމިކްސް މިނިސްޓަރ ފައްޔާޒް ފުލުހަށް ޙާޟިރުކުރަނީ

Wed, 27 Mar 2024 04:08 PM

View on this article on Furathama

ކުރީގެ އިކޮނޮމިކްސް މިނިސްޓަރ ފައްޔާޒް ފުލުހަށް ޙާޟިރުކުރަނީ

ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަން މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކްސް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ފުލުހުންގެ އިދާރާއަށް ޙާޟިރުވުމަށް ޗިޓް ފޮނުވައިފިއެވެ.



ފައްޔާޒް ވަނީ އެކްސްގައި އެ ޗިޓް ޕޯސްޓްކުރައްވާފައެވެ. ޗިޓްގައިވާގޮތުގައި ފައްޔާޒް ޙާޟިރު ކުރަނީ އާރުޑީސީއަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި، އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކަށް ދޫކޮށް، އާރުޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލާގައި، އާރުޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެތެރެއިން ފައްޔާޒް އިސްމާޢީލަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސުވާލުކުރުމަށެވެ.

ފައްޔާޒް ފުލުހަށް ޙާޟިރުވުމަށް އަންގާފައިވަނީ މާދަމާ 15:00 އަށެވެ.

އެކްސްގައި ފައްޔާޒް ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީކަމަށެވެ. އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫންކަމަށެވެ.

“އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން” ފައްޔާޒް އެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

The post ކުރީގެ އިކޮނޮމިކްސް މިނިސްޓަރ ފައްޔާޒް ފުލުހަށް ޙާޟިރުކުރަނީ appeared first on Furathama.



More from Furathama