އިންޑިއާ އާއި، ލަންކާއާ ދެމެދު ބައިނަލްއަޤްވާމީ ކްރޫޒްގެ ޚިދުމަތް ފަށައިފި

Tue, 06 Jun 2023 12:01 PM

View on this article on Furathama

އިންޑިއާ އާއި، ލަންކާއާ ދެމެދު ބައިނަލްއަޤްވާމީ ކްރޫޒްގެ ޚިދުމަތް ފަށައިފި

އިންޑިއާގެ ޗެންނާއީ އާއި، ސްރީލަންކާއާ ދެމެދު ދަތުރުކުރާ ފުރަތަމަ ބައިނަލްއަޤްވާމީ ކްރޫޒް އުޅަނދު “އެމްވީ އެމްޕްރެސް” ރަސްމީ ދަތުރުތައް ފަށައިފިއެވެ.

މިދިއަ ހޯމަ ސުވަހު މިކަން އިފްތިތާހްކޮށްދެއްވީ ޔޫނިއަން މިނިސްޓަރ އޮފް ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސް ސަރްބަނަންދާ ސޮނޯވާލްއެވެ. އަދި މި މުނާސަބަތުގައި ޗެންނާއީ ބަނދަރުގައި 17.21 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ ކްރޫޒް ޓޫރިޒަމް ޓާމިނަލެއް ވެސް އިފްތިތާހު ކުރެވުނެވެ. 2،880 އަކަމީޓަރުގައި ފެތުރިފައިވާ މި ފެސިލިޓީގައި 3،000 ފަސިންޖަރުން ތިބެވޭނެ އެވެ.

ކްރޫޒް ޚިދުމަތް ތައާރަފް ކޮށްފައިމިވަނީ 2022 ވަނަ އަހަރު ބޭއްވި އިންކްރެޑިބަލް އިންޑިއާ އިންޓަނޭޝަނަލް ކްރޫޒް ކޮންފަރެންސްގައި ޗެންނާއީ ބަނދަރާއި، ވޯޓާވޭސް ލެއިޝާ ޓޫރިޒަމްއާ ދެމެދު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ކްރޫޒް ޚިދުމަތަށް ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ.

“އަޅުގަނޑުމެންގެ އައްސޭރިފަށުގެ ސަރަހައްދުގެ ވަށައިގެންވާ އަޅުގަނޑުމެންގެ މުއްސަނދި ތަރިކައާއި، ސަގާފަތާއެކު އިންޑިއާގައި ކްރޫޒް ޓޫރިޒަމްގެ ގާބިލްކަން ވަރަށް ބޮޑު. މިއަދު ޗެންނާއީ އާއި، ލަންކާއާ ދެމެދު ފުރަތަމަ ކްރޫޒް ޚިދުމަތް ފަށާއިރު، ކްރޫޒް ޓޫރިޒަމް ދާއިރާއަށް އާ ބާބެއް ގެނެސްދީފި” ސޮނޯވާލްއާ ހަވާލާދީ ޕީއައިބީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަލަށް ފަށި ކްރޫޒް ސާވިސް ދަތުރުކުރާނީ ލަންކާގެ ތިން ބަނދަރެއް ކަމަށްވާ ހަމްބަންޓޯޓާ، ޓްރިންކޮމާލީ އަދި ކަންކެސަންޓޫރައި އަށެވެ. ސޮނޯވާލް ވިދާޅުވީ 2024 ވަނަ އަހަރުގެ ނިޔަލަށް އާ ތިން އިންޓަނޭޝަނަލް ކްރޫޒް ޓާމިނަލެއް ހިންގަން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކައިރި މުސްތަގުބަލެއްގައި ގިނަ ބަޔަކަށް ކްރޫޒް ޓޫރިޒަމް ތަޖުރިބާ ކުރުމުގެ ފުރުޞަތު ބޮޑުކަމުން، ކްރޫޒް ޓޫރިޒަމާއި، ކަނޑުގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދީ ފުރުޞަތު ދިނުމަށް ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ވައުދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކްރޫޒް ޚިދުމަތް ހޯދާ ފަސިންޖަރުންގެ އަދަދު ވެސް 2030 ވަނަ އަހަރު 9.50 ލައްކަ އިން 2047 ވަނަ އަހަރު 45 ލައްކަ އަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

The post އިންޑިއާ އާއި، ލަންކާއާ ދެމެދު ބައިނަލްއަޤްވާމީ ކްރޫޒްގެ ޚިދުމަތް ފަށައިފި appeared first on Furathama.



More from Furathama