އައްޑޫން އިނގިރޭސީން ފޭބި ފަހުން ދިޔައީ ފަހަތަށް: ރައީސް

Mon, 05 Jun 2023 12:35 AM

View on this article on Furathama

އައްޑޫން އިނގިރޭސީން ފޭބި ފަހުން ދިޔައީ ފަހަތަށް: ރައީސް

އައްޑޫ ސިޓީން އިނގިރޭސީން ފޭބި ފަހުން އެ ސިޓީ ދިޔައީ ފަހަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އައްޑޫއަކީ އިންޑިއާގެ ދެކުނުން އިސްތިރާޖީ ގޮތުން އޮތް އެންމެ މުހިންމު ޕޮއިންޓް ކަމަށާއި އިނގިރޭސީން ގަން ހިޔާރު ކުރީ އެ ސަބަބަށްޓަކައި ކަމަށެވެ.

“އައްޑޫން އިނގިރޭސީން ފައިބައިގެން ދިޔަ ދުވަހުން ފެށިގެން އައްޑޫ ދިޔައީ ފަހަތަށް. މި ތަނުގައި ހުރި އޭރު އެންމެ ޒަމާނީ އާލާތާއި ވަސީލަތްތައް އައްޑޫން ބޭލި. ދަގަނޑު ތާނގީތައް ގޭސްކަޓަރުން ކަފައި ކުދި ކުރި. ހައިވޯލްޓޭޖް ކޭބަލްތައް ނަގައި ބުރިކޮށް، ބޮނޑި ބަނދެ، ކޮނޑުގައި ޖަހައިގެން ބޭރުކުރި,” އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭރު އައްޑޫ އޮތް ބިނާގެ މަތީގައި ތެދު ނިޔަތަކާއެކު އެ ސިޓީ ބިނާކުރި ނަމަ، އައްޑޫ އެއާޕޯޓުގެ ތަރައްގީއަށް މިއަދު ކުރާ މަސައްކަތްކުރަން ނުޖެހުނީސް ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ރައީސް ފައްޓަވައިދެއްވި އިރު، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއެވެ. އެ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ދަށުންނެވެ.

އެ އެއާޕޯޓް ތަރައްގީކުރަނީ އަހަރަކު 1.5 ޕަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން އެއާޕޯޓް ޓާމިނަލަކާއި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތަކާއި ކޯލްޑް ސްޓޯރޭޖަކާއި ކާގޯ ވަސީލަތްތަކާއި މުޅިން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނަކާއި އެއާޕޯޓްގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރަން ވަނީ ހަމަޖެހިފައެވެ.

The post އައްޑޫން އިނގިރޭސީން ފޭބި ފަހުން ދިޔައީ ފަހަތަށް: ރައީސް appeared first on Furathama.



More from Furathama