ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

Wed, 23 Oct 2024 06:44 AM

View on this article on Adhives Online

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

1. ކިތައްމެ އަހަރުތަކެއް ވަންދެން ނަމާދުކޮށް ހަނު އިނދެ ދުއާކުރި ނަމަވެސް، މީސްތަކުންނަށް ލޯބިކޮށް، އަޅާނުލެވޭ ނަމަ، މާތްﷲއާ މުވާސަލާތް ކުރުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އެހެންވެ، މާތްﷲއަށް ލޯބިކުރާ ނަމަ، މީސްތަކުންނަށް ލޯބިކޮށް އަޅާލަން ޖެހޭ ވާހަކަ ބުނެއެވެ.



2. އިންސާނާގެ ހަށިގަނޑަކީ ކައުނު ކުޑަކޮށްލެވިފައިވާ ކުޑަކޮށްލުމެކެވެ. މާނައަކީ ކައުނުން ފެންނަ އަޖާއިބުތައް އިންސާނާގެ ހަށިގަނޑުން ފެނެއެވެ. ހަޖަމުކުރުމުގެ ނިޒާމައި ލޭ ދައުރުވުމުގެ ނިޒާމާއި ސާފުކުރުމުގެ ނިޒާމު ފަދަ ހަށިގަނޑުގެ އެކިއެކި ނިޒާމުތައް މަސައްކަތްކުރާ ގޮތެވެ. ބަލިތަކާ ހަށިގަނޑު ހަނގުރާމަކޮށް ބަލިތަކުން ޝިފާ ހޯދައިދޭ ގޮތެވެ. ހަށިގަނޑުން އުނިވާ ސެލްތައް އުފައްދައިދޭ ގޮތެވެ. ހަމައެކަނި ހަށިގަނޑުގެ މި ކަންކަމުގެ މައްޗަށް ނަޒަރު ހިންގާލައިފި ނަމަ، މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރުން މަޖުބޫރު ކުރުވައެވެ.

3. އިންސާނާއަށް ހެޔޮ ގޮތްތައް މެދުވެރިވުމަކީ ބައެއް ފަހަރު ހެޔޮ ފާލެކެވެ. އޭނާ ދެކެ މާތްﷲ ލޯބިވެވޮޑިގެންވާ ކަމުގެ އިޝާރާތެކެވެ. އެ އިޝާރާތުން ބިޝާރަތު ލިބިގަނެ، މާތްﷲއަށް ޝުކުރުވެރިވާން ދަސްކުރަން ޖެހެއެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވެގެންނެވެ.

4. އިލާހީ ހިކުމަތް މެދުވެރިކޮށް، މުއުމިނާއަށް ދުއާ ކުރުން ދަސްކޮށްދީ އެކަން ކުރުން އާދަކޮށްދެނީ ހަމައެކަނި އޭނައަށް ލިބިފައި ނެތް، އޭނާގެ ދުނިޔަވީ އެދުންތައް ފުއްދުމަކަށް ނޫނެވެ. މީގެ އިތުރުން، އޭނައަށް ލިބިފައި ނުވާ ކަންކަމާ ނުލައި ދިރިއުޅެން ދަސްކުރުމަށް ވެސް މެއެވެ. އަދި، ހަމައެކަނި އިމްތިހާނުތައް މެދުވެރިވުން ހުއްޓުވާކަށް ވެސް ނޫނެވެ. މީގެ އިތުރުން، އިމްތިހާނުތައް ކުރިމަތިވާ ހިނދު، އެކަންކަމާ ކުރިމަތިލައި އެކަންކަމުން އަރައިގަތުމުގެ ހިއްވަރާއި ބާރު ވެސް ލިބިގަތުމަށްޓަކައެވެ.

5. ފިނޑިކަމަކީ ހަގީގީ މުއުމިނެއްގެ ސިފައަކަށް ނުވާނެއެވެ.

6. މުއުމިނާއަށް އިލާހީ ހިކުމަތްތެރިކަން ތިން ގޮތަކުން ލިބިލިބި ހުރެއެވެ: އިލާހީ އަމުރުފުޅުތަކާއި ނަހީތަކުގެ ތެރެއިންނާއި، އިލާހީ އުނގަންނައި ދިނުމުގެ ތެރެއިންނާއި އީމާންކަމުގެ ތެރެއިންނެވެ. އިލާހީ އަމުރުފުޅުތަކާއި ނަހީތައް މުއުމިނާ އޭނަގެ ހަވާ ނަފްސުގެ އެދުންތަކުގެ އަޅުވެތިކަމުން މިނިވަންކުރުއެވެ. އިލާހީ އުނގަންނައިދިނުންތައް ދުނިޔަވީ ހަޔާތުގެ މަގުސަދާއި ބޭނުމަކީ ކޮބައިކަން އެނގުން މެދުވެރިކުރުވައެވެ. އީމާންކަން، މާތްﷲގެ ހައިބަތާއި ކުޅަދުންވަންތަކަން ހިތައް ގެނެވުން މެދުވެރިކޮށް، މުއުމިނާ ރޫހާނިއްޔަތުގެ މީހަކަށް ހަދާލައެވެ.

The post ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް first appeared on އަދިވެސް އޮންލައިން.



More from Adhives Online