ކޮލަމް އަލި: މާދަރީބަސް މުހިންމުވަނީ ކީއްވެ؟

Wed, 23 Oct 2024 06:37 AM

View on this article on Adhives Online

ކޮލަމް އަލި: މާދަރީބަސް މުހިންމުވަނީ ކީއްވެ؟

މާދަރީ ބަހުގެ މަފްހޫމަކީ މުޢާމަލާތު ކުރުމުގެ އިތުރަށް މާ ފުޅާ ދާއިރާތަކަށް ފެތުރިފައިވާ ވިސްނުމެކެވެ. އެއީ އެ ތަނެއްގެ އަމިއްލަވަންތަކަމާއި ސަގާފަތާއި ތަރިކަ ރަމްޒުކޮށްދޭ އަސާސީ ބަހާއެވެ. ބަހުގެ ޢިލްމުވެރިންނާއި އެންތުރޮޕޮލޮޖިސްޓުން ވެސް ބާރުއަޅުއްވަނީ ބަހަކީ އެމީހުންގެ ވަށައިގެންވާ ދުނިޔެއާ މެދު ފަރުދުންނާއި މުޖުތަމަޢުތައް ދެކޭ ގޮތާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށެވެ. (ކްރިސްޓަލް، 2000). ތެދުތެދަށް ދަންނަވަންޏާ ގައުމެއްގެ މާދަރީ ބަހަކީ އެ ގައުމެއްގެ އާދަކާދަތަކާއި ވާހަކަތަކާއި އިޖުތިމާއީ އަގުތައް އެ ތަނެއްގެ ފަރުދުންގެ ޘަޤާފީ އަސްލަށް ވާސިލްކޮށްދޭ އުޅަނދެކެވެ.



ދިރާސާތަކުން ދައްކާ ގޮތުގައި މުޖުތަމައުތަކުން މާދަރީ ބަސް ދަމަހައްޓައިފި ނަމަ، އެ އެ މުޖުތަމައެއްގެ މީސްތަކުންގެ އަމިއްލަވަންތަކަމާއި އެ މުޖުތަމއެއް ދެމިއޮތުމުގެ އިހުސާސް އުފެދެއެވެ (ޔުނެސްކޯ، 2003). ތިމާގެ އަމިއްލަ ބަހާ އޮންނަ ގުޅުމުގެ ސަބަބުން އަމިއްލަ ވަންތަކަމާއި އަމިއްލަ ނަފްސަށް އޮންނަނ އިތުބާރު ވަރުގަދަކޮށްދެއެވެ. ކަމިންސް (1981) ހާމަކުރައްވާ ގޮތުގައި މާދަރީ ބަހުން ދަސްކުރާ ކުދިން ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރަނގަޅު ނަތީޖާ ނެރެއެވެ. އެއީ އެކުދިންނަށް މިނިވަންކަމާއެކު އަމިއްލަ ނަފްސު ސިފަކޮށްދޭން ފަސޭހަވުމުންނާއި އެ ކުދިންގެ ސަގާފީ ވާހަކަތަކާ ވަރަށް ފުންކޮށް ހިއްސާވެފައި ވުމުންނެވެ. އެ ކަން ފުރިމަ ގޮތުގައި އެ ކުދިންނަށް ހާސިލްކޮށްދެނީ މާދަރީބަހެވެ.

މާދަރީ ބަސްތައް ޙިމާޔަތްކުރުމަކީ އިންސާނާގެ ވިސްނުމާއި ޢިލްމުގެ ތަފާތުކަމަށް މަގުފަހިކޮށްދޭ ކަމެކެވެ. ކޮންމެ ބަހަކީ ވެސް ދުނިޔެ ދެނެގަތުމުގެ ތަފާތު ގޮތްތައް ދައްކައިދޭ ވާސިތާއެކެވެ. ހެރިސަން (2007) ވިދާޅުވާ ގޮތުގައި ބަހެއް ފަނާވުމަކީ އިންސާނީ ތަރިކައިގެ ބައެއް ފަނާވުމެވެ. މިހެންވުމުން މާދަރީ ބަސްތައް ހިމާޔަތްކުރުމަކީ ހަމައެކަނި ފަރުދުންގެ ފަރުދީ މުހިންމުކަމެއް ނޫން ކަމަށާއި ސަގާފީ ސިންދަފާތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ދުނިޔޭގެ ކޮންމެ ގައުމަކުން އިސްކަންދީ ކޮންމެހެން ކުރަން ޖެހިފައިވާ މުހިންމު ކަމެއް ކަމުގައި ކްރިސްޓަލް (2000) ހާމަކުރައްވައިފައިވެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، މާދަރީ ބަސް ޤައުމެއްގެ ރައްޔިތުންނަށް ވަރަށް މުހިންމެވެ. އެއީ އެ ބައެއްގެ އަމިއްލަވަންތަކަމާއި ތަޢުލީމާއި، ޘަޤާފަތް ދެމިއޮތުމުގެ މައިގަނޑު އަސާސަށް މާދަރީ ބަސް ވާތީއެވެ. މާދަރީ ބަސްބަސް ހިމާޔަތްކޮށް ދެމެހެއްޓުމާއި ކުރިއެރުވުމުގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ. އެއީ ވިލުންވެރިކަމާއި ހަރުދަނާކަމާ އެކު ސިންދަފާތީ މުޖުތަމަޢުތައް ކުރިއަރުވައި ތަރައްގީކުރުމުގައި މުހިންމު ބަސްތަކަކަށް މާދަރިބަސްބަސް ވާތީއެވެ.

 

ހަވާލާ ލިސްޓު

ކަމިންސް ޖޭ. ( 1981). ދަ ރޯލް އޮފް ފަސްޓް ލޭންގުއޭޖް އިން ޕްރޮމޯޓިން އެޑިޔުޚޭޝަނަލް ސަކްސެސް ފޮރ ލޭންގުއޭޖް މައިނޯރިޓީ ސްޓޫޑެންޓްސް. އިން ސްކޫލިންގ އެންޑް ލޭންގުއޭޖެ މައިނޯރިޓީ ސްޓޫޑެންޓްސް: އަ ތިއޮރެޓިކަލް ފްރޭމްވޯރކް.

ކޭ. ޑީ. ހެރިސަން. (2007). ވެން ލޭންގުއޭޖް ޑައިސް: ދަ އެކްސްޓިންކްޝަން އޮފް ދަ ވޯލްޑްސް ލޭންގުއޭޖެސް އެންޑް ދަ އިރޯޝަން އޮފް ހިޔުމަން ނޮލެޖް. އޮކްސްފޯރޑް ޔުނިވަރިސިޓީ ޕްރެސް. ޔުނެސްކޯ. (2003)، ލޭންގުއޭޖް ވައިޓަލިޓީ އެންޑް އެންޑޭންޖަރމެންޓް. ނެގީ ،[UNESCO website](https://www.unesco.org).އިން.

ޑޭވިޑް ކްރިސްޓަލް. (2000). ލޭންގުއޭޖް ޑެތު. ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް.

The post ކޮލަމް އަލި: މާދަރީބަސް މުހިންމުވަނީ ކީއްވެ؟ first appeared on އަދިވެސް އޮންލައިން.



More from Adhives Online