ކޮލަމް ކެޔޮނިރު: ވޭޕް ފިހާރަތައް ބަންދު، ދެން މަ ހީހީ! 

Mon, 21 Oct 2024 03:31 PM

View on this article on Adhives Online

ކޮލަމް ކެޔޮނިރު: ވޭޕް ފިހާރަތައް ބަންދު، ދެން މަ ހީހީ! 

އޮންލައިން ނޫހެއްގައި އިއްޔެ އޮތް ސުރުޚީއެއް ފެނުމުން ހަމަ ހީހީ ހަލާކުވެއްޖެއެވެ. އެ ސުރުޚީގައި އޮތީ: "ވޭޕް މަނާކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން މާލޭގައި ވޭޕް ވިއްކާ ފިހާރަތައް ބަންދުކޮށްފި" ކަމަށެވެ. އަޅުގަނޑު ހިތަށް އެރިއެވެ! އަވަހަށް ބަންދުކުރާށެވެ، އަދި ދެން ދުވަހަކުވެސް ނުހުޅުވައްޗެވެ. ސަރުކާރުން ޑްރަގްސް މަނާކުރުމުން ޑްރަގް ވިއްކާ ހުރިހާ ހޭންގްއައުޓްތައް ވެސް ބަނދުކުރާނެ ނަމައެވެ. ވޭޕް ފިހާރަތައް ބަނދު ކުރުމުން އެމްޑީޕީ އަށް ތާއީދުކުރާ ނޫސްތަކުން އެކަންވެސް ޓްވިސްޓް ކޮށްލައިގެން ސަރުކާރުގެ އިމޭޖް ގޯސްވާނެ ގޮތަކަށް މައްސަލަ އަނބުރައިލެވޭތޯ ވަރަށް އެބަ މަސައްކަތް ކުރެއެވެ. މީގެ 1400 ވަރަކަށް އަހަރު ކުރިން ރާ ހަރާމް ކުރެއްވި އިރު އެމްޑީޕީ މީހުން މައްކާގައި ތިބި ނަމަ ރާ ހަރާމް ކުރެއްވުމާ ދެކޮޅަށް އިހުތިޖާޖްކޮށް، ރާ ވިއްކާ ދުއްކާންތައް ވެސް ބަންދު ކުރީސްކަން ޔަޤީނެވެ. ސްޕާތަކުގެ ނަމުގައި ހިންގާ ހުރިހާ ޒިނޭހާނާތައް ބަންދު ކުރިއަސް އެމްްޑީޕީ އާއި އެ ޕާޓީ އަށް ތާއީދުކުރާ މީޑިއާތަކުން އިހުތިޖާޖަށް ތެދުވާނެއެވެ.



އަންނަ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕާއި އެއާ ގުޅޭ އާލާތްތައް އެތެރެކުރުން މަނާކުރުމުގެ ކުރީން، ބާކީ މިއޮތް ވިއްސަކަށް ދުވަހުގެ ތެރޭ ހެސްކިޔައިފައި ވޭޕް އެތެރެކޮށް، ނޮވެމްބަރު 15 ގެ ފަހުން ބްލެކް މާކެޓްގައި ވަގަށް އެތަކެތި ވިއްކަން ރާވާނެ މީހުން ވެސް މިހާރު އުޅޭނެއެވެ. އެފަދަ ކަމަކަށް ކޮންމެވެސް ވަރަކަށް ހުރަސް އެޅުމުގެ ގޮތުން ވޭޕްގެ ބާވަތްތަކުގެ ޑިއުޓީ ނެވެމްބަރު 1 އިން ފޭށިގެން (15 ދުވަހަށް) ބޮޑު ކުރަން ސަރުކާރުން މިހާރު ވަނީ މަޖުލީހަށް ބިލެއް ހުށަހަޅައިފައެވެ. އެމްޑީޕީ އާއި ހުރިހާ ގޭންގްސްޓާރުން ވޭޕާއި ދުންފަތާއި އެފަދަ ހުރިހާ ނުބައި އެއްޗެއް ވިއްކަން މަރުދޭއިރު ސަރުކާރުން ނިންމާފައި ވަނީ އެތަކެތީގެ ޑިއުޓީ ބޮޑުކޮށް، އާއްމު ތަންތަނުގައި ސިނގިރެޓު ނުބޮވޭގޮތަށް ޤާނޫނު ބަދަލުކޮށް، ވޭޕް ވެސް އެއްކޮށް މަނާކުރުމަށެވެ. މިއީ ފިކުރީ ހަނގުރާމައެކެވެ. ލާދީނިއްޔަތާއި ދީނިއްޔަތާ ދެމެދު ކުރެވޭ ފިކުރީ ހަނގުރާމައެކެވެ.

ސިރިންޖުން ގަޔަށް އިންޖެކްޓް ކުރާ ސިންތެޓިކް ޑްރަގާއި، އޭގެ ބޭސްގުޅަ އާއި، އޭގެ ތެލާއި، އެފަދަ ނުރައްކާތެރި އެތައް ޑްރަގަކުން މުޅި ދިވެހި ޤައުމު މިވަނީ ކޮށިއަރައި، ހަލާކުވާން ކައިރިވެފައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެތައް މިލިއަން ރުފިޔާގެ އަގު ހުރި ޑްރަގްސް ކަސްޓަމްސް އިން އެބަ ހިފަހައްޓައެވެ. މިސާލަކަށް، މިދިޔަ ހޮނިހިރު ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކުން ރާއްޖެ އައި، އުމުރުން 33 އަހަރުގެ ދިވެހި ފަސިންޖަރެއްގެ ލަގެޖުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގު ހުރި މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެ އެމީހާ ފުލުހުންނާ ހަވާލުކޮށްފައެވެ. މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ވަނީ ފައްސިވެފައެވެ.

ހަމަ އެފަދަ އެހެން މިސާލެކެވެ. ދާދި ފަހުން ރާއްޖެ އައި އިންޑިއާގެ ދެމަފިރިއެއްގެ ލަގެޖުން އެތައް މިލިއަން ރުފިޔާގެ އަގު ހުރި މަސްތުވާތަކެތި ފެނިގެން އެމީހުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ތިން ގެއެއް ބަލައިފާސްކޮށް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން އަތުން މަސްތުވާ ތަކެއްޗާއި ގިނަ އަދަދެއްގެ ނަގުދު ފައިސާ ވަނީ ފެނިފައެވެ. ކަސްޓަމްސް އަށް ނޭނގި ދުވާލަކު ކިތައް މިލިއަނުގެ ޑްރަގްސް ރާއްޖެ އެތެރެވާނެ ބާވައެވެ؟ އެފަދަ ޑްރަގްސްތައް ވޭޕަށް އަޅައިގެންނާއި އެނޫން ގޮތްގޮތަށް ދިވެހި ޒުވާނުން ހެސްކިޔައިފަ ބޮނީ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި ވައްކަމާއި ފޭރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ އިތުރުން މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުން އަދި މިސްކިތްތަކުގައި ނިދާ ހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ހައްޔަރުކޮށް ރީހެބިލިޓޭޝަން އާއި ފަރުވާ ދިނުމަށްޓަކައި، ނެޝަނަލް ޑްރަގް އޭޖެންސީ އާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ވެސް މި ހަފްތާގައި ވަނީ ފަށައިފައެވެ. ވޭޕާއި، ސިނގިރޭޓު ފަދަ ދުނަފަތުގެ އެހެނިހެން ބާވަތްތަކާއި، އެކި ބާވަތްތަކުގެ ޑްރަގާއި ދެކޮޅަށް މިހާރުގެ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ އެންމެ ބޮޑު ތައުރީފެއް ހައްޤު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ހޯމް މިނިސްޓަރ އަލީ އިހްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއަށެވެ. ސަރުކާރުން އިސްނަގާފައިވާ މި ބިޔަ ބޮޑު، އަދި އެހާމެ މުހިއްމު ޤައުމީ މަސައްކަތަށް އެއްބާރުލުން ދިނުނުގެ ބަދަލުގައި އިދިކޮޅު އެމްޑީޕީ އިން ބަލަނީ ދޮގު ހަދައި، ރައްޔިތުންނަށް އޮޅުވާލުމަށެވެ. މިއީ ޤައުމަށް ހެޔޮ އެދޭނެ ބަޔަކު ކުރާނެ ފަދަ ކަމެއް ނޫނެވެ.

ނޮވެމްބަރ 15 އިން ފެށިގެން ވޭޕާއި ވޭޕްގެ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާކޮށް، 15 ޑިސެމްބަރުން ފެށިގެން ވޭޕްގެ އެފަދަ ހުރިހާ އެއްޗެއް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު، ހިއްވަރު ގަދަ ނިންމުމެކެވެ. ވޭޕްގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކަމާ ދެކޮޅަށް ތެދުވުމަކީ ބޮޑު ޖޯކެކެވެ. މި މުހިއްމު ޤައުމީ މަސައްކަތް ވެސް ސިޔާސީކޮށް، އެފަދަ ވިޔަފާރިވެރީންނަށް ހިއްވަރު ދޭން ފަހަތުގައި އޮންނާނެ ސިޔާސީ ފަރާތަކީ ހަމަ އެމްޑީޕީކަން ކަށަވަރެވެ. ދެމީހަކު ސިއްރުން ނުބައިކަމެއް ކުރާނަމަ އެކަމަށް ހިއްވަރު ދޭން، ތިންވަނަ ފަރާތެއްގެ ގޮތުގައި ޝައިތާނާ އަބަދުވެސް އޮންނާނެއެވެ!

ވޭޕް ފިހާރަތަކުގައި ޑަބަލް ލޮކްއަޅުވައި ބަންދުކޮށްފައި ހަމަ ބަހައްޓާށެވެ. އިހުތިޖާޖުގައި ތިބެލާށެވެ. ދިވެހި ރައްޔިތުންގެ ތާއީދެއް ތިއިން އެއްވެސް ކަމަކަށް ނެތެވެ. ވޭޕް މަނާ ކުރި ގޮތަށް ދުންފަތާއި ސިނގިރޭޓު ވެސް މަނާ ކުރަންވީ އެވެ. ދުންފަތާއި ސިނގިރޭޓް މުޅިން އެއްކޮށް ބޭން ނުކުރެވޭ ނަމަ އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތަށް ޤާނޫނު ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ދުންފަތާއި ސިނގިރޭޓުގެ ޑިއުޓީވެސް ޑަބަލްކުރަން ސަރުކާރުން މިވަނީ ނިންމާފައެވެ. މިއީ ރައްޔިތުން އުފަލާ އެކު ބަލައިގަންނާނެ، އަދި ތާއިދު ކުރާނެ ކަންކަމެވެ. އިހުތިޖާޖު ކުރާ ބަޔަކު އިހުތިޖާޖު ކޮށްކޮށް ތިބޭށެވެ. ރައްޔިތުންގެ ފައިދާ އާއި ލާބައަށްޓަކައި ސަރުކާރުން ކުރާ މިފަދަ ކަންކަން ސިޔާސީކޮށް، އެ ކަންކަމަށް ހުރަސް އަޅަން އެމްޑީޕީ އަޑީގައި އޮވެގެން ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެމްޑީޕީ އަށް އިތުރަށް ގެއްލޭނެއެވެ. ޖަހާ ހުރިހާ ހީލަތްތެރި ސިޔާސީ މަޅި ގޮސް ފެތެނީ ހަމަ އެމްޑީޕީގެ ސިޔާސީ ކަރަށެވެ.

The post ކޮލަމް ކެޔޮނިރު: ވޭޕް ފިހާރަތައް ބަންދު، ދެން މަ ހީހީ!  first appeared on އަދިވެސް އޮންލައިން.



More from Adhives Online