ހިޒްބުﷲއާ ގުޅިފައިވާ ބޭންކްތަކަށް އިސްރާއީލުގެ ހަމަލާތައް

Mon, 21 Oct 2024 11:11 PM

View on this article on Adhives Online

ހިޒްބުﷲއާ ގުޅިފައިވާ ބޭންކްތަކަށް އިސްރާއީލުގެ ހަމަލާތައް

ލުބްނާންގައި ހުރި ބޭންކްތަކުގެ ތެރެއިން ހިޒްބުﷲއަށް ފައިސާ ފޯރުކޮށްދޭ ބޭންކްތަކަށް އިސްރާއީލުން ހަމަލާތައް ދޭން ފަށައިފިއެވެ.



"މިއީ މާލީ ގޮތުން ހިޒްބުﷲ ނިކަމެތިކޮށްލަން އިސްރާއީލުން ކުރިއަށްގެންދާ ރޭވުމެއް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިލް ހަގާރީ ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތާއި އެހެނިހެން ސަރަހައްދުތަކުން މީހުން ނުކުތުމަށް އިންޒާރު ދީފައެވެ.

"އަހަރެމެން މި ދަނީ ހިޒްބުﷲގެ ނިރުބަވެރި ހަރަކާތްތަކަށް މާލީ އެހީ ދޭ ބޭންކްތަކުގެ އިމާރާތްތަކަށް ހަމަލާދެމުން،" އޭނާ ބުންޏެވެ.

ވަކި ބޭންކެއްގެ ނަމެއް ނުބުނި ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ގަރްޒުލްހަސަން ބޭންކްގެ ގޮފިތަކަށް ވައިގެ މަގުން ހަމަލާދީފައެވެ. ހިޒްބުﷲއަށް މި ބޭންކުން އެހީވާކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ.

ބައިރޫތުގެ ދެކުނުގައިވާ މި ބޭންކްގެ ގޮފިތަކަށް ވަނީ ހަމަލާދީފައެވެ. ސޯޝަލް މީޑިއާއަށް މީހުން ލައިފައިވާ ވީޑިއޯތަކުން ފެންނަނީ މި ބޭންކްގެ އިމާރާތްތައް އަނދަމުންދާ މަންޒަރާއި ސުންނާފަތިވެ ވެއްޓެމުންދާ މަންޒަރެވެ.

މި ބޭންކަކީ 2007 އިން ފެށިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ ބޭންކެކެވެ.

"މިއީ ހިޒްބުﷲގެ މާލީ ހަރަކާތްތައް ފޮރުވައި، ބައިނަލްއަގުވާމީ މާލީ ނިޒާމަށް ވަނުމަށް އެ ޖަމާއަތުން ބޭނުންކުރާ ބޭންކެއް،" އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ބުންޏެވެ.

އެ އިދާރާއިން ބުނީ މި ކަމުގެ ސަބަބުން ލުބްނާންގެ މާލީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމަށް ހިޒްބުﷲއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

"މި ވަގުތަކީ އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ލުބްނާނަށް ނުރައްކާވެފައިވާ ދުވަސްވަރެއް،" އެ އިދާރާއިން ބުންޏެވެ.

ގަރްޒުލްހަސަން ބޭންކްގެ 30 ގޮފި ލުބްނާންގައި ހުރެއެވެ. އޭގެ ތެރެއިން ބައެއް ގޮފިތައް ހުންނަނީ އާއްމުން ދިރިއުޅޭ އިމާރާތްތަކާ ގުޅިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދިންތާ އެއް ދުވަސް ފަހުން ހިޒްބުﷲއިން އިސްރާއީލަށް ހަމަލާދޭން ފެށުމުން ލުބްނާނާއި އިސްރާއީލާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ލުބްނާންގެ 2،464 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 127 ކުޑަކުދިން ހިމެނެއެވެ. އަދި ލުބްނާންގެ 1.2 މިލިއަން މީހުންގެ ގެދޮރުވަނީ ސުންނާފަތިވެފައެވެ.

އަލް-އަރަބިއްޔާއަށް ދެއްވި އިންޓަވިޔުއެއްގައި ލުބްނާންގެ ބޮޑު ވަޒީރު ނަޖީބު މީގާތީ ވިދާޅުވީ މިދިޔަ މަހު މެދުތެރެއަށް ފަހު ހިޒްބުﷲއާ އެއްވެސް މުއާމަލާތެއް އޭނާ ނުކުރައްވާކަމަށާއި ލުބްނާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ޑިޕްލޮމެޓިކް ގޮތުން ވާހަކަދައްކައިގެންކަމަށް ގަބޫލުކުރައްވާކަމަށެވެ.

The post ހިޒްބުﷲއާ ގުޅިފައިވާ ބޭންކްތަކަށް އިސްރާއީލުގެ ހަމަލާތައް first appeared on އަދިވެސް އޮންލައިން.



More from Adhives Online