ވައިކުޑައިން ވައްޓައިލި ކޮންޓޭނަރު ދަށުވެ ފަލަސްތީނު ކުޑަކުއްޖަކު މަރު

Tue, 22 Oct 2024 12:35 AM

View on this article on Adhives Online

ވައިކުޑައިން ވައްޓައިލި ކޮންޓޭނަރު ދަށުވެ ފަލަސްތީނު ކުޑަކުއްޖަކު މަރު

އެއްގަމު މަގުން ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް އިސްރާއީލުން ހުރަސްއަޅައިފާތީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ވައިގެ މަގުން ވައްޓައިލި ކޮންޓޭނަރެއް ދަށުވެ ފަލަސްތީނުގެ އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.



ޚާން ޔޫނިސްގައި ހިނގި މި ހާދިސާގައި ސާމީ އައްޔާދު އާއި އޭނާގެ އާއިލާ ތިބީ ހެދުނު ނާސްތާކުރުމަށެވެ.

"ކޮންޓޭނަރު އަހަރެމެންގެ ބޮލާ ދިމާއަށް ވެއްޓެމުން އަންނަ ތަން ފެނުމުން ޓެންޓްތެރެއަށް ވަންނަން މަސައްކަތްކުރިން. ނަމަވެސް އޭގެ ދަށުވެ ސާމީ މަރުވީ. އޭނާގެ ބޮޑު ދައިތައަކާއި ދެބެންގެދެދަރި ކުއްޖަކުގެ މޫނަށާއި ފަޔަށް އަނިޔާވި. މި ތާނގައި ހޮސްޕިޓަލެއް ނެތް. ސާމީ ވަގުތުން މަރުވި. އޭނާގެ ނޭފަތުންނާއި އަނގައިން ލޭ އައި،" ސާމީގެ ކާފަ ސީ.އެން.އެން.އަށް ބުންޏެވެ.

ޣައްޒާއަށް ވައިގެ މަގުން އެހީގެ ކޮންޓޭނަރުތައް ވައިކުޑައިގައި ވައްޓައިލި ގައުމުތަކުގެ ތެރޭގައި ޔޫ.އޭ.އީ.ގެ އިތުރުން އެމެރިކާ، އިނގިރޭސި ވިލާތް އަދި އުރުދުން ހިމެނެއެވެ.

"އަހަރެމެންނަކީ އިންސާނުން. އުޑުން ކާބޯތަކެތި ވައްޓަން ތިބި ޖަނަވާރުންނެއް ނޫން. އަރަބި ގައުމުތަކުން ވެސް އަހަރެމެންނާ ދޭތެރޭ ހިތަނީ އިހާނެތިކޮށް. އަހަރެމެން ބޭނުންވަނީ އެހީއެއް ނޫން. އަހަރެމެން ބޭނުމީ ޝަރަފުވެރި ދިރިއުޅުމެއް. ނިދައިފައި އަނެއް ދުވަހު ހެދުނު ފުރާނައައިގެން ހޭލެވޭނެކަމުގެ އުއްމީދެއް ވެސް ނެތް. މީގެ ކުރިން މި ހިސާބަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދިން. އެ ފަހަރު ސާމީ ސަލާމަތްވި. ނަމަވެސް މި ފަހަރު މިވަނީ ވައިކުޑައިން ވައްޓައިލި ކޮންޓޭނަރެއް ދަށުވެ އޭނާ މަރުވެފައި،" ސާމީގެ ބޮޑު ބޭބެ މަހްމޫދު ސީ.އެން.އެން.އަށް ބުންޏެވެ.

ޚާން ޔޫނިސްއަށް ވައިކުޑައިން ވައްޓައިލައި ކޮންޓޭނަރުތަކުގެ މައުލޫމާތު ބަލަހައްޓަނީ އިސްރާއީލުންނެވެ. އިސްރާއީލުން ބުނީ ސާމީ މަރުވި ހޮނިހިރު ދުވަހު ޔޫ.އޭ.އީ.އިން ޣައްޒާއަށް 81 ކޮންޓޭނަރު ވައިކުޑައިން ދޫކޮށްލިކަމަށެވެ. އަދި ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި 10،000 އަށްވުރެ ގިނަ ކޮންޓޭނަރު ޣައްޒާއަށް ވައްޓައިލިކަމަށެވެ.

އެއްގަމު މަގުން ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގައި އިސްރާއީލުން ހުރަސްއަޅައިފައިވާތީ ޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން މީހުން ތިބީ ބަނޑަށްޖެހުމުގެ ތުންފަތްމަތީގައިކަމަށް އދ.އިން ބުންޏެވެ.

ވައިކުޑައިން ކާބޯތަކެތީގެ ކޮންޓޭނަރުތައް ވައްޓައިލުމާ ދެކޮޅަށް އިންސާނީ ހައްގުތައް ރައްކާތެރިކުރާ ޖަމާއަތްތަކުން އަބަދުވެސް ފާޑުކިޔައެވެ. މި ފަދަ ކޮންޓޭނަރުތައް ދަށުވެ ފަލަސްތީނުގެ ބައެއް މީހުން މަރުވެފައިވާކަމަށް ސީ.އެން.އެން.އިން މީގެ ކުރިން ވެސް ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދިނުމުން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 42،603 މީހުން ޝަހީދުވެ، 99،795 މީހުން ޒަހަމްވެފައިވެއެވެ.

The post ވައިކުޑައިން ވައްޓައިލި ކޮންޓޭނަރު ދަށުވެ ފަލަސްތީނު ކުޑަކުއްޖަކު މަރު first appeared on އަދިވެސް އޮންލައިން.



More from Adhives Online