މީހަކު ބުނާ ވާހަކައެއް: ގަހަކުން ލިބިދޭ ފިލާވަޅެއް

Mon, 21 Oct 2024 07:45 AM

View on this article on Adhives Online

މީހަކު ބުނާ ވާހަކައެއް: ގަހަކުން ލިބިދޭ ފިލާވަޅެއް

"ފެން ވަޅެއްގެ އެއްފަރާތުގައި، ގަހެއް ކަރުހިއްކައިގެން ފެން ފޮދަކަށް ބޭނުންވެ ހުއްޓެވެ. ނަމަވެސް ވަޅާ ދިމާއަށް ގުދުވެ، ތިރިނުވެ، ފެނަށް އެދި، ސަލާންޖަހަން ނުހަދައި، ގަސް މަރުވިއެވެ!"



މި ގަހަށް، މަރްހޫމް ސަލާހުއްދީނުގެ ބަސްފުޅު އަޑު އިވިފައިވާ ކަހަލައެވެ:

"ލަދެއް ނެތި އަތް ދިމާ ކުރުމީ ތިމާގެ އެދުންތަކާ މެދުގައި

ހިނގާ ގޮސް އަނެކަކުގެ ގާތަށް ކަމެއްތޯ ހުތުރ ނުވެދާނޭ"

ކޮންމެއަކަސް، މި ގަހުން އިބުރަތް ލިބި ގަނެ، މި ގަސް ފަދައިން ތިމާގެ ނަފްސުގެ ގަދަރާއި އިއްޒަތް ރައްކާކުރާށެވެ! ތިމާއަކީ، ތިމާއާ ދިމާއަށް އުކާލެވޭ އެއްޗަކަށް، އެއީ ކޮންމެ އެއްޗަކަށްވީ ކަމުގައި ވިޔަސް، ތިމާގެ ޟަމީރާއި ތިމާގެ އިންސާނީ ކަރާމަތް ވިއްކާލާ މީހަކު ކަމުގައި ނުވާށެވެ.

އެއާ ޚިލާފަށް، ތިމާގެ އެދުންތަކާ މެދުގައި އަނެކުންގެ ގާތަށް ނުގޮސް، ތިމާގެ މަސައްކަތުން އެކަންކަން ފުއްދޭތޯ ބަލާށެވެ! ފަރުދެއްގެ ވިޔަސް، ނޫނީ ގައުމެއްގެ ވިޔަސް، އިގުތިސާދީ ފުދުންތެރިކަން ނެތި، އެ މީހުންގެ މިނިވަންކަމެއް، އެ މީހުންގެ އިއްޒަތާއި ކަރާމަތެއް ނުހިފެހެއްޓޭނެއެވެ. މިހެންވެ، ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު، މަދީނާގެ ޣައިރު މުސްލިމުންނާވީ އެއްބަސްވުންތަކުގައި، އޭރު މުސްލިމުން ތިބީ އިގުތިސާދީ ގޮތުން ވަރަށް ވެސް ބަލިކަށިކޮށް ކަމަށް ވިޔަސް، ވިދާޅުވީ، ތިމަންމެން މުސްލިމުންނަކީ އެހެން މީހުންގެ މައްޗަށް އޮތް ބުރައަކަށް ނުވާނޭ ކަމެވެ. މާނައަކީ ތިމަންމެންގެ ބޭނުންތައް ފުއްދާނީ ތިމަންމެންގެ އަމިއްލަ މަސައްކަތުން ކަމެވެ. ދެން، މިކަން ހަގީގަތަކަށް ހަދާލުމުގެ ގޮތުން، އެންމެ ފުރަތަމަ މުއާޚާތުގެ މުއައްސަސާ އުފެއްދެވިއެވެ. ކޮންމެ މީހަކީ ވެސް އެހެން މީހުންނަށް އަޅާލަން ޖެހޭ މީހަކަށް ހެއްދެވިއެވެ. މިއީ ވަގުތީ ފިޔަވަޅެކެވެ. ނަމަވެސް، މި ކަމުގެ ސަބަބުން، އާންމު އަފުރާދުންގެ ކިބައިގައި މި އިހުސާސާއި އަގު އުފެދި އިތުރުވެގެން ދިޔައެވެ. މި ކަމުގެ ސަބަބުން، ޒަކާތް ދިނުން އެއީ ފަސޭހަކަމަކަށް ވެގެން ދިޔުން ފަހިވިއެވެ. މި ވަގުތީ ފިޔަވަޅަށް ފަހު، 'މަދީނާގެ ބާޒާރު' އުފެއްދުނެވެ. މިކަމާ ބައެއް ޔަހޫދީ ގަބީލާތަކުން ނުރުހި، އެ ބާޒާރުގެ ޓެންޓުތަކުގެ، އާދެ، މިހާރުގެ އިބާރާތުން ނަމަ، އިސްޓޯލުތަކުގެ، ވާތަށް ކަނޑާލައި ހަލާކުކޮށްލިއެވެ. ދެން، މި ހިސާބުން، މަދީނާގެ ޔަހޫދީން މުސްލިމުން ނައްތާލުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް، މި މަސައްކަތް ނާކާމިޔާބުވެ، ޔަހޫދީ ގަބީލާތައް މަދީނާއިން ނިކުންނަން ޖެހުނެވެ.

މުޖުތަމައެއްގެ ވާޖިބަކީ އަފުރާދުންގެ ބޭނުންތައް ފުއްދޭނޭ ގޮތެއްގައި އެމީހުންނަށް މަސައްކަތްކުރެވޭނޭ ގޮތް މުޖުތަމައުގައި އުފެއްދުމެވެ. ސަރުކާރެއްގެ އެންމެ އިސް ވާޖިބަކީ މިއެވެ. ސަރުކާރަކަށް އިގުތިސާދީ ލަފާދޭ މީހުންގެ ވެސް އެންމެ އިސް ވާޖިބަކީ އެކަން ކުރާނޭ ގޮތް ބުނެދިނުމެވެ. އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި، މި އަމާޒާ ހަމައަށް ވާސިލުވުމުގެ މަސައްކަތް، ހރުދަނާ ގޮތެއްގައި ފެށުމެވެ.

The post މީހަކު ބުނާ ވާހަކައެއް: ގަހަކުން ލިބިދޭ ފިލާވަޅެއް first appeared on އަދިވެސް އޮންލައިން.



More from Adhives Online