ވާހަކަ: ލޯބި އައްޑޫން- ސިއްރުސިއްރުން

Mon, 21 Oct 2024 12:33 AM

View on this article on Adhives Online

ވާހަކަ: ލޯބި އައްޑޫން- ސިއްރުސިއްރުން

ސ. ހިތަދޫގެ ހުޅަނގު ފަރާތަށް ގޮސް ބިޔަ ކަނޑުގެ ތެރެއަށް އިރު ފީނައިގެންފި އެވެ. ވައިރޯޅިއާ އެކުވެގެން އެ ކަނޑުން އަންނަ އާދަޔާ ޚިލާފު ލޮނު ވަސް ޒަޔާންގެ ނޯށަށް ވަންނަމުން ދިޔައެވެ. އޭނާ އައި ބޯޓު ފާލަމާ ކައިރިކޮށްލިތަނާ އޭނާ ފައިބައިފިއެވެ. އެ ދިގު ފާލަމުން އޭނާ ދިގު ފިޔަވަޅުތަކެއް އަޅަމުން އެއްގަމަށް ދިޔައެވެ. އެއީ އޭނާ އަށް އަދިވެސް ހަނދާންނުނެތޭ މަގެކެވެ. އޭނާ ނުހަނު ފަރިތަކަމާއެކު ޒީނިޔާމާގެޔާ ދިމާއަށް ހިނގަމުން ދިޔައެވެ. އެ ގެ ހުންނަނީ ކޮރޮވަލާއި މޫލެކެޑާ ދެމެދު ބެދޭ މަގެއްގައެވެ. އެއީ އޭނައަށް ނުހަނު ހިތްގައިމު ހިސާބެއް ވެސްމެއެވެ.



އޭރު ޒަޔާންގެ ހިތް ތެޅެމުން ދިޔައެވެ. އެންމެ ފަހުން މި ރަށުން ފުރައިގެން ދިޔަތާ އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔައީއެވެ. ގިނަ ކަންތައްތަކެއް ބަދަލުވި ނަމަވެސް އަދިވެސް ހީވަނީ ހަމަ އެދުވަސްހެންނެވެ. ނަމަވެސް އޭނާގެ ޚިޔާލުތައް މުޅިން ފޯކަސްކޮށްފައިވަނީ ހަމަ އެކަނި މި ރަށަކަށް ނޫނެވެ. އޭނާގެ ހިތް ހަނދާންތަކުން ފުރިފައިވަނީ ވަރަށް ޚާއްސަ ބަޔަކަށެވެ.

"ޒަޔާން! މަރުހަބާ! ބައި. އަވަހަށް ބައި!"

މުހަދަބެއްޔާގެ ބަރު އަޑުން އޭނާ ސިއްސުވާލިއެވެ. ވަރަށް ބޮޑަށް ހިނިތުންވެފައި ހުރި ޒަޔާންގެ ބައްޕަގެ ކުރީގެ ރަހުމަތްތެރި މޮހަދަބެއްޔާ އޭނާއާ ކައިރިއަށް ޖެހިލިއެވެ. އަދި ވަރަށް ބާރަށް އަތުގައި ހިފައި ސަލާމްކޮށްލުމަށް ފަހު އޭނާގެ އަތް ޒަޔާންގެ ކޮނޑުމަތީ ބޭއްވިއެވެ.

"ޝުކުރިއްޔާ ބެއްޔާ. ހުރީ މިއަށް ވުރެންވެސް ކުރިން އާދެވޭނެ ކަމަށް. އެކަމަކު ކިޔެވުން މުޅިން ފުރިހަމަކޮށްފައި ނޫނީ ނާންނަން ހުރީ." ޒަޔާން ޖަވާބު ދިން އިރު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ފަހަތުން ދުވެފައި ގޮސް ނިވާވި ދެ ހިޔަންޏަކަށެވެ.

ޒަޔާންގެ ޚިޔާލުތައް މީގެ އަހަރުތަކެއް ކުރިއަށް ޖެހިލިއެވެ. ވިދާލި ވިދުވަރެއް ފަދައިން އޭނާގެ ލޯމަތީން ފެނިފައި ގެއްލިގެން ދިޔަ ހިޔަނިތަކަކީ ކުރީގައި އޭނާ މި ރަށަށް އައިސް ހުރި އިރު އޭނަޔާ އެކީ ކުޅެން އުޅުނު ދެ ކުދީން ކަމަށް ވެދާނެއެވެ. އެއީ ފާތުމައާއި މަރިޔަން އެވެ. މުހަދަ ބެއްޔާގެ ދެ އަންހެން ދަރީންނެވެ. ފާތުމަ އަށް އޭރު ވާނީ ދިހަވަރަކަށް އަހަރެވެ. މަރިޔަންއަށް ހަތެއް ނުވަތަ އަށް އަހަރެވެ. އޭރު ޒަޔާންގެ އުމުރުންވެސްވީ އެންމެ ބާރަ އަހަރެވެ. އޭރު ވެސް ފާތުމައަކީ އަބަދުވެސް މަޑުމައިތިރި، ލަދުވެތި އަދި ބަސްމަދު ކުއްޖެއް ކަމުގައިވީ އިރު  މަރިޔަމް އެޔާ އިދިކޮޅެވެ. ސަކަރާތްގަތުމާއި ލަނޑު ދިނުމާއި މިކަހަލަ ހުރިހާ ނުލަފާ އާދަތަކެއް ހުއްޓެވެ. އެކަމަކު އަބަދުވެސް ހުންނާނީ ޒަޔާންގެ ތޮއްވަރީގައެވެ. ކޮންމެވެސް ގޮތަކުން އޭނާ ޒަޔާންގެ ސަމާލުކަން ހޯދާނެއެވެ. އޭރު އެއީ ހަމައެކަނި ކުޑަކުދިން ނަމަވެސް މިހާރު އެ ދެ ކުދިން ވަނީ މުޅީން ބަދަލުވެފައެވެ. އެހެންކަމުން އެ ދެ ކުދީން ދުށުމަށް އޭނާގެ ލޯ ކެތްމަދުވަމުން ދިޔައެވެ.

އެ ގެއަކީ ހަމަ އޭނާގެ ހަނދާނުގައި ހުރި ގޮތަށް، ބަދަލެއް ނައިސް ހުރި ގެއެކެވެ. އަމިއްލަ ގެކަމުގެ އިހްސާސް ހަމަ އެވަރަށް އަދިވެސް ވެއެވެ. އޭނާ ކުރީ ފަހަރު އައިސް ހުރި ކޮޓަރި އަދިވެސް ހުރީ ހުހަށެވެ. އެކަމަކު އޭރު ހުރީ ދަނޑިފަނުންނެވެ. މިހާރު ރާނައި ޓިނު ޖަހައިފައެވެ.  އެތެރެއަށް ފިޔަވަޅެއް އެޅުމާއެކު އޭނާގެ ކުރިމަތިން ފެނުނީ ފާތުމައާއި މަރިޔަމް ދިމާ ކުރިމަތީގައި ތިބި ތަނެވެ. ފާތުން ހުރީ ފާސްކުރި ހެދުމެއް ލައިފައެވެ. މިހާރު އޭނާގެ އިސްތަށިގަނޑު ސްޓައިލްކޮށްފައި އެވަނީ އޭނާ ކުޑައިރު ދޯންޏެއް ބަންޑުންވެ ހިނގި އެކްސިޑެންޓެއްގައި ނިތްކުރީގައި ލީ ލަކުނު ފޮރުވޭނެ ގޮތަކަށެވެ. ފާސްކުރި ހެދުމަކީ ފާތުންގެ ހުންނަ ބައްޓަމުގެ ކުދީންނަށް ޚާއްސަ ހެދުމެއްހެން ހީވެއެވެ. އެ ހެދުމުން އޭނާގެ ރީތި ބައްޓަން ވަކީން ފުރިހަމަކޮށް ފެނިގެން ދެއެވެ.

ޒަޔާން ފާތުންގެ މޫނަށް ސަމާލުކަންދީގެން ބަލަން ހުރިތަން ފެނުމުން ބޭއިޚްތިޔާރުގައި އޭނާގެ އަތުން ނިތްކުރީގެ ލަކުނު ކުރީން ހުރި ދިމާ ފޮރުވާލެވުނެވެ. ފާތުން އެނބުރިލުމުން އޭނާގެ ދިގު، ކަޅު އިސްތަށިގަނޑު ބުރަކަށީގެ ތިރިއަށް ފާސްކުރި ހެދުމުގެ ފަހަތުން އުނަގަނޑަށް ވުރެން ތިރިއަށް ފައިބާފައިވާތަން ފެނުނެވެ. އޭނާގެ މޫނަށް އަރާފައިވާ ލަދުވެތިކަމުގެ ޖަންބު ކުލަ ޒަޔާންއަށް ފާހަގަކުރެވުނެވެ.

މަރިޔަން އާދައިގެ މަތީން ހަލަނިވެފައި ހުއްޓެވެ. އޭނާގެ ޒުވާންކަމުގެ ރީތިކަން ފާޅުކޮށްދޭ ޒަމާނީ ހެދުމެއް ލައިގެން ހުރިއިރު، އޭނާގެ ހިނިތުންވުން ވަކީން އުޖާލާވެފައި ސަމާސާކަން ބޮޑެވެ.

"އަފިރިން މަތިން ޒަޔާން ހަނދާނަކަސް ނެތް ދީ؟" އޭނާ ޒަޔާންގެ ކުރިމަތީގައި ކުޑަވެސް ޖެހިލުމެއް އެއް އިރަކުވެސް ނުހުރެއެވެ. އޭނާގެ އަޑުގައި ވަނީ މައިތިރިކަމެވެ. އެކަމަކު އޭނާގެ ދެލޯ ޒަޔާން ފޫއަޅުވާލާފައި ވެއެވެ.

"ކިހިނެއް ހަނދާން ނައްތާލާނީ؟" ރީތި ދެ ފަތްމިނީންގެ ދެމެދުގައި ޒަޔާން ހުރި އިރު އޭނާގެ ނަޒަރު އަމާޒުކުރަންވީ ކާކަށް ކަމެއް މިހާރަކު ނޭނގެއެވެ. އޭނާ މަރިޔަންގެ ސުވާލަށް ޖަވާބު ދިނެވެ.

"އެނބުރި އައިކަން ރަނގަޅެއް ނޫންތަ؟"

ކޯތާފަތަށް ފިޔާތޮށި ކުލަ އަރާފައިވާ ފާތުމާ އެނބުރިލާފައި، އެކަމަކު މަޑުމަޑުން "ވެލްކަމް ބެކް، ޒަޔާން" އޭ ބުނެލިއެވެ.

ފާތުމަގެ ނިތްކުރީގައި ހުރި ފަނޑު ލަކުނު މިހާރު ވަނީ މުޅިންހެން ފިލާފައެވެ. ކުރީގައި އެކަން ނޭނގޭ މީހަކަށް ފާހަގަވެސް ނުކުރެވޭނެއެވެ. ފާތުމަ އިސްއުފުލާފައި ޒަޔާންއަށް ބަލާލިއެވެ. އަދި ނިތްކުރިމައްޗަށް އިސްތަށިކޮޅެއް ވައްޓާލިއެވެ.

"ފާތުމައާ އަލުން މިއޮތީ ބައްދަލުވެފައެއްނު! ކަލޭމެން ދެމީހުން ވެސް މުޅީން ބަދަލުވެއްޖެނު."

މަރިޔަން ޒަޔާންއާ ގާތަށް ފިޔަވަޅެއް އަޅަމުން ހީލާފައި ބުންޏެވެ.

"ރަނގަޅަށްވެސް ބައްދަލުވީ އިރާދަކުރެއްވިއްޔާ!"

ޒަޔާން ހީލިއެވެ. "އަހަރެންވެސް ތިޔަހެން ބުނާނަން."

ފެންޑާއިން މޮހަދަ ބެއްޔާ ފާތުމައަށް ގޮވާލިއެވެ. "އަފިރިން އިޝާ ނަމާދުން ނިމިގެން އޭކަލަކި ކާއު ހަދަފެއި ބާހިށުވާތި."

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޒަޔާން އަނެއްކާވެސް ހިތަދޫގެ ދިރިއުޅުމުގެ ފަސޭހަކަމާއި ހިތްގައިމުކަމުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. ފާތުމަ ނުހަނު ހަމަހިމޭންކަމާއެކު ލިބޭ ހުރިހާ ފުރުސަތެއްގައި ވެސް ޒަޔާންއާ އެކު ހޭދަކުރިއެވެ.

ޒަޔާން ދުވާލުގެ ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ގަމުގައެވެ. އެއީ އިނގިރޭސިން ދިއުމުން އޭނައާ ހަވާލުކުރެވޭނެ މުހިންމު މަސްއޫލިއްޔަތަކަށް ތަމްރީނުވުމަށެވެ. އެކަމަކު ހަވީރު ގެޔަށް އާދެވުމުން ހުރިހާ ވަގުތެއް ފާތުމައާއި މަރިޔަންއާ އެކު ހޭދަކުރަމުން ދިޔައެވެ.

ހަވީރު ޒަޔާން އަންނާނެ އިރަކަށް އެ ދެ ބޭން ވެސް އިންތިޒާރު ކުރެއެވެ. ހަވީރު ސައި ގަޑިއަކީ އެމީހުންގެ އެންމެ ފޯރިގަދަ ވަގުތެވެ. އެވަގުތު ތެރޭގައި ޒަޔާންގެ ކޮންމެވެސް ހެއްވާ ވާހަކައަކުން އެ ދެ ކުދީން ހީނހީނ ހަލާކު ކޮށްލުވައެވެ. މަރިޔަން ވެސް ކޮންމެ ވެސް ކަހަލަ ޖެއްސުމެއް ސަމާސާއެއް ކޮށްނުލައެއް ނުދާނެއެވެ. އޭނާގެ ސަމާސާތަކުން ފާތުން ރަކިވެ އިސްދަށަށް ޖެހޭނެއެވެ. ސައިގެ ފަހުން ބައެއް ދުވަސްދުވަހު ތިންމީހުން އެކީގައި ކަޅިބިތަށް ދާނެއެވެ. ޒަޔާންއަށް މިރަށު ކަޅިބިތުން ފެންނަހާ ރީތި އިރުއޮއްސޭ މަންޒަރެއް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ބައެއް ދުވަސްދުވަހު އެމީހުން ގޮނޑުދޮށުން ހިނގާލާފައި އީދިގަލި ކިޅިޔަށް ވެސް ދާނެއެވެ. އަދި ދަމުންދަމުން ގޮސް ކޯއްޓޭއާ ހަމަޔަށްވެސް ދާ ދުވަސް އާދެއެވެ. އެކަމަކު ޒަޔާން ކޮންމެހެން ހަދައިގެންވެސް މާ އަނދިރި ނުވަނީސް ގެޔަށް އަންނަން ބާރު އަޅާނެއެވެ. އެއީ އަނދިރިވުމުން އެ ހިސާބު ވަލުތެރޭން ކަކުނި އަރާނެތީއެވެ. އެއީ ޒަޔާން ބިރުގަންނަ އެއްޗެއްކަން ފާހަގަކުރެވިފައި ވެއެވެ.

ކަޅުފޮއި މޫސުން ނިމި ހަނދުވަރީ މޫސުން އައުމަކީ އެ އެންމެން ވެސް އުންމީދުކުރާ ކަމެކެވެ. އެފަދަ ރޭރޭ ރޭގަނޑުގެ ކެއުމުގެ ފަހުން ތިން މީހުން އެކުގައި ކަޅިބިތަށް މިސްރާބު ޖަހާނެއެވެ. އެއީ އާދަޔާ ޚިލާފު ހިތްހަމަޖެހުމަކާއި އުފަލެއް އެމީހުންނަށް ލިއްބައިދޭ ކަމެކެވެ. ގޮނޑުދޮށަށް އަބަދުވެސް ހާނުކޮށް ރާޅުތައް ބިންދަމުންދާ އަޑުގެ މިއުޒިކާއެކު ހަނދުވަރުގެ އަލި މޫދަށް އެޅިފައިވާ އިރު ހީވާނީ ވިރުވާފައި އޮއްސާލާފައިވާ ރިހިތަކެއް ހެންނެވެ. މި މަންޒަރަކީ ބަލާ ފޫހިނުވާ ފަދަ ޖާދުވީ މަންޒަރެކެވެ.

އެއީ މަރިޔަންއަށް ޒަޔާންއާ ސަމާސާ ކޮށްލަން ލިބޭ ފުރުސަތެއް ވެސް މެއެވެ.

މަރިޔަން ކޮންމެ ގޮތެއް ހަދައިގެން ވެސް ޒަޔާންގެ ބޮލަށް ކިރުކަކުނި ލާނެއެވެ. އެއިން ސަލާމަތް ނުވެގެން ޒަޔާން އުޅޭތަން ފެނުމުން މަރިޔަން ހީނހީނ ދޮންވެލިގަނޑުގެ މައްޗަށް ވެއްޓޭ ފަހަރުވެސް އާދެއެވެ. ފާތުމައަށް ވެސް މިކަން މަޖަލެވެ. އެކަމަކު އޭނާ އެހާ ބާރަކަށް ނުހޭނެއެވެ.

އެއް ދުވަހަކު ހަވީރު ގޮނޑުދޮށުން އެނބުރި އަންނަމުން މަރިޔަމް ޒަޔާންގެ އަތުގައި ހިފައިގެން ދަމުން ބުންޏެވެ.

"އަފިރިން ކުދުވޭލެއި ރަނޑޫގަނޑި އެތެރެ ސަކަރާތް ޖެހި ހަނދާން ހިށެއި؟ އެކަލަސް ތީ ބޮނޑޮ ކޫދަށް ނުނީ؟"

އެ ހަނދާންވުމުން ޒަޔާންގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ.

"ކިހިނެއް އަހަރެން ހަނދާން ނައްތާލާނީ؟ އަބަދުވެސް ލަނޑު ލިބެނީ ކަލެއަކަށް ނު. ސަކަރާތް ޖަހަޖަހާފަ ރޮނީ ވެސް ކަލެއެއްނު."

ހިމޭންވެފައި ހުރި ފާތުމާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.

"އަބަދަށަސް ޒަޔާން ފަހައި ދިވީ ޔަސް ތޯ ނުނީ؟"

ޒަޔާން އޭނާއާ ދިމާއަށް އެނބުރިލިއެވެ.

"އަހަރެން ސަމާސާކުރީ ތި ދެމީހުންނާ ވެސް ހަމަ އެއްވަރަކަށް."

މަރިޔަމް ބުމަ އުފުލާފައި އަނގަޔަށް ވަންނިއެއް އަރުވާލާފައި ބުންޏެވެ.

"އެހެންވީމެއި، އެކަން މަޖާވީޔަސް މައް އެކަނި ނުން ނުނީ؟ ހޫމް."

ޒަޔާން ބާރަށް ހީނގަތެވެ.

"ހިނގާ މިހެން ބުނަމާ. އަހަރެންނަށް އަބަދުވެސް ކަލޭމެން ދެމީހުންވެސް ނިކަން ކަމުދޭ."

ފާތުމަ އޭނާގެ މޫނު ދުރަށް އަނބުރާލިއެވެ. ޒަޔާން އެހެން ބުނީމާ އޭނާގެ މޭތެރޭގައި ހަސަދަވެރިކަމުގެ ރާޅު ބާންޏެއް ދުވެގަތެވެ. އެއީ ދެމީހުންނަށް އެއްވަރަކަށް ޒަޔާން ޝައުގުވެރިވާ ކަމަށް ބުނީމައެވެ. އޭނާގެ ޖަޒްބާތުގައި އެހެން މީހަކު ބައިވެރިވާކަށް ފާތުމަ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މަރިޔަން ފަދައިން ކެރިގެން ޒަޔާންއާ ސަމާސާ ކުރާކަށް ފާތުމަގެ ހިތްވަރެއް ވެސް ނުހުރެއެވެ.

މަރަދޫގައި ބޭއްވި އޯޕަން އެއާ ކާނިވަލްގައި ޒަޔާން އާއި މަރިޔަމްއާ ދެމެދު އޮތް ގުޅުން ފުރިހަމައަށް ފެނިގެންދިޔައެވެ. ކާނިވަލްގައި މިއުޒިކާއި ކުލަކުލައިގެ އަލިތަކުން ހުޅުދާން ވެފައިވާއިރު މިއުޒިކުގެ ހިތްގައިމު އަޑުތަކުން ގުގުމާފައިވެއެވެ. އެ ތިން މީހުން އެކުގައި ސްޓޯލްތަކުގެ ތެރެއިން ހިނގާފައި ދިޔަ އިރު އެރޭ މަރިޔަމް ހުރީ އޭނާގެ ޒުވާންކަން އިތުރު ފާޅުވެގެންދާ ފަދައިން ހެދުން އަޅާފައެވެ. ކަސަބު ބޯވަޅެއް އަޅާފައި ހުރި ހެދުމެއްގައި ހުރިއިރު އޭނާ ފެންނަނީ އުމުރަށް ވުރެން މާބޮޑަށް ފުރާފުރިހަމަވެފައިވާ ފަދައަކުންނެވެ. ފާތުމަ ވެސް ހުރީ އޭނާ އާންމުކޮށް ލައި ނޫޅޭ ކަހަލަ ޒަމާނީ ހެދުމެއްގައެވެ. އެ ހެދުމުގައި ފާތުމަ ފެނުނީ ވަރަށްވެސް ހިތާ ކުޅެލާ ކަހަލަ ގޮތެއްގައެވެ.

މަރިޔަންއަށް އެތަނުން އެއް ސްޓޯލްގައި ހުރި ޝައުގުވެރިކުރުވާ ކުޅިވަރެއް ލޮލުގައި އަޅައިގަތުމުން ވަގުތުން ޒަޔާން ގޮވައިގެން އެތަނަށް ދިޔައެވެ.  މަރިޔަން ހުއްޓުނީ ދުނި ޖަހާ ސްޓޯލަކަށެވެ. އޭރު މަރިޔަމްގެ ފުރަގަހުގައި ޒަޔާން ހުއްޓި ހުއްޓެވެ. އޭނަޔަށް ދުނި ޖަހާނެ ގޮތް ދައްކަމުން އޭނާގެ ބޯ މަރިޔަމްއާ ޖެހޭ ހިސާބަށް ކައިރިވެލިއެވެ. މިތަން ނުބަލަން ވެގެން ފާތުމަ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އޭރު ޒަޔާން މަޑުމަޑުން މަރިޔަންގެ އަތުގައި ހިފާފައި ދުނިދަނޑި އަމާޒު ހިފައިދިނެވެ. މިއިން ކޮންމެ ހަރަކާތަކީ ފާތުމަގެ ހިތަށް އަމާޒުކޮށް ދެވޭ ވޭން ގަދަ ތީރެއް ކަމުގައި ވެގެން ދިޔައެވެ.

"ކަނބުލޯ މިގޮތަށް ހިފަހައްޓާ، މައްރާ!" ޒަޔާން އިރުޝާދު ދިނީ އޭނާގެ ދެއަތުން ހިފައި މަރިޔަން އަތުގައި އޮތް ދުނިދަނޑި އަމާޒުކޮށް ދެމުންނެވެ. "މިހާރު މަޑުމަޑުން ތީރު ފަހަތަށް ދަމާލާ. އަވަސް ނާރުވާތި."

މަރިޔަމްގެ ދެލޮލުން ވިދުވަރެއް ދިއްލިގެން ދިޔައެވެ. "ދެން ދޫކޮށްލާއްވީ ތަ؟"

"އާނ ޔޫ އާ ޑޫއިން ގްރޭޓް،" ޒަޔާން ޔަގީންކަން ދިނެވެ. "ސީދާ ޓާގެޓަށް ބަލަން ހުރޭ."

ފާތުން ދުރަށް ބަލަން ހުރިއިރުވެސް އެއިން ކޮންމެ ބަހެއް އަޑު އިވުމުން އޭނާގެ ހިތް ތޮރުފެމުންދާހެން ހީވިއެވެ. ޒަޔާން މަރިޔަމްއަށް އެ ގޮތްތައް ދަސްކޮށްދިންލެއް ފަސޭހަކަން އޭނާއަށް ނުފެނުނަސް، ރީއްޗަށް އެ މަންޒަރު ހިތަށް އިހުސާސް ކުރެވުނެވެ. އެތަނުގައި ހުރެވުނު ކޮންމެ ހިނދުކޮޅަކީ އޭނާގެ ހިތް ޒަޚަމުވެގެން ދިޔަ ވަގުތު ކޮޅެކެވެ.

މަރިޔަން އެ ތީރު ދޫކޮށްލުމާއެކު ފަތު އަޑުކިޔާފައި ގޮސް ޓާގެޓް ބޯޑުގެ މެދަށް ބޫލްސްއައި އަށް އަމާޒުވިއެވެ. އެއާއެކު ބަލަން ތިބި އެންމެން އުފަލުން ހަޅޭއްލަވައި އަތްތިލަބަޑި ޖަހައިގަތެވެ. މަރިޔަން ވީ އުފަލުން ޒަޔާންއާ ދިމާއަށް އެނބުރި އޭނާއާ އޮޅުލައިގަނެވުނެވެ.

"ބަލަފެލެ. މަ ކެހެއި އަމާޒު!" މަރިޔަން ފޮނިވެގަތެވެ.

އޭނާގެ ބުރަކަށީގައި އަތް ޖައްސާލަމުން ޒަޔާން ހީލިއެވެ.

"އަހަންނަށް އެނގުނޭ ކަލެއަށް ތިކަން ކުރެވޭނެކަން."

ތީރު އަމާޒުވުމުން މަރިޔަންއަށް ބޮޑު އިނާމެއް ވެސް ލިބިއްޖެއެވެ.

އެ ދެ މީހުން އެކުގައި އުފާފާޅުކުރަމުން ދިޔަތަން ބަލަން ހުރި ފާތުމަގެ ހިތް ވޭނުން އަނދަމުން ދިޔައެވެ. އެންމެ ފަހަރަކު ނަމަވެސް ޒަޔާން އޭނާއަށް އެކަހަލަ ކުޅިވަރެއްގައި ބައިވެރިކުރުވި ނަމަ އޭނާ ކިހާ އުފާވީސް ހެއްޔެވެ؟

ފާތުމަ އެހާ ބޮޑަށް ހިތްދަތިވި އަނެއް ފަހަރަކީ ކަޅުފޮއި ރެޔަކު އުޑުމަތިން ތަރި ބަލަން މޫލެކެޑެ އަށް ދިޔަ ރެޔަކުއެވެ. އެއީ ރަށުގެ އެންމެ އެކަހެރި އެއްތަނެވެ. ކޮޅާކޮޅު ނުފެންނަހާ ގިނައިން ރުއްތައް އޮވެއެވެ. އެތަނުގައި ތިބޭ އިރު ޖެހިގެން ހުންނަ މީހާވެސް ވަކިކުރާކަށް ނޭނގޭނެއެވެ.

އެރޭ އެތާ އެހެލާފައި ހުރި ބޮއްކުރައެއްގެ މަތީގައި ތިން މީހުން އިށީނދެ ތިބި އިރު އުޑުމަތީގައި ހީވަނީ ތަރިތަކުގެ ސަނދުވާއެއް ފަތުރާފައި އޮތް ހެންނެވެ. ޒަޔާންއަށް އެ ތަރިތައް ފެނުމުން ފޯރި ގަދަވެފައި އިނެވެ. އަދި ތަރިތަކުގެ ނަންތަކާއި ބުރުޖުތައް އޭނާ މަރިޔަން އަށް ދައްކަމުން ދިޔައެވެ. ވަކިން ޝައުގުވެރިކަމާއެކު މަރިޔަން އޭނާގެ ގާތުން ސުވާލު ކުރަމުން ދިޔައެވެ. ޒަޔާން އޭނާއަށް ސެޖިޓޭރިއަސް ބުރުޖު ދެއްކިއެވެ.

"ބަލާބަލަ. ހީވަނީ ކަލޭ ދުނި ޖަހަން ވެގެން އުޅޭހެން،" ޒަޔާން މަރިޔަންގެ މޫނު އެދިމާލަށް އަނބުރައި އެތަރިބޮނޑިން ދުނި ޖަހާ މީހަކުހެން ސިފަވާ ސޫރައެއް ދައްކަން އުޅުނެވެ.

އޭނާގެ ބޯ މަރިޔަންއާ ކައިރިކޮށްލި ވަގުތު ގަމުގެ ބާރުގަދަ ސާރޗްލައިޓް އެދިމާއަށް އެނބުރިގެން އައެވެ. އެ އަލީގެ ތެރޭގައި މަރިޔަން އާ ޒަޔާން އެހާ ކައިރީގައި ތިބިތަން ދިއްލިގެން ދިޔައެވެ. މިތަން ފެނުމުން ފާތުންގެ ހިތް އިތުރަށް ވިރިގެން ދިޔަހެން ހީވިއެވެ.

"ފެނިއްޖެ ތަ؟" އުޑުމައްޗަށް އިޝާރާތް ކުރަމުން މަރިޔަމްގެ ބޮލުގައި ހިފައި ޒަޔާން ބުނެލިއެވެ. "ފަސޭހައިން ފެންނާނީ ޖެހިޖެހިގެން އެ ހުރި ތިން ތަރި ފާހަގަ ކުރެވުނީމަ."

މަރިޔަމް އޭނާއާ ކައިރިއަށް ގުދުވެލިއިރު އޭނާގެ ބޯ ޒަޔާންގެ ބޮލުގައި ޖެހިފައި ވެއެވެ.

"މަކަށް ކުރިއަކުން ނިއެނގެއި ޒަޔާން ތެހެއި ތަރިތަކި އިލްމަށް މުޅު ކަމައް."

އޭނާ ހީނލިއެވެ. "އަހަރެންގެ ނޭނގޭ ކިތަންމެ ކަންތަކެއް ވެސް ހުރެޔޭ،" އޭނާ ފާތުންގެ މޫނު ފެނޭތޯ ބަލަމުން މިހެން ބުންޏެވެ.

ފާތުމަ އިނީ ތިން ފޫޓުހާ ދުރުގައި މަޑުމަޑުން އިށީނދެގެންނެވެ. އޭނާ އިނީ ދެންމެ އޭނައަށް ފެނުނު މަންޒަރުން ހިތްދަތިވީ ވަރުން ގުޑާލަން ވެސް ނޭނގިފައެވެ. އޭނާ އެ ދެ މީހުންގެ ވާހަކަ ތަކުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުމީ މިތަނުން އަވަހަށް ދާށެވެ. އޭނާގެ ހިތަކަށް މިކަހަލަ މަންޒަރު ތަކަށް އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ.

ފާތުމައަށް ހީވީ އޭނައަށް ލިބިފައިވާ އަގުހުރި އެއްޗެއް ގެއްލިގެން ދިޔައީ ހެންނެވެ. އޭނާގެ މަންމަ ގެއްލިގެން ދިޔަ ހަނދާން އަބަދުވެސް އޭނާގެ ހިތް ރޮއްވައެވެ. މިއަދު އަނެއްކާވެސް އޭނާ ދުވަހަކުވެސް އެންމެ ލޯބިވީ މީހާ ގެއްލިގެން ދާތަން ދުށުމަކަށް އޭނާގެ ހިތަށް ކުޅަދާނަ ވެގެންނެއް ނުވެއެވެ.

މަރިޔަމް ތޫލި އަޑެއް ލައްވަމުން ގޮވާލިއެވެ. އެއާއެކު އޭނާގެ ހިޔާލުތަކުގެ ޗޭނުތައް ބުރިވެގެން ދިޔައެވެ.

"ފާތުމާ. ދައްތާ އާއްސެލެ! ޒަޔާން ދެއްކި ސެޖިޓޭރިއަސް މައް ފެނިގެ. އާއްސެލެ ބަލާއް."

ހިތުގައި ރިއްސާފައި އިން ފާތުމާ ގަދަކަމުން އެއްޗެއް ބުންޏެވެ.

"މިތާށަސް ރިވެތިކޮށް ފެނެއި."

އެރޭ އެމީހުން ތަރި ބަލަން އިތުރަށް ވަގުތު ކޮޅެއް ހޭދަކުރިއެވެ.

ފާތުމަގެ ހިތަށް އަނެއް ހަމަލާއެއް އައީ މެންދުރު ފަހު ކަޅިބިތަށް ދިޔަ ދިއުމުގައެވެ. ދިޔައީ "ދެޔަގަނޑި ހަނަން" ނަމަވެސް ފާތުމަ ހުރީކީ މޫދަށް އެރޭ ގޮތަކަށް ނޫނެވެ. އެދުވަހު ފާތުމައަށް ކެތްކުރެވޭ ވަރަށް ވުރެން ރާޅު ބޮޑުވީމާ ވެސްމެއެވެ. މަރިޔަންއާ ޒަޔާން ބާރު އެޅީމަ ވެސް އޭނާ އިންނާނީ ގޮނޑުދޮށުގައި ކަމަށް ބުންޏެވެ.

"ތަފިރިޔެ ގޮއްސެލެ،" ފާތުން ހަމަޖެހިލާފައި މަގޫ ގަސްތަކުގެ ތެރޭ ރުކެއްގެ ހިޔަލުގައި އިށީނދެއްޖެ އެވެ.

ޒަޔާންއާއި މަރިޔަން ގޮސް މޫދަށް އެރިއްޖެއެވެ.

މަރިޔަމް އާއި ޒަޔާން މިސްރާބު ޖެހީ "ވެލި އެޅަށެވެ." އެއީ އެންމެ ބިޔަ ރާޅު އުފުލާ ހިސާބެވެ. މަރިޔަން ފަތަން ނިކަން މޮޅެވެ. އެކަމަކު ބައެއް ރާޅުތައް މާ އުހަށް އުފުލުމުން އޭނާ ޒަޔާންގެ ހިމާޔަތް ހޯދައެވެ. ކިތަންމެ ނުބަލަން އިން ނަމަވެސް ފާތުމަގެ ނަޒަރަކަށް މިތަން ސިއްރެއް ވެސް ނުވެއެވެ. އެއިން ކޮންމެ ފަހަރަކު ހީވަނީ އޭނާގެ ހިތުގައި ޚަންޖަރަކުން ޅިޔަ އަޅާލާހެންނެވެ. ނުބަލަން އުޅުނަސް ޚިޔާލީ ލޮލަށް އެނޫން މަންޒަރެއް ނުވެސް ފެނެއެވެ. ދުރުން ބަލާލާ އިރަށް އެ ދެމީހުން ހީވަނީ އެކަކު އަނެކަކާ ތަތްވެފައިވާ ހެންނެވެ. އޭނާގެ ހިތް ކެފި ކުދިކުދިވެ ހަލާކުވަމުން ދިޔައެވެ.

އެ ވަގުތުކޮޅު ހީވީ ދުވަހަކުވެސް ނުނިމޭނެހެންނެވެ. އެންމެ ފަހުން އަސުުރު ވަގުތަށްވާ އިރަށް ދެމީހުން އެއްގަމާ ދިމާއަށް އަންނަ ތަން ފެނިއްޖެއެވެ. އެދުވަހު އެހާ ގިނަ މީހުން އެތަނަށް އެރިފައި ތިބި އިރުވެސް ފާތުމަގެ ލޮލުގައި އެހެން ބަޔަކު އަޅައެއް ނުގަނެއެވެ. މޫދުން އަރައިގެން އައީ ވެސް އެކަކު އަނެކަކާ ދިމާލަށް ފެން ބުރުވަމުން ހެމުން ސަކަރާތް ގަންނަމުންނެވެ. އަދި މި ސަކަރާތް ޖަހަޖަހާފައި އެ ދެމީހުން ހެމުން ފާތުމައަށް ބަލައިވެސް ލައެވެ. ހީވީ އެމީހުން ގަސްތުގައި ފާތުމަ ދެރަކޮށްލަނީ ހެންނެވެ. ހީވަނީ ދެމީހުން ވެގެން އޭނާގެ ހިތުގައި ޖައްސަނީހެންނެވެ.

ފާތުމަ ގެޔަށް ދާން ކެތް މަދުވެފައި އިންކަމެއް އެދެމީހުން އަދިވެސް އަރާކަށް ނޫޅެއެވެ. އެމީހުން މަޖާ ކުރާތަން ނުފެންނަ ހިސާބަކަށް ފާތުމަ ދާން ބޭނުންވިއެވެ. އެހެން ކަމުން އޭނާ މަޑުމަޑުން ތެދުވެގެން ގޮސް އެއްގަމާ ދިމާލަށް ހިނގައިގަތެވެ. ޒަޔާންއާއި މަރިޔަން ފޯރިގަދަވެފައި ތިބިވަރުން ފާތުމަ އެއްގަމަށް އަރައިގެން ގެޔަށް ދިޔަ ކަމެއް ވެސް ނޭނގުނެވެ.

އޭގެ މާގިނަ ދުވަހެއް ނުވެ ޒަޔާން އޭނާގެ ތަމްރީނު ފުރިހަމަ ކުރުމަށްފަހު އަނެއްކާވެސް މާލެއަށް ފުރައިގެން ހިނގައްޖެއެވެ. އޭނާ ދިއުމުން އެ ދެބޭން މުޅީން އެލިއްޖެއެވެ. އެނބުރި އަންނާނެ ކަމުގެ ޔަގީންކަމެއް ވެސް ދިނުމަކާ ނުލާ އަނެއްކާ ވެސް ޒަޔާން އެދިޔައީ އެވެ. އެހެން ކަމުން ކުރީ ފަހަރު ފުރައިގެން ދިޔަ އިރަށް ވުރެން މިހާރު އެމީހުންނަށް ލިބުނު ހިތްދަތިކަމާއި މާޔޫސްކަން މާބޮޑެވެ.

ފާތުމައަށް ޒަޔާން އަކީ އޭނާގެ ހަޔާތުގެ އެންމެ އަގުބޮޑު ތަނބެވެ. މަންމަ ނެތި ދިއުމުން އެ ހިތާމައަށް ލުއިކަމެއް ލިއްބައިދިނީ ޒަޔާންއާއި އޭނާގެ ހަނދާންތަކެވެ. އޭނާއަކީ ބުނަން ނޭނގޭ ފަދަ ލޯތްބެއްގެ އިހްސާސްތައް ފުރަތަމަ ފަހަރަށް އޭނާގެ ހިތާ ކުޅުވި ޝާހްޒާދެވެ.

އެކަމަކު މިއަދު އޭނާ އެދަނީ އޭނާގެ އުފަލާއި އުންމީދުގައި ކޮޅުފައިން ޖަހާފައެވެ. އޭނާއަށް އެންމެ ބޮޑު ވޭނެއް ލިބުނީ އޭނާގެ ކޮއްކޮގެ ލޯބި ޒަޔާން ހާސިލްކޮށްފައިވާތަން ފެނުމުންނެވެ. މަންމަ ވެސް އެވަނީ އޭނާ ދޫކޮށްލާފައި ގޮހެވެ. އެންމެ ފަހުން ޒަޔާން ވެސް ދިޔައީ އެވެ. އޭނާއަކަށް މި ދުނިޔޭން އުފަލެއް ލިބުމެއް ނުވެއެވެ.

ޒަޔާން ފުރައިގެން ދިޔަ ވަގުތު މަރިޔަން އޭނައަށް އަލްވަދާއު ކީގޮތުން ފާތުންގެ ހިތަށް ވަކީން ބޮޑަށް ތަދުވިއެވެ. އޭނާ ގާތްގަނޑަކަށް ޒަޔާންގެ ކޮނޑުގައި އެލިގަތެވެ.

"ގޮއްސެއި އަވަހަށް ބޭހެތި."

ޒަޔާން ދިޔުމުން މަރިޔަންގެ ލޮލުން ބޮޑެތި ކަރުނަތިކިތައް ފޭބިތަން ފާތުމައަށް ފެނުނެވެ.

"އަފިރިން ވަރަށް މިސްވޭހެއް."

އެއީ ފާތުމަވެސް ބުނަން ބޭނުންވި އެއްޗެވެ. އެކަމަކު އޭނާގެ ދޫ އެހެން ބުނާކަށް ހަރަކާތެއް ނުކުރިއެވެ.

މަސްތަކެއް ފާއިތުވަމުން ގޮސް ގަން ބަންދުކޮށް އިނގިރޭސިން އެ ޖަޒީރާ ދޫކޮށްދިއުމުގެ އެންމެ ފަހުގެ ތައްޔާރީވަމުން ދިޔަ ދުވަސްކޮޅު، ޒަޔާން ހަމަ ކުއްލިއަކަށް އެނބުރި އަތުވެއްޖެއެވެ. އެކަމަކު މިފަހަރު އޭނާ އައީ އެކަންޏަކު ވެސް ނޫނެވެ. އޭނާ އައީ އޭނާގެ ބެސްޓް ފުރެންޑް ޒާލިފު ވެސް ގޮވައިގެންނެވެ. ޒާލިފަކީ އިސްކޮޅުން ދިގު، އެތުލެޓިކް މީހެކެވެ. ފަސޭހައިން ހިނިތުންވާ، ހިތްހެޔޮ، އިތުބާރު ކުރެވޭ ޚަސީލަތެއް އެކުލެވޭ މީހެކެވެ.

އެހެންނަމަވެސް މިފަހަރު ޒަޔާން އެނބުރި އައުމަކުން މަރިޔަން ވެސް އަދި ފާތުން ވެސް މާ ބޮޑު އުފަލެއް ވީހެންނެއް ހިޔެއް ނުވެއެވެ.

އޭރު މޮހަދަ ބެއްޔާ ވަނީ އޭނާގެ ދެ އަންހެން ދަރީން ކުޅެމުންދިޔަ ޑްރާމާ ފާހަގަކޮށް ރަނގަޅަށް ދިރާސާ ކޮށްފައެވެ. އޭނައަށް އެނގޭ ގޮތުގައި އޭނާގެ ދެ ދަރީންގެ ތެރޭން އެއް ކުއްޖަކު ޒަޔާން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަން ޔަގީން ކުރުމަށް ދަލޭކަ ލައްވާ މަރިޔަންއާ ވާހަކަ ދެއްކުވިއެވެ. މަރިޔަން އެ ހުރިހާ ވާހަކައެއް އޭނާގެ ބޮޑުދައިތަ ދަލޭކަ ގާތު ދެއްކިއެވެ. މަރިޔަން އަކީ އެއްގޮތަކަށް ވެސް ދޮގެއް ހަދާނެ ކުއްޖެއް ނޫނެވެ. ހިތުގައި އޮންނަ އެއްޗެއް ސާފުކޮށް ބުނާނެއެވެ.

އޭނާއަށް އެއް ފަހަރު ފާތުން ޒަޔާންއަށް ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ވާހަކަ ވެސް ބުންޏެވެ. އެ ސިޓީ އޭނާ ނުފޮނުވާކަން ވެސް އެނގުނެވެ. އެހެންކަމުން އޭނާގެ ދައްތަ އެހާވަރަށް ލޯބިވާ މީހަކު ޖަހައިގަންނަން ބޭނުން ނޫން ކަން ވެސް ހާމަކުރިއެވެ.

މަރިޔަން ބުނި ގޮތުގައި ދައްތަ ހުންނަނީ ޒަޔާންއާ ހެދި ދުނިޔޭން މޮޔަވެފައެވެ.

ޒަޔާން ފުރުމުގެ ކުރީގައި މުހަދަ ބެއްޔާ އޭނާ ދަރިފުޅަކާ އެކު ޒަޔާންގެ ކާވެނި ކުރެވޭނެ ކަމުގެ އިޝާރާތެއް ވަނީ ގޮތަކަށް ކޮށްފައި ވެސް މެއެވެ. އެއީ މޮހަދަ ބެއްޔާ އެންމެ ރުހޭވެސް ކަންތަކެވެ. ޒަޔާން އެނބުރި އައުމުން އެކައިވެނި ހަމަޖައްސަމުން ދިޔައީ ވަރަށް ސިއްރިޔާތުގައެވެ.

ކައިވެނި ހަފްލާ ބޮޑު ކުރާކަށް މޮހަދަ ބެއްޔާ ބޭނުމެއް ނުވިއެވެ. އެއީ އިނގިރޭސިން ގަމުން ފުރައިގެން ދިޔުމުގެ ހިތާމަވެރި ދަނޑިވަޅު ބޯމަތިވެފައި އޮތީމާ ވެސް އެކުގައެވެ.

ޒަޔާން އައިތަނާ ކައިރީގައި ހަމަ ކުއްލިއަކަށްހެން ފާތުމަ ގާތަށް ރަން ކިޔަން ބަޔަކު އަތުވެއްޖެއެވެ. އެއީ ޒަޔާންއާ އޭނާގެ ކައިވެނިކަން އެނގުމުން ވީ އުފަލުން ފާތުމަގެ ހޭވެރިކަން ހުސްނުވީ ކިރިޔާއެވެ.

މިއޮތްހާ ދުވަހު މަރިޔަންއާ މެދު އޭނާ ކުރަމުން ދިޔަ ޝައްކާއި ހަސަދަ ވަގުތުން ފިލައިގެން ދިޔައެވެ. އުފަލުން ހަދާނެ ގޮތް ހުސްވި އިރު ޒަޔާންއާ އިންނަން ޖެހުމަކީ ވެސް އޭނާގެ ލަދުވެތިކަމުގެ ކުރިމަތީގައި ކުޅަދާނަ ވާވަރުގެ ކަމަކަށް ނުވިއެވެ.

އެންމެ ފަހުން އެކާވެނި ކުރެވިގެން ދިޔައެވެ.

"ދައްތާ، ތެ ލިބެނެ އުފަލަކީ މައްރަ ދައްތާއް ދިން ހަދިޔާއް ކަމަށް ބަލާ،" މަރިޔަން މަޖާވެފައި އުފަލުން ހުރެ ބުންޏެވެ. އޭރު މަރިޔަން ވަނީ ޒާލިފުއާ ގުޅި ތަތްވެފައެވެ. މަރިޔަން އަކަށް މީހަކާ ގުޅޭކަށް ހިނދުކޮޅެއް ވެސް ނުނަގާނެއެވެ.

އިނގިރޭސިން ގަމުން ފުރައިގެން ދިޔަ އެންމެ ފަހުގެ ފުލައިޓު ބޯމަތިން ދާތަން ފެނުނެވެ. ޒަޔާން ޓްރޭންވެފައި އޮތީ އެމީހުން ދިއުމުން ސްޓޭޝަންގައި ކުރަން ޖެހިދާނެ ކަމަކަށް ތައްޔާރު ވުމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް ހިނގާނެ ދުވަހެއް އެނގޭކަށް ނެތެވެ.

އިނގިރޭސިން ދިއުމުން އައްޑޫއެކޭ ފަޅު ސަހަރާއެކޭ އެއްފަދަވިއެވެ. ވަށައިގެން ފެތުރިފައި ވަނީ އަނދިރިކަމާއި ނާއުންމީދެވެ.

ޒަޔާންއާއި ފާތުމަ އަދި ޒާލިފު އެކުގައި އެންމެ ކުރީގައި ލިބެން އޮތް ފުލައިޓްގައި މާލެދާން ނިންމިއެވެ. އެކަމަކު މޮހަދަބެއްޔާ ދޫކޮށްލާފައި ނުދާން މަރިޔަން ގަދަ ހަދަން ފަށައިފިއެވެ.

"ތަފިރިން ހަނީމޫން ނިމޭކޯ މަހިންނަނެއި ތަފިރިން އެކެޔޭ،" މިހެން ކިޔާފައި މޮހަދަ ބެއްޔާ އެމީހުން ރުއްސާލިއެވެ. އެކަމަކު އޭނާ ރަށް ދޫކޮށްލާފައި އަމުދުން މި އުމުރުގައި ދާކަށް ބޭނުމެއް ވެސް ނޫނެވެ.

އޭނާގެ ހުރިހާ ވެސް އުންމީދެއް މިހާރު އެވަނީ ފުރިހަމަވެފައެވެ. އޭނާ އަބަދުވެސް އެންމެ ދެކެން ބޭނުންވީ އޭނާގެ ދެ ދަރީންނަށް މިއަދު ރައްކާތެރި ދިރިއުޅުމެއް ލިބިފައިވާ ތަން ދުށުމެވެ. އިރާދަކުރެއްވިއްޔާ އެކަން އެވަނީ ފުރިހަމަވެފައެވެ.

އެ ކުދީން ފުރައިގެން ދިޔުމުން މުހަދަ ބެއްޔާ ސަރަންފީގައި އޮށޯވެ ލޯ މަރާލިއެވެ.

The post ވާހަކަ: ލޯބި އައްޑޫން- ސިއްރުސިއްރުން first appeared on އަދިވެސް އޮންލައިން.



More from Adhives Online