ކޮރަޕްޝަން ނައްތައިލާނަން: އިންޑޮނޭޝިއާގެ އާ ރައީސް

Sun, 20 Oct 2024 09:19 PM

View on this article on Adhives Online

ކޮރަޕްޝަން ނައްތައިލާނަން: އިންޑޮނޭޝިއާގެ އާ ރައީސް

އިންޑޮނޭޝިއާގައި ކޮރަޕްޝަން ނައްތައިލައިނެ ކަމަށް އާ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޕްރަބޮވޯ ސުބިއާންތޯ ވިދާޅުވެއްޖެއެވެ.



ކުރިން ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އުމުރުން 73 އަހަރުގެ ޕްރަބޮވޯ ވަނީ އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވުނަސް ފެބްރުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިފައެވެ.

އާބާދީގައި 280 މިލިއަން މީހުން ހިމެނޭ، ދުނިޔޭގެ ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ގައުމުގެ ޑިމޮކްރެސީއަކީ "އަހުލާގު ރަނގަޅު ޑިމޮކްރެސީ"އަކަށް ހަދަން ބޭނުން ކަމަށް ޕްރަބޮވޯ ވިދާޅުވިއެވެ.

"ހިޔާލުތަފާތުވިޔަސް ހިތުގައި ނަފުރަތު އޮވެގެން ނުވާނެ،" އިންޑޮނޭޝިއާގެ އަށްވަނަ ރައީސްއަކަށް ވެވަޑައިގަތް ޕްރަބޮވޯ ވިދާޅުވިއެވެ. އޭނާ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރައީސްކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވައިފައެވެ.

"މިނިވަން ގައުމެއްގައި މިނިވަންކަން އޮންނާނީ. އެ މިނިވަންކަމަކީ ބިރުވެރިކަމާއި ފަގީރުކަމާއި ބަނޑުހައިހޫނުކަމާއި ތައުލީމުން މަހްރޫމުވެފައިވުމާއި ސިޔާސީ ގޮތުން ބަލިކޮށްލައިފައިވުމާއި އަދި ތަފާތު ވޭންތަކުން ސަލާމަތްވެފައިވުން،" ޕްރަބޮވޯ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާއަކީ ހުރިހާ ރައްޔިތުންގެ ވެސް ރައީސްކަމަށާއި އިންޑޮނޭޝިއާއަށް އިތުރު ތަރައްގީ ގެންނަން ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ފެބްރުއަރީ 14 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ޕްރަބޮވޯ ކާމިޔާބުކުރެއްވީ 60 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވެ. އޭނާގެ ނައިބު ރައީސްއަކީ އިންޑޮނޭޝިއާގެ ރައީސްކަމުގައި މިހާތަނަށް ހުންނެވި ޖޯކޯ ވިދޯދޯގެ ދަރިކަލުން، އުމުރުން 37 އަހަރުގެ ޖިބްރާންއެވެ.

ޖޯކޯ ސަމާލުކަން ދެއްވީ ގައުމުގެ އިންފްރާސްޓްރަކްޗަރު ތަރައްގީކުރެއްވުމަށެވެ. ޕްރަބޮވޯ ސަމާލުކަން ދެއްވާނީ އިންސާނީ ވަސީލަތް ތަރައްގީކުރެއްވުމަށްކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ. ހާރިޖީ ސިޔާސަތުގައި ޕްރަބޮވޯ މަސައްކަތްކުރައްވާނީ ޗައިނާ އާއި އެމެރިކާއާއެކު އޮތް ގުޅުން ވެސް ރަނގަޅުކުރެއްވުމަށްކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

The post ކޮރަޕްޝަން ނައްތައިލާނަން: އިންޑޮނޭޝިއާގެ އާ ރައީސް first appeared on އަދިވެސް އޮންލައިން.



More from Adhives Online