މިންގަނޑަށް ނުފައްތާ މަގުބައްތިތަކުން ޖުލައިގެ ނިޔަލަށް ކަރަންޓް ކަނޑާލާނަން: ފެނަކަ

Tue, 25 Jun 2024 01:40 PM

View on this article on Adhives Online

މިންގަނޑަށް ނުފައްތާ މަގުބައްތިތަކުން ޖުލައިގެ ނިޔަލަށް ކަރަންޓް ކަނޑާލާނަން: ފެނަކަ

ފެނަކައިން ހިދުމަތް ދޭ ރަށްރަށުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހަރުދަނާ ކުރުމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ނުފައްތާ މަގުބައްތިތަކުން އަންނަ ޖުލައިގެ ނިޔަލަށް ކަރަންޓް ކަނޑާލާނެ ކަމަށް ފެނަކައިން ބުނެފިއެވެ.



"މި ކުންފުނީގެ ކަރަންޓްގެ ޚިދުމަތް ދެވިފައިވާ ރަށްތަކުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް ވަނީ އިންސްޕެކްޓް ކުރެވިފައެވެ. މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މި ކުންފުނިން ކަރަންޓްގެ ޚިދުމަތް ދެވޭ މަގުބައްތިތަކަށް، މީގެފަހުން ކަރަންޓް ދޫކުރެވޭނީ މިކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ ކަމަށް މި ކުންފުނިން ޙިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް 9 ޖޫން 2024 ގައި ވަނީ އެންގިފައެވެ." ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.

"މީގެ އިތުރުން ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް 27 ޖޫން 2024 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި އަދި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު މިހާރު ވަނީ އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން މި ކުންފުނިން ނިންމާފައެވެ. މި މުއްދަތުގެ ތެރޭގައި، ކައުންސިލްތަކުން، ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށާއި ނުވަތަ، ފެނަކައިން ތަކެތި ފޯރުކޮށް، ބިލް ކުރެވޭގޮތަށް މިކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާ އެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދެވިދާނެ ކަމުގައި ވެސް ވަނީ ދަންނަވާފައެވެ."

ފެނަކައިގެ އަމިއްލަ ތަކެތީގައި ސަބް ޑީބީއެއް ހަރުކޮށްދިނުމަށް ކައުންސިލްތަކަށް ހުށައަޅާފައިވާ އަގަކީ 8،500ރ. އެވެ.

"މިއީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތައް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވާތީ މި މުއްދަތުގެ ތެރޭގައި މިންގަނޑާ އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓް ޖުލައި މަހުގެ ނިޔަލަށް ކަނޑާލެވޭނެއެވެ. އަދި މި ކަންތަތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރަމުން ދާނެއެވެ. މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމަށް ޙާއްސަ އިސްކަމެއްދީ ރައްކާތެރި، އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ."

ސަބް ޑީބީ ހަރުކުރާ ގޮތުގެ ކުރެހުން

 

 

 

 

 

The post މިންގަނޑަށް ނުފައްތާ މަގުބައްތިތަކުން ޖުލައިގެ ނިޔަލަށް ކަރަންޓް ކަނޑާލާނަން: ފެނަކަ first appeared on އަދިވެސް އޮންލައިން.



More from Adhives Online