މީހުން ބުނެފައި ހުރި ބުއްދިވެރި ބައެއް ވާހަކަ

Tue, 25 Jun 2024 10:08 AM

View on this article on Adhives Online

މީހުން ބުނެފައި ހުރި ބުއްދިވެރި ބައެއް ވާހަކަ

ތިރީގައި މިވަނީ މީހުން ބުނެފައި ހުރި ބުއްދިވެރި ބައެއް ވާހަކަތަކެވެ.



1. ކަލޭގެ ހިތަކީ ބޭނުން މީހަކު އައިސް އެއިން ފެންބޯ ކޯރަކަށް ނުހަދާށެވެ. ނަމަވެސް، ކަލޭގެ ހިތަކީ، އެއަށް ގެނބޭ މީހަކަށް މެނުވީ އެއިން ފެން ނުލިބޭ ފަދަ ކަނޑަކަށް ހަދާލާށެވެ!

2. ވިސްނުން ކޮށި ގަބު މީހަކީ ކޮބާ ހެއްޔެވެ؟ އެއީ ދެ ފަހަރު އެއް ކަމެއް ހަމަ އެއް ގޮތަށް ކޮށްފައި ތަފާތު ނަތީޖާއެއް ނުކުމެދާނެ ކަމަށް ހީކުރާ މީހާއެވެ.

3. ވަގުތުން ރައްދެއް ދޭންޖެހޭ މަގާމެއްގައި ފަހުން ރައްދު ދިނުމަކީ، ހޫނުކަން ކެނޑި މުޅިން ފިނިވެފައި ހުރި އެއްޗެއް ކެއުން ފަދަ ކަމެކެވެ. އެއިން ބަނޑުފުރާލެވިދާނެއެވެ. ނަމަވެސް، އޭގެ މީރު ރަހަ ހުންނާނީ ކެނޑިފައެވެ.

4. ހިތާމައެއް ލިބޭ ވަގުތުގައި ބައެއް މީހުން ކަލޭ ކައިރިއަށް އަންނަނީ ކަލެއަށް ހަމްދަރުދީވެ ކަލޭގެ ހިތާމައިގައި ބައިވެރިވާށެވެ. ހަމަ އެހެންމެ، އެފަދަ ވަގުތެއްގައި އަނެއް ބަޔަކު އަންނަނީ ކަލެއަށް ވޭން ލިބޭކަން ޔަގީންކޮށްލައި އެކަމާ މެދު އުފާކުރާށެވެ. ކަލެއަށް އޮތީ މި ދެބައި މީހުން ވެސް ފާހަގަކޮށް މި ދެބައި މީހުންނާ ވެސް ރިވެތި ގޮތުގައި މުއާމަލާތް ކުރުމެވެ! ފަހުން ނަންގަނެވުނު ޝަމާތަތުގެ ނިޔަތުގައި އަންނަ މީހުންނަށް ނުބައިކޮށް ހިތައި، އެ މީހުންގެ ކިބައިން ބަދަލު ހިފަން އުޅޭނެ ކަމެއް ނެތެވެ. އެހެނީ، އެމީހުންނަށް ހައްގުވާ ޖަޒާ މާތްﷲ އެ މީހުންނަށް ދެއްވާނެއެވެ.

5. ކަލެއާ އެކީގައި އުޅޭ މީހުންގެ ތެރޭގައި ބައެއް މީހުން ވިސްނާނީ ހަމައެކަނި އެ މީހުންގެ އަމިއްލަ ނަފްސުގެ މަސްލަހަތާ މެދު ކަން ހަނދާންކުރަން ޖެހޭނެއެވެ. އަދި، ހަމަ އެހެންމެ، އެމީހުންނާއެކު ދަތުރެއް ފަށައި، އެ މީހުން އެދޭ ގޮތަށް، އެ މީހުންނަށް ފައިދާނުވާ ކަމަށް ވަންޏާ، ދަތުރުގެ މެދުތެރޭން، ކަލޭ ދޫކޮށްލާފައި ދާނޭ މީހުން ވެސް އުޅޭނޭ ކަން ދަންނަން ޖެހެއެވެ.

6. މީހެއްގެ ހިތުތެރޭގައި ފޮރުވިފައި އޮތީ ކޮން އެއްޗެއް ކަމެއް ނޭނގޭނެއެވެ. ނަމަވެސް، ހާލަތްތައް މެދުވެރިވުމުން، އެ މީހުންގެ ހަގީގަތް ހާމަވެ، ފާޅުވެގެންދާނެއެވެ.

7. ހަޔާތުގެ ދަތުރަކީ ވަރަށް ވެސް ކުރު މުއްދަތެއްގެ ދަތުރެކެވެ. އެ ދަތުރުގައި މީހުން ރުއްސަން އުޅެގެން އެއްވެސް ކަމެއް ނުވެ ހިނގައިދާނެއެވެ. އެހެންވީމާ، ތިމާ ނުރުހޭ ކަންކަން ކުރުމާ ދުރުވާން ޖެހެއެވެ. އަދި، މިއަދު އެކަމެއް ކޮށްގެން، އެކަން ނުކުރެވުނު ނަމައޭ މާދަމާ ހިތަށް އަރާފޭނޭ ފަދަ ކަންކަން އެއްގޮތަކަށް ވެސް ނުކުރާށެވެ! މި ގޮތުގައި ދެމިހުރެވޭނީ ކުރާ ކޮންމެ ކަމަކީ މާތްﷲ ރުހިވޮޑިގަތުން ލިބޭނޭ ކަމެއްތޯ ނުވަތަ ނޫންތޯ ބަލައި އެކަލާނގެ ރުހިވޮޑިގަތުން ލިބޭނޭ ކަންކަން ކޮށް، އެކަލާނގެ ރުހިވޮޑިގަތުން ނުލިބޭނޭ ކަންކަމާ ދުރުވެގެންނެވެ.

8. ކަލޭގެ ކާމިޔާބީތަކާއި ކަލޭގެ މިލްކިއްޔާތުގައިވާ އެއްޗެހީގެ ވާހަކަ ދައްކައި އިޝްތިހާރުކުރަން ނުހަދާށެވެ. މިފަދަ ވާހަކަތައް އަޑު އަހާ މީހުންގެ ތެރޭގައި ހަސަދަވެރިންނާއި ހެޔޮ ނޭދޭ މީހުން ވެސް ތިބޭނެކަން ހަނދާންކުރަން ޖެހެއެވެ.

9. ކަލޭގެ ސައިޖޯޑުގެ ހަކުރަކީ އެހެން މީހަކަށް ނުހަދާށެވެ. އެފަދައިން ކަންތައް ކުރުމަށް ވުރެން، ހަކުރު ނާޅައި ސައިބޮއި ތިމާގެ އަމިއްލަ ނަފްސުގެ އިއްޒަތް ރައްކާތެރިކުރުން މުހިއްމެވެ.

10. އިންސާނާއަކީ އިހުތިރާމު ލިބިގެންވާ މީހަކަށް ވުމަށްޓަކައި އޭނާ ހިނގަން ސާފު ތާހިރު މަގުތަކަކަށް ބޭނުމެއް ނުޖެހެއެވެ. ނަމަވެސް، މަގުތަކަކީ ސާފު ތާހިރު މަގުތަކަކަށް ވުމަށްޓަކައި އެ މަގުގައި ހިނގަނީ އިހުތިރާމު ލިބިގެންވާ މީހުންނަށް ވާންޖެހެއެވެ.

11. ބުއްދިވެރިއަކާ ސުއާލު ކުރެވުނެވެ. އޭނާގެ ޝަރަފުވެރިކަމާއި އިހުތިރާމު ގެއްލިފައިވާ މީހަކީ ކޮބައި ހެއްޔެވެ؟

ޖަވާބުގައި ބުއްދިވެރިއާ ބުންޏެވެ. އެއީ ތިމާގެ އަމިއްލަ ގައުމުން ހުރިހާ ފައިދާއެއް ނަގާފައި، އެހެން ގައުމަކަށް ތެދުވެރިވެ، ތިމާގެ އަމިއްލަ ގައުމުގެ މައްޗަށް، އެހެން ގައުމެއްގެ މަސްލަހަތު އިސްކުރާ މީހާއެވެ.

The post މީހުން ބުނެފައި ހުރި ބުއްދިވެރި ބައެއް ވާހަކަ first appeared on އަދިވެސް އޮންލައިން.



More from Adhives Online