އެއްމާބަނޑު 14 ޖޯޑު އެއް މަދަރުސާއަކުން ދަސްވެނިވުން- ދެ ގުނަ އުފާ

Tue, 25 Jun 2024 08:52 AM

View on this article on Adhives Online

އެއްމާބަނޑު 14 ޖޯޑު އެއް މަދަރުސާއަކުން ދަސްވެނިވުން- ދެ ގުނަ އުފާ

އެއްމާބަނޑު ދެކުދިންނަކީ އަދި އެއްމާބަނޑު ތިންކުދިންނަކީ ވެސް އާދަޔާހިލާފު ކަމެއް ނޫނެވެ. ނަމަވެސް އެއްމާބަނޑު 14 ޖޯޑާއި އެއްމާބަނޑު ތިން ކުދިން އެއް މަދަރުސާއަކުން ދަސްވެނިވުމަކީ އާދަޔާހިލާފު ކަމަކަށްވެދާނެއެވެ.



ކަންތައް ވީ ވެސް މިހެންނެވެ. އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ކޫޕަރ ސިޓީ ހައި ސްކޫލުން މި މަހުގެ ފަސްވަނަ ދުވަހު ވަނީ މި ކަހަލަ އާދަޔާހިލާފު ކަމެއް ފާހަގަކޮށްފައެވެ. މިއީ އެ ސްކޫލުން ދަސްވެނިވި 543 ދަރިވަރުންގެ ތެރެއިން ހަ ޕަސެންޓް ކިޔަވާ ކުދިންނެވެ.

ސްކޫލްގެ ޕްރިންސިޕަލް ވީރާ ޕާކޮވިޗް ވިދާޅުވީ އެއް ކުއްޖަކު އައިސް ސެޓްފިކެޓް ހިފައިގެން ދިއުމުން ހަމަ އޭގެ ސެޓްފިކެޓެއް އެ ކުއްޖާގެ އެއްމާބަނޑު ދެބެންނާ ހަވާލު ކުރުންވީ އާދަޔާ ހިލާފު އިހުސާސެއް ކުރެވުނު ކަމެއް ކަމަށެވެ.

"އެ ކުދިންނަކީ ވަކިވަކި ފަރުދުން. ނަމަވެސް މި ހުރިހާ ދުވަހަކުވެސް އެ ކުދިން އުޅެމުން ދިޔައީ އެކުގައި. އެއްމާބަނޑުދެބެން ކަމަށްވާތީ،" ވީރާ ވިދާޅުވިއެވެ.

ސްކޫލްގައި ކިޔެވީ "އައިޑެންޓިކަލް ޓްވިންސް"ގެ ދެބެންނެވެ. މިއީ މައިމީހާގެ އެއް ބިސް ފިރިހެންމީހާގެ އެއް ދަރިފަނިން ގަރުބަގަތުމުން އުފެދޭ އެއްމާބަނޑުދެބެންނެވެ. ސްކޫލްގައި ދެން ތިބީ "ފްރެޓަރނަލް ޓްވިންސް"ގެ 12 ބެއިންނެވެ. މިއީ މައިމީހާގެ ދެ ބިސް ފިރިހެންމީހާގެ ދެ ދަރިފަނި ވަކިން ފަޓިލައިޒް ކުރީމާ އުފެދޭ އެއްމާބަނޑުކުދިންނެވެ.

އެއްމާބަނޑުދެބެން ކަމަށްވާ ގަބްރިއެލް އަދި ޖޮސެލިންގެ ބައްޕަ އޭރަން ރީޑް ބުނީ ދަސްވެނިވުން "ދެ ގުނަ އުފާވެރި" ކަމަށެވެ.

"ނަމަވެސް ކަންތައްތައް ހަލަބޮލިވި ކަހަލަ އިހުސާސެއް ވެސް ކުރެވުނު،" އޭރަން ބުންޏެވެ.

އޭނާ ބުނީ އެއްމާބަނޑުދެބެން ގެންގުޅޭތީ "ކޮންމެ ކަމެއް ވެސް ދެ ފަހަރަށް ކުރަން ޖެހޭ" ކަމަށާއި މިހެންވެ "އުފާވެރިކަން ވެސް ދެގުނައަށް އިތުރު"ވެފައިވާ ކަމަށެވެ.

ގަބްރިއެލް އާއި ޖޮސެލިން ޕްރިސްކޫލްގައި ވެސް އުޅުނީ އެކުގައެވެ. ނަމަވެސް ދެން ކޮލެޖަށް ދާނީ ތަފާތު ދެ ތަނަށް ކަމަށްވެއެވެ. އެ ގޮތުން ގަބްރިއެލް ދާން ހަމަޖެހިފައިވަނީ ކޯނެލް ޔުނިވާސިޓީއަށެވެ. ޖޮސެލިން ދާނީ ވޮޝިންޓަން ޔުނިވާސިޓީއަށެވެ.

"މި ހުރިހާ ދުވަހު އަހަރެން އުޅުނީ ޖޮސެލިންއާއެކު. އަހަރެން ވެސް މިއީ ވަކި ފަރުދެއް. އެހެންވީމާ ޖޮސެލިންއާ ނުލައި ހަޔާތް ތަޖުރިބާކޮށްލަން ބޭނުން،" ގަބްރިއެލް ބުންޏެވެ.

ޖޮސެލިންއަކީ ސްކޫލްގެ އަހަރީ ފޮތުގެ އެޑިޓަރެވެ. މިހެންވެ އޭނާގެ ކްލާހުގައި އުޅުނީ އެއްމާބަނޑު ކިތައް ކުދިންކަން އޭނާއަށް އެނގެއެވެ.

"އެއްމާބަނޑުދެބެންނަށް ވުމުން މީހުން ދެކެނީ އާދަޔާހިލާފު ކަމެއްގެ ގޮތުގައި. ނަމަވެސް އެއްމާބަނޑުދެބެން އުޅުމަކީ ކޮންމެ މުޖުތަމައެއްގައި ވެސް އާއްމު ކަމެއް،" ޖޮސެލިން ބުންޏެވެ.

ދަސްވެނިވުމަށް ދީފައިވަނީ ވެސް ހާއްސަ ޝިޔާރެކެވެ. އެއީ: "ދެ ގުނަ ރީއްޗެވެ. އަދި ތިން ގުނަ މަޖަލެވެ."

The post އެއްމާބަނޑު 14 ޖޯޑު އެއް މަދަރުސާއަކުން ދަސްވެނިވުން- ދެ ގުނަ އުފާ first appeared on އަދިވެސް އޮންލައިން.



More from Adhives Online