ފައިސާ ޗާޕްނުކޮށް ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ހަތްމަސް ތެރޭގައި ދައްކައިފިން: ރައީސް

Mon, 24 Jun 2024 08:35 PM

View on this article on Adhives Online

ފައިސާ ޗާޕްނުކޮށް ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ހަތްމަސް ތެރޭގައި ދައްކައިފިން: ރައީސް

ފައިސާ ޗާޕްނުކޮށް އަދި ބޮޑު އިންޓަރެސްޓުގައި ލޯނުތައް ނުނަގައި ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ވޭތުވެދިޔަ ހަތްމަސް ދުވަހުގެ ތެރޭގައި ސަރުކާރުން ދައްކާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕީއެންސީ ހައުސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.



އެތެރެއާ ބޭރުގެ ދަރަނިތައް އަދާކުރުމަށް ޖުމްލަ 13 ބިލިޔަން ރުފިޔާ މި ހަތް މަސްތެރޭގައި ދައްކާފައިވާކަމަށާ، އޭގެ ތެރޭގައި ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ޑީފޯލްޓް ނުވެ ދައްކައިފައިވާކަން މިމޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އެކި ކުންފުނިތައް ލައްވައި މަސައްކަތްތައް ކުރުވުމަށްފަހު އަގު އަދާނުކޮށް ހުރި ނުވަ ބިލިޔަން ރުފިޔާގެ ތެރެއިން ހަތަރު ބިލިޔަން ރުފިޔާވެސް ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހުރީ ދެ މިލިޔަން ޑޮލަރުގައި ކަމަށާއި ނަމަވެސް މި ވޭތުވެދިޔަ ހަތް މަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން މިހާރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު 54 މިލިޔަން ޑޮލަރަށް އިތުރުކޮށްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެހެންމެ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު އެ ޢަދަދު 100 މިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާކަން ތަކުރާރު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއީ ބޭރުގެ މާލީ އިދާރާތަކުންވެސް ތައުރީފުކުރައްވާ ނިންމުމެއްކަން ފާހަގަކުރައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ މެދަކާ ހަމައަށްދާއިރު އެއަރޕޯޓްގެ ޓަރމިނަލް އަދި ޓަރމިނަލްއާ ގުޅިފައިވާ މަސައްކަތްތައް އެކީ ނިންމާލެވޭނެ ކަމަށެވެ. ހަމަ އެހެންމެ އާ ޓަރމިނަލްގައި ގާއިމުކުރާ އަށް އެއަރޯ ބްރިޖުގެ ތެރެއިން މަދުވެގެން ތިން ބުރިޖުގެ މަސައްކަތް ނިންމައި މިއަހަރު ނިމޭހާ ތަނުގައި ބޭނުންކުރެވޭވަރު ވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިއުލާނުކޮށްފައިވާ އެއަރޕޯޓް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިޔަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

The post ފައިސާ ޗާޕްނުކޮށް ބޭރުގެ ދަރަނީގެ 2.7 ބިލިޔަން ރުފިޔާ ހަތްމަސް ތެރޭގައި ދައްކައިފިން: ރައީސް first appeared on އަދިވެސް އޮންލައިން.



More from Adhives Online