ކޮލަމް ދޭހަ: ޕާސްޕޯޓު މަނާކުރަން އުޅޭ ނިންމުން ރަނގަޅުބާ؟

Sat, 15 Jun 2024 02:05 AM

View on this article on Adhives Online

ކޮލަމް ދޭހަ: ޕާސްޕޯޓު މަނާކުރަން އުޅޭ ނިންމުން ރަނގަޅުބާ؟

އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ގޮވައިލުމުގެ އަޑު މި ދުވަސްކޮޅުގައި ވަރަށް ގަދައެވެ. މިކަމަށް އެންމެ ބާރަށް ހަޅޭފުޅުލައްވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޒުވާން ބައެއް މެމްބަރުންވެސް ހިމެނެއެވެ. އެބޭފުޅުން އެފަދަ ގޮވާލުންތައް ގޮވާލައްވާނީ ވެސް ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުންގެ އުމުރުފުޅަށް ބަލައިލާއިރު މިކަހަލަ ބޮޑެތި ނިންމުންތަކާ މެދު ދުނިޔެވީ ތަޖުރިބާ ލިބިވަޑައިގެންފައި ހުރުމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ.



އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ އަނިޔާ އަކީ އިޒްރޭލުގެ ހަރުކަށި ސިޔާސަތެއް ގެންގުޅޭ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން ގެންގުޅޭ ސިޔާސަތެކެވެ. ނަތަންޔާހޫ ވެރިކަމުގައި ހުންނެވުމަށް ބޭނުންފުޅުވާ އަދަދަށް އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުން ގޮނޑި ހޯއްދެވުމަށް ހަރުކަށި ސިޔާސަތުގެ ކުދި ޕާޓީތަކާއި އޭނާ ވަނީ ގުޅިވަޑައިގެންފައެއެވެ. ހަރުކަށި ސިޔާސަތުގެ ކުދި ޕާޓީ ތަކުގައި ގިނައިން ހިމެނެނީ އިޒްރޭލަށް ފަހުން ހިޖުރަ ކުރި މީހުންނެވެ. ޚާއްޞަކޮށް ރޫސީވިލާތުން ހިޖުރަކުރި މީހުންނެވެ. ނަތަންޔާހޫ އަކީ ފަލަސްތީނާ މެދު ހަމައެކަނި މިއަދު ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް ނޫނެވެ. އޭނާ ޒުވާން ޑިޕްލަމެޓެއްގެ ގޮތުގައި ފަލަސްތީނުގެ މައްސަލައާ މެދު ވާހަކަ ދެއްކުމަށް އެމެރިކާ އާއި އ.ދ. އަށް ފޮނުވުނު ވަފުދުގައި ހިމެނުނު އިރުވެސް އޭނާގެ ބަސްމަގު ހުރީ އެހާ ހަރުކަށިކޮށެވެ. އިޒްރޭލުގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ނަތަންޔާހޫގެ ސަރުކާރުން ގައްޒާގައި ހިންގާ ޤަތުލު ޢާއްމާ ދެކޮޅު ކަމަށް، ޚަބަރު ފަތުރާ ވަސީލަތްތަކުގެ ތެރެއިން ގިނަ ވަސީލަތްތަކުން ރިޕޯޓުދެމުން ގެންދެއެވެ. އިޒްރޭލުގައި ވެސް ސުލްޙަ ބޭނުންވާ، އަނިޔާވެރިކަމުން ދުރަށްދާން ބޭނުންވާ ބައިވަރު ޔަހޫދީ ރައްޔިތުން އުޅޭކަމަށް ދިރާސާ ރިޕޯޓުތަކުން ދައްކައެވެ.

އިޒްރޭލުން މިހާ އަނިޔާވެރިކަމާއެކު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްބަސްވުންތަކަށް ތަބާނުވެ ކަންތައްތައް މިކުރަނީ ކޮންބައެއްގެ ބާރު ލިބިގެންތޯއެވެ؟ އެ ޤައުމުގެ މި އަނިޔާވެރި ހަނގުރާމަ އަށް ހަތިޔާރު ދެނީ ކޮންބައެއްތޯއެވެ؟ ސަލާމަތީ މަޖިލީހުން ނިންމަން އުޅޭ ކަންތައްތައް ނުނިންމެނީ ކޮންބައެއްގެ ނުފޫޒުންތޯއެވެ؟ އެ ޤައުމުތަކާ ދެކޮޅަށް ވެސް ރާއްޖޭން ފިޔަވަޅު އަޅަންވީތޯއެވެ؟ އެ ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ނާދެވޭގޮތަށް ހަދަންވީތޯއެވެ؟

އަޅުގަނޑުމެންގެ ރާއްޖޭގެ އަމިއްލަ ޙާލަތަށް ބަލާލަމާތޯއެވެ؟ ދިވެހިންގެ ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި މިހާރު ވެރިކަމުގައި އޮތް ޕާޓީ ވެރިކަމަށް އައީ އެ ޕާޓީން ނެގި "އިންޑިއާ އައުޓް"ގެ ސިޔާސަތުންނެވެ. ޙަޤީޤަތަކީ ރާއްޖޭގެ އާބާދީ އެއިރުވެސް އަދި މިހާރުވެސް އިންޑިއާއާ ދެކޮޅުވެރިވާން ބޭނުންނުވާކަމެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އަށް އެހީވާ އަޅުގަނޑުމެންނާ އެންމެ އަވައްޓެރި ޤައުމެވެ. މިއަދަކު ނޫނެވެ. ކަންނައްނޫރު ޢަލީރާޖާގެ ޒަމާނުއްސުރެންނެވެ. އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ މުޅިން އެހެން މައްސަލައެކެވެ. ކޮންމެ ހައިސިއްޔަތަކުން ވިޔަސް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިނުލްޢަޤްވާމީ ކަންކަމުގައި ބަސްވިދާޅުވުމުގައި ޖަޒްބާތީ ނުވުމަށް ވިސްނާވަޑައިގަަތުމަށް ސަމާލުވާންޖެހެއެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރެއްވުމުގައި މިހާރު މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނަކީ ވެސް، އެ މަސައްކަތުގައި އެތައް އަހަރު ތަކެއް ހޭދަކުރައްވާފައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުންނެވެ. ރަނގަޅު ވާހަކަފުޅެކެވެ. ޚާރިޖިއްޔާގައި ސިޔާސީ ބައެއް ބޭފުޅުން އެބަތިއްބެވިއެވެ. އެބޭފުޅުންނަށް ޚާރިޖީ ކަންކަމުގައި ދެކޮޅު އޮތްގޮތް ނުވަތަ އޮންނަ ގޮތް ދަންނަވައިދޭން ތިއްބަވަނީ ކަމުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ބައެއް ބޭފުޅުން ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ބެހޭ ބައެއް ކަންކަމުގައި، ކަމާ ބެހޭ ގިނަ ބައެއްގެ ޚިޔާލު ހޯއްދެވުމެއްނެތި، ހަމައެކަނި އަމިއްލަ މަޞްލަޙަތަށް ބައްލައިގެން ބިލެއް ހުށައަޅައިގެން، އެބިލް ޤާނޫނަކަށް ވެއްޖެނަމަ، އެފަދަ ޤާނޫނަކުން ލިބޭ ފައިދާ އަށްވުރެ ލިބިދާނެ ގެއްލުން ބޮޑުވާނެއެވެ.

އިޒްރޭލްގެ ފަތުރުވެރިން ރާއްޖޭގެ ދެކުނުގައްޔާއި ސަފާރީ އުޅަނދުފަހަރުގައި ވަރަށްގިނަ ކަމުގައި ވެއެވެ. ހޮލީވުޑްގެ ތަރިންގެ ތެރޭގައި ނުފޫޒު ގަދަ ޔަހޫދީން ވަރަށް ގިނައެވެ. ރާއްޖެ އަށް އަމިއްލަ ޖެޓްގައި ޗުއްޓީ އަށް އަންނަ މީހުންގެ ތެރޭގައި، އެ ގިންތީގެ ވަރަށް ގިނަ މުއްސަނދިން ހިމެނެއެވެ. ރާއްޖެ ދަނީ ބައިނުލްއަޤްވާމީ މައިދާނުގައި އިޒްރޭލާ މެދު ރާއްޖެ ދެކޭގޮތް ކެރިގެން ހާމަކުރަމުންނެވެ. މިގޮތަށް ކަންތައް އޮތްއިރު ކޮންމެހެން ޕާސްޕޯޓުން މަނާކޮށްގެން އިޒްރޭލްގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވަންޖެހޭ ބާވައެވެ؟ މިގޮތަށް ކަންތައް ކުރުމުން ގެއްލުންވަނީ ކޮންބަޔަކަށްތޯއެވެ؟ ޔަޤީނުންވެސް އިޒްރޭލަށް ގެއްލުން ނުވާނެއެވެ.

އިޒްރޭލް އާއި އަވައްޓެރި މުސްލިމް، މުއްސަނދި ޤައުމުތަކުން އިޒްރޭލްގެ ޕާސްޕޯޓު އޮންނަ މީހުންނަށް އެ ޤައުމުތަކަށް ނޭރޭ ގޮތަށް ޤާނޫނެއް ނުވަތަ ޤަވައިދެއް ހަދާފައި އޮތްކަމެއް އެނގިފައެއްނެތެވެ.

ސިޔާސީ ބައެއް މީހުންނަށް ހީވަނީ ރާއްޖެއަކީ ސުޕަރޕަވަރެއްހެންނެވެ. ލަދުގަތަސް، އަޅުގަނޑުމެންނަކީ އަދިވެސް ވަރަށް ގިނަ ޤައުމުތަކުން ލިބޭ އެހީގައި ދެކޮޅުޖައްސައިގެން އުޅޭބައެކެވެ. ފަލަސްތީނަށް އެހީވުމަށް މިހާރުވެސް ރާއްޖެއިން ވަރަށް ގިނަ ކަންތައް ކުރެއެވެ. ރާއްޖެ ކަހަލަ ޡައީފް އިޤްތިޞާދެއް އޮތް ޤައުމަކުން ކުރެވޭނެ ކަމަށް ބައެއް ޤައުމުތަކުން ޤަބޫލުކުރަން އުނދަގޫވާވަރުގެ ކަންތައް ކުރެއެވެ. ފަލަސްތީނުގެ ރައްޔިތުން އެކަން ބަލައިގަނެއެވެ. އަޅުގަނޑުމެން މިހާރުވެސް ކުރިއަށް މިދާ މަގުގައި ކުރިއަށްދާންވީއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ލިބޭ ފުރުޞަތު ތަކުގައި ފަލަސްތީނުގެ ޙައްޤުގައި ބަސްބުނަންވީއެވެ. އަޅުގަނޑުމެންނަށް ދެވެން އޮތް މިންވަރަކަށް މާލީ އެހީ ދެމުންގެންދަންވީއެވެ.

އަރަބިކަރައަކުން ކިޔަވައިވިދާޅުވެގެން ހުންނެވި ބޭފުޅަކު ލިއުއްވާފައި އޮތް ލިއުއްވުމެއް ދާދިފަހުން އަޅުގަނޑު ދުށީމެވެ. އޭނާ ވިދާޅުވީ ޓެލެތޯނާއި އެއްޗެހި ބާއްވައިގެން ހޯދާ ފައިސާ ފަގީރުންނަށް ބަހާލުން މާރަނގަޅު ކަމަށެވެ. އޭނާ ނަސޭޙަތްތެރިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރަނގަޅު ގޮތެއް މެދުވެރިކޮށްދެއްވުމަށް އެދި ދިވެހިން ދުޢާކުރުމަށެވެ. މާތްކަލާކޯއެވެ!!

The post ކޮލަމް ދޭހަ: ޕާސްޕޯޓު މަނާކުރަން އުޅޭ ނިންމުން ރަނގަޅުބާ؟ first appeared on އަދިވެސް އޮންލައިން.



More from Adhives Online