ކޮލަމް މީތިނުކިޔާތި: ނަމަނަމަ ހިމާރަކާ ޒުވާބު ނުކުރާށެވެ.

Sat, 15 Jun 2024 01:54 AM

View on this article on Adhives Online

ކޮލަމް މީތިނުކިޔާތި: ނަމަނަމަ ހިމާރަކާ ޒުވާބު ނުކުރާށެވެ.

އެއް ދުވަހަކު ހިމާރެއް، މިނިކާވަގަކާ ދިމާއަށް ބުންޏެވެ: "ވިނައަކީ ނޫކުލައިގައި ހުންނަ އެއްޗެކެވެ."



މިނިކާވަގު ޖަވާބުދިނެވެ: "ނޫނެކެވެ. ވިނަ ހުންނަނީ ފެހި ކުލައިގައެވެ."

މިހާ ހިސާބުން ޒުވާބު ހޫނުވިއެވެ. މިހެންވެ މިނިކާވަގާއި ހިމާރު ނިންމީ ޖަންގަލީގެ ރަސްގެފާނު ކަމަށްވާ ސިންގާގެ ބަހެއް މި ކަމުގައި ލިބޭތޯ ސިންގާގެ ގާތަށް ދާށެވެ.

ސިންގާގެ ވިސްނުން ހުރީ ކިހިނެތްކަމާމެދު ޝައުގުވެރިވިލެއް ބޮޑު ކަމުން ސިންގާގެ ގާތަށް ސީދާ ނުދެވެނީސް، ނަމަވެސް ތަންކޮޅެއް ދުރުން ފެންނައިރަށް، ސިންގާއަށް އަޑުއިވޭވަރަށް ހިމާރު އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ: "މަ ސާހިބާއެވެ. ވިނައިގެ ކުލައަކީ ނޫ ކުލަ ހެއްޔެވެ؟"

ސިންގާ ޖަވާބު ދިނެވެ: "ތިޔަ ބުނީ ހަމަ ތެދެކެވެ. ވިނަ ހުންނަނީ ނޫ ކުލައިގައެވެ."

ދެން އަވަސްއަވަހަށް ސިންގާގެ ގާތަށް އަންނަމުން ހިމާރު އޭގެ ވާހަކަ ކުރިއަށްގެންދިޔައެވެ: "މިނިކާވަގު އަހަރެންނާ ދެބަސްވެއްޖެއެވެ. މި ކަމުން އަހަރެންގެ ސިކުނޑިއަށް އުނދަގޫވެއްޖެއެވެ. މިނިކާވަގަށް އަދަބުދޭށެވެ."

ސިންގާ ޖަވާބުދިނެވެ: "މިނިކާވަގަށް އަހަރެން ކުރާ ހުކުމަކީ ފަސް އަހަރު ދުވަހު އަނގައިން ނުބުނެ، މަޑުން ހުރުމެވެ."

ހިމާރު އުފަލުން ފުންމައިގަތެވެ. ދެން އެ ތަނުން ދުރަށް ދާން ފަށައިފިއެވެ. އެ ގޮތުން ހިނގަމުންދިޔައިރު ލަވައެއްގެ ޒާތަށް ތަކުރާރުކޮށް ކިޔަމުންދިޔައެވެ: "ވިނައިގެ ކުލައަކީ ފެއްސެވެ!"

ސިންގާގެ ފަރާތުން ލިބުނު އަދަބު މިނިކާވަގު ބަލައިގަތެވެ. ނަމަވެސް ސިންގާގެ ގާތުން މިނިކާވަގު އެއްސެވެ: "މަ ސާހިބާއެވެ. އަހަރެންނަށް އަދަބު ދިނީ ކީއްވެ ހެއްޔެވެ؟ ވިނައަކީ ހަމަ ހަގީގަތުގައި ވެސް ފެހި ކުލައިގެ އެއްޗެއް ނޫން ހެއްޔެވެ؟"

ސިންގާ ޖަވާބު ދިނެވެ: "ޔަގީނެވެ. ހަމަކަށަވަރުން ވެސް ވިނައިގެ ކުލައަކީ ފެހި ކުލައެވެ."

މިނިކާވަގު އެއްސެވެ: "އެހެންވީމާ އަހަރެންނަށް އަދަބު ދިނީ ކީއްވެ ހެއްޔެވެ؟"

ސިންގާ ޖަވާބުދިނެވެ: "މައްސަލައަކީ ވިނައަކީ ނޫ ނުވަތަ ފެހި ކުލައިގެ އެއްޗެއްތޯ ކުރެވޭ ސުވާލެއް ނޫނެވެ. އަދަބު މި ދިނީ ހިތްވަރުގަދަ އަދި ވިސްނުންތޫނު ހައިވާނަކަށް ތިބާ ވީއިރުވެސް ހިމާރަކަށް ޒުވާބުދީ، އަދި އޭގެ އިތުރުން އަހަރެންގެ ގާތަށް އައިސް ތިޔަ ސުވާލުކޮށް، އަހަރެންނަށް އުނދަގޫ ކުރުމުންނެވެ."

މި އިބުރަތްތެރި ވާހަކައިން ދޭހަވަނީ މޮޔައަކާ ނުވަތަ އެ މީހަކު އެ ގަބޫލު ކުރާ ގޮތް އެއީ ހަމަނުޖެހޭ ގޮތެއް ކަމަށްވިޔަސް އެ ކަމުގައި ހިފަހައްޓައިގެން ހުންނަ މީހާއާ ބަހުސް ކުރުމަކީ ބޭކާރު ކަމެއް ކަމެވެ. އެ ފަދަ މީހުންނަށް މުހިންމު ވާނީ އޭނާގެ ހިޔާލު އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ބެލުމެއް ނޫނެވެ. އެ މީހުންނަށް މުހިންމު ވާނީ އެ މީހުން ގަބޫލުކުރާ ގަބޫލުކުރުންތައް އަނެކާގެ ކުރިމަތީގައި "މޮޅުވުމެ"ވެ. އެހެންކަމުން މި ހާދިސާއިން ދޭ މެސެޖަކީ ބުއްދި ގަބޫލު ނުކުރާ ކަންތައްތަކާ ޒުވާބު ކުރުމަށް ތިމާގެ ވަގުތު ނަގައިލުމަކީ ބޭނުން ކަމެއް ނޫން ކަމެވެ.

އަހަރެމެން ކިތައްމެ ވަރަކަށް ހެއްކެއްގެ މައްޗަށް ހެކި ދެއްކިއަސް އެ ހެކި ބަލައިގަތުމުގައި ވިސްނުންކޮށި މީހުން އުޅެއެވެ. ބައެއް މީހުންނަކީ "މަށަށް މަ މޮޅު" ނުވަތަ އަތްފޯރާ ހިސާބަށް ވުރެ މަތީގައި އެ މީހުންގެ "އީގޯ" ވާ މީހުންނެވެ. އެ މީހުންގައި ހުންނާނީ ރުޅިވެރިކަމާއި ނަފުރަތު ކުރުމުގެ ޝަހުސެކެވެ. އަދި އެ މީހުން ތިބީ ރަނގަޅު ގޮތުގައި ނޫން ކަމަށް ވިޔަސް އެ މީހުން ބޭނުންވާނީ ރަނގަޅު ގޮތުގައި ތިބީ އެ މީހުން ކަމަށް ގަބޫލު ކުރުމެވެ. މި ކަމުގެ މިސާލަކީ "ގަމާރު"ކަން ހަޅޭއްލަވަން ފަށައިފި ނަމަ، އެ ކަމުގެ ކުރިމަތީގައި "ވިސްނުންތޫނު"ކަން ހިމޭންވުމެވެ. ތިބާގެ ސިކުނޑީގެ ހަމަޖެހުމާއި ހަމަހިމޭންކަމަކީ އެއަށް ވުރެ މާ އަގުބޮޑު އެއްޗެކެވެ.



More from Adhives Online