ކޯލީޝަން ހަދައިގެން މިހާތަނަށް އެކުގައި، އެއް އޮފީހެއްގައި މަސައްކަތް ކުރަމުން އައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ވަކިވެ، ޕީ.އެން.ސީގެ ވަކި އޮފީހެއް ގާއިމްކޮށްފިއެވެ.
ޕީ.އެން.ސީގެ އޮފީސް ގާއިމުކުރީ "ދިވެހީންގެރާއްޖޭ"ގެ މައި ޖަގަހަ ހިންގި، ކާނިވަލުގެ "ދޮންމަނިކު ސްކައިވޭ" ރެސްޓޯރަންޓުގެ ތިރީގައެވެ. އެތަނުގެ ނަން ބޯޑު ހަރުކުރަމުންދިޔަ މަންޒަރު "އަދިވެސް"ގެ ނޫސްވެރިންނަށް ރޭ ވަނީ ފެނިފައެވެ.
ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ އުފެދުން
ޕީ.ޕީ.އެމް އަކީ ރައީސް މައުމޫން އަބްދުގައްޔޫމު، ޑީ.އާރް.ޕީ އަށްފަހު 17 އޮކްޓޫބަރު 2011 ގައި އުފަންކުރެއްވި ޕާޓީއެކެވެ. ނަމަވެސް 2013 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ވަޑައިގެންތާ ދުވަސްކޮޅެއް ފަހުން ރައީސް މައުމޫނާ ހިިޔާލު ތަފާތުވެ، އަދި ރައީސް ޔާމީންގެ ވެރިކަން 2018 ގައި ގެއްލުނު ފަހުން، ޕީ.ޕީ.އެމް މިލްކުވެރިކަމާ މެދު ދެބެއިން ތަޅައިފޮޅައި ކޯޓަށް ދާންޖެހުނު ހިސާބުން، ބެކަޕް ޕާޓީއެއްގެ ގޮތުގައި 31 ޖަނަވަރީ 2019 ގައި ރައީސް ޔާމީން އަޑީގައި ހުންނަވައިގެން، ޕީ.އެން.ސީ އުފެއްދެވިއެވެ. ޕީ.އެން.ސީގެ ރައީސް ކަމަށް އޭރުއްސުރެ ހުންނެވީ ރައީސް ޔާމީނަށް އެންމެ ވަފާތެރި ބޭފުޅާ ކަމަށްވާ ބުނެވޭ އަބްދުއްރަހީމު (އަދުރޭ) އެވެ.
ރައީސް މައުމޫނަށްފަހު ޕީ.ޕީ.އެމްގެ ރައީސް ކަމަށް ވަޑައިގަތީ ރައީސް ޔާމީނެވެ. އެއާއެކު ރައީސް މައުމޫން ވަނީ ޕީ.ޕީ.އެމްގެ މެމްބަރުކަމުން ވެސް ވަކިކޮށްފައެވެ.
އެއްބަނޑު އެއްބަފާ ދެ ޕާޓީ
ޕީ.އެން.ސީ އުފަންވީއްސުރެ، ޕީ.ޕީ.އެމާއި ޕީ.އެން.ސީ ހިނގަމުން އައީ އެއް އުރައެއްގައި އޮތް، އެއްބަނޑު އެއްބަފާ ދެ ޕާޓީގެ ގޮތުގައި، އެއް ހިޔާވައްސެއްގައި، "ހ. ހުރަފަ"އިގައެވެ. ކިޔަމުން އައީ "ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަން" ކަމަށެވެ. ނޫސް ބަޔާންތަކާއި ހުރިހައި ލިޔެކިއުމެއް ވެސް ނެރެމުންދަނީ ދެ ޕާޓީގެ ނަމުގައި، ދެ ޕާޓީގެ ތައްގަނޑު ޖަހައި، އެއް ލެޓަހެޑެއްގައެވެ. ޕީ.އެން.ސީ އުފެދުނު ފަހުން ނިމިދިޔަ ހުރިހައި އިންތިހާބެއްގައި ދެ ޕާޓީން ވާދަކުރަމުން، ކާމިޔާބުކުރަމުން އައީ ވެސް އެކުއެކީގައެވެ.
މަޖިލިސް އިންތިހާބުގައި ދެ ޕާޓީ ގުޅިގެން ވާދަކުރުން
ދެ ޕާޓީ ގުޅިގެން، މި މަހު ފުރަތަމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ޕީ.ޕީ.އެމާއި ޕީ.އެން.ސީގެ ކޯލީޝަންގެ ފަރާތުން އެއް ކެންޑިޑޭޓެއް ކަމަށާއި، އެ ކަމަށް ޝައުގުވެރިވާ މީހުން ޑިސެމްބަރުގެ ނިޔަލަށް ކުރިމަތިލުމަށެވެ. އަދި "ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ބާއްވާ ޕްރައިމަރީ 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފައި" ކަމަށެވެ.ނުތަނަވަސްކަން އުފެދެން ފެށުން
ސެޕްޓެމްބަރު 30ގެ ވޯޓަށްފަހު، ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވުމާއި، ޖެހިގެން އައި ދުވަހު ރައީސް ޔާމީން މާފުށީ ޖަލުން ހ. ދޫވެއްސަށް ބަދަލުކުރުމާއެކު، ދެ ޕާޓީގެ ދެ މެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. އޭގެ ދެތިން ދުވަސް ފަހުން، އޮކްޓޯބަރު ހަތަރެއްގައި، ޕީ.އެން.ސީގެ ރައީސް ކަމަށް ޑރ. މުއިއްޒު އައްޔަންކޮށް، އަދުރޭ ވަނީ ޗެއަރޕާސަންގެ މަގާމަށް ބަދަލުވެފައެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ކުރިން، ޕީ.ޕީ.އެމްގެ އޮފީހުގައި ހުންނަ ރައީސް ޔާމީންގެ އޮފީސް ކޮޓަރިކޮޅު ވަނީ މަރާމާތުކޮށް އާބާތުރަފިލުވައިފައެވެ. ފަހުން، ރައީސް ޔާމީން މާލޭ ބަންދަށް ބަދަލުކުރުމުން އެ މަނިކުފާނު ބޭނުންކުރައްވަމުން ގެންދަވަނީ އެ އޮފީސް ކޮޓަރިކޮޅެވެ. އެ ތަނުގައި ޕީ.އެން.ސީގެ ރައީސަކަށް ވަކި ކޮޓަރިއެއް ނުހުރެއެވެ.
ރައީސް ޔާމީން މާލޭ ބަންދަށް ދޫކޮށްލުމުން ދެ ޕާޓީގެ މެމްބަރުންނާއެކު ދެ ބައްދަލުވުމެއް ވެސް ޕާޓީ އޮފީސްތެރޭގައި ބޭއްވެވި އެވެ. ނަމަވެސް މިއިން އެއްވެސް ބައްދަލުވުމެއްގައި ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއެއްގެ ލީޑަޝިޕްގެ ބޭފުޅުންނެއް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދުރޭ ވިދާޅުވެފައިވާ ގޮތުގައި އެ ދެ ބައްދަލުވުން ވެސް ޑރ. މުއިއްޒުގެ ދެ އިވެންޓަކާ ފުށުއެރީއެވެ.
ފޯނުން ވެސް ބައްދަލުނުވޭ
ރައީސް ޔާމީން މާލެއަށް ބަދަލުކުރި ފަހުން، ޕީ.އެން.ސީގެ އިސް ބޭފުޅުންނާ ރައީސް ޔާމީނާ ފޯނުން ވެސް ބައްދަލުވެފައި ނެތް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ވެސް އަދި ސަރުކާރުގައި ރައީސް ޔާމީންގެ ބަސްފުޅެއް އޮތް ކަމަކަށް ނުވެއެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ބައެއް ވަޒީރުންނަކީ ރައީސް ޔާމީނު ސަރުކާރުގެ ވެސް ވަޒީރުންނެވެ.
ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދަރުބާރަށްވެސް ރައީސް ޔާމީން ވަޑައެއްނުގަންނަވައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒާ ވާދަކުރައްވައި ބަލިވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދާއި މުހައްމަދު ނަޝީދުވެސް ބިޔަބޮޑު އެ ދަރުބާރުގައި ބައިވެރިވެވަޑައިގަތެވެ.
ކުރީގެ ރައީސުންގެ ތެރެއިން އެ ރަސްމީޔާތުގައި ބައިވެރިވެވަޑައިނުގަންނަވަނީ ރައީސް ޔާމީންގެ އިތުރުން ރައީސް މައުމޫނެވެ. އެކަމަކު ޑރ. މުއިއްޒުގެ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ވެސް ރައީސް މައުމޫނުގެ ހަގު ދަރިކަލުން، ޣައްސާން މައުމޫނެވެ.
ދެ ޕާޓީގެ ލީޑަޝިޕް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި
ޕީ.އެން،ސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުން، ރައީސް ޔާމީނާ ދެމެދު އުދާސްތައް އުފެދި، ދެ ޕާޓީގެ ލީޑަޝިޕްގެ ހުރިހައި މެމްބަރުން ވެސް ފެންނަމުންދަނީ ޑރ. މުއިއްޒު އަރިހުގައި "ދިމްޔާތު"ގައި އުޅުއްވާ ތަނެވެ. އެއާއެކު، ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ މި މަހު 17 ގައި ކުރެއްވުމަށްފަހު އެކުލަވައިލި ސަރުކާރާއި ކެބިނެޓުގައި ވެސް ދެ ޕާޓީގެ ލީޑަޝިޕްގެ އިސް ހުރިހައި ބޭފުޅުންތައް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ދެ ޕާޓީއަށް ނިސްބަތްވާ މަޖިލިސްގެ ގިނަ މެމްބަރުންތަކެއް ވެސް ހިމެނެއެވެ.
އެންމެ ފަހުން ކޯލީޝަން ވެސް ރުޅާލަނީ
އިތުބާރު ހުރި މަސްދަރަކުން "އަދިވެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުރިން އެއްބަސްވެފައި އޮތް ނަމަވެސް، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީ.ޕީ.އެމް ވަކިން ވާދަކުރުމަށް ރައީސް ޔާމީން މިހާރު ވަނީ ނިންމަވައިފައެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަން" އިން ޕީ.ޕީ.އެމް ދާދި އަވަހަށް ވަކިވާނެއެވެ.
The post ޕީ.ޕީ.އެމާއި ޕީ.އެން.ސީ ވަކިވެއްޖެ first appeared on އަދިވެސް އޮންލައިން.