ކޮލަމް ކޯދު: ކަށިއޫރުގެ މައްސަލަ- ކަށިހަށިން ލިބޭ ފިލާވަޅެއް

Thu, 08 Jun 2023 01:10 AM

View on this article on Adhives Online

ކޮލަމް ކޯދު: ކަށިއޫރުގެ މައްސަލަ- ކަށިހަށިން ލިބޭ ފިލާވަޅެއް

ކަށިއޫރަކީކީ ކޮބައި ހެއްޔެވެ؟ އަދި އެއާ ކުރިމަތިވާ މައްސަލައަކީ ކޮބައިހެއްޔެވެ؟

ކަށިއޫރަކީ ކުޑަވަރެއްގެ ޖަނަވާރެކެވެ. އޭގެ މުޅި ހަށިގަނޑުގައި ކަށިފަޅާފައިވާ ޖަނަވާރެކެވެ. އިނގިރޭސި ބަހުން 'ހެޖްހޮގް' (ވަލުކަށިކޮލި) ނުވަތަ 'ޕޯކިޔުޕައިން' (ކަށިއޫރު)އޭ ކިޔޭ ޖަނަވާރެވެ.

ކަށިއޫރުގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ ފިނި މޫސުމުގައި ހޫނުކަން ލިބިގަތުމަށްޓަކައި އޭގެ އަޚުންނާ ވީހާ ވެސް ކައިރިއަށް ޖެހިލަން ޖެހެއެވެ. މި ގޮތަށް ކަންތައް ނުކޮށްފި ނަމަ، ފިނިގަދަވެ، ގަނޑުވެދާނެތީއެވެ. ނަމަވެސް، އޭގެ އުފެދުމުގައި، އާދެ، އޭގެ ހަށިގަނޑުގައި، ކަށިތައް ފަޅާފައި ހުރުމުން އޭގެ އަޚުން، އެކަތި އަނެކައްޗާ މާ ކައިރިވެވޭ ގޮތެއް ނުވެއެވެ. މާ ބޮޑަށް ކައިރިވެއްޖެ ނަމަ، އޭގެ ކަށިތައް އެކަތި އަނެކެއްޗެއްގެ ގަޔަށް ހެރޭތީއެވެ. ދެން، މިކަމުގެ ހައްލެއް ކަށިހަށި ހޯދިއެވެ. އޭގެ އަޚުންނާ މާ ގާތް ނުވެވުނު ކަމުގައި ވިޔަސް، އެހެން އެއްޗިއްސަށް އުނދަގޫނުވާ ދުރުމިނެއް ބަލާފައި އެ ހިސާބުގައި އޮވެ، އޭގެ އަޚުންގެ ކިބައިން ހޫނުކަން ލިބިގަތުމެވެ.

އަށާރަ ވަނަ ގަރުނާއި ނަވާރަ ވަނަ ގަރުނުގައި އުޅުނު ޖަރުމަނުގެ މަޝްހޫރު ފިލޯސަފަރެއް ކަމަށްވާ އާތަރ ޝޯފެންހައު، ކަށިއޫރުގެ މި މައްސަލަ ފާހަގަކުރިއެވެ. އަދި، މި މައްސަލައަށް 'ހެޖްހޮގު ނުވަތަ ޕޯކިޔުޕައިންސް ޑިލެމާއޭ (ވަލުކަށިކޮލީގެ ނުވަތަ ކަށިއޫރުގެ މައްސަލައޭ) ކިޔުނެވެ. ދެން، މިކަމުން އިންސާނީ ދޭދޭ ގުޅުމާ ބެހޭ ގޮތުން މުހިއްމު ވާހަކައެއް ވެސް ބުންޏެވެ.

ޝޯފެންހައު ފާހަގަކުރި ގޮތުގައި، އިންސާނުންނަކީ ވެސް އެކަނިމާއެކަނި، އޭނާގެ އަޚު އިންސާނުންނާ ދުރުގައި އުޅެވޭނޭ ކާއިނެއް ނޫނެވެ. އެހެންވެ، އިންސާނުން އުޅެނީ އެކުވެ، މުޖުތަމައެއްގެ ބަޔަކަށް ވެގެންނެވެ. މިހެން އުޅުނު ކަމުގައި ވިޔަސް، ބައެއް ފަހަރު، އިންސާނާ އެކަކު އަނެކަކާ، ހުރިހާ ވަގުތެއްގައި، މާ ބޮޑަށް ކައިރިވެ އުޅެން ވެއްޖެ ނަމަ، ކަށިއޫރުގެ ކަށިތައް އޭގެ އަޚުން ގަޔަށް ހެރޭ ފަދައިން، ދޭދޭ އިންސާނުންގެ 'ކަށިތައް' އެކަކު އަނެކަކުގެ ގަޔަށް ހެރެން ދިމާވެއެވެ. ދެން، މިކަމުގެ ސަބަބުން، ދެބަސްވުމާއި އަރާރުންވުމާއި އަދި، ގުޅުންތައް ކެނޑުން ވެސް ދިމާވެއެވެ. އެހެންވީމާ، ކަށިއޫރުގެ ކިބައިން އިބުރަތް ލިބިގަނެ، އިންސާނާ ވެސް އޭނާގެ އަޚާއާ ކައިރިވާން ވާނީ ވަކި ވަރަކަށެވެ. އެކަކުގެ ކަށިތައް އަނެކަކުގެ ގަޔަށް ނުހެރޭ ވަރުގެ ދުރުމިނެއް ބަހައްޓައިގެންނެވެ!



More from Adhives Online