ރައީސް ޔާމީން ޑޮލަރު ބައްލަވައިގެންކަމަށާއި، އެއަށްވާ ފައިސާ ހަވާލުކުރެއްވިކަމަށް ޔޫސުފު ނައީމު ބުނި: ޝާހިދު

Sat, 10 Sep 2022 04:57 PM

View on this article on Voice.mv

ރައީސް ޔާމީން ޑޮލަރު ބައްލަވައިގެންކަމަށާއި، އެއަށްވާ ފައިސާ ހަވާލުކުރެއްވިކަމަށް ޔޫސުފު ނައީމު ބުނި: ޝާހިދު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އެއްމިލިއަން ޑޮލަރު ޔޫސުފް ނައީމުގެ އަތްޕުޅުން ބައްލަވައިގެންކަމަށާއި، އަދި އެ އަދަދަށްވާ ދިވެހި ރުފިޔާ އޭނާއާއި ހަވާލުކޮށްފައިވާކަމަށް ޔޫސުފު ނައީމު ވިދާޅުވިކަމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ހެކިބަސް ދެއްވައިފިއެވެ.

އޭނާ މިފަދައިން ވިދާޅުވެފައިވަނީ ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިބަސް ދެއްވަމުންނެވެ.

މިއަދުގެ އަޑިއެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ޑޮލަރު ބައްލަވައިގަތުމަށް ރައީސް ޔާމީން ވިދާޅުވެގެން ބެންކު ރޭޓުން (15.42) ރުފިޔާގެ ރޭޓުން އެއް މިލިއަން ޑޮލަރު ހޯއްދަވާދެއްވުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރެއްވިކަމަށް ހެކިބަސް ދެއްވާފައެވެ.

އެގޮތުން ރައީސް ޔާމީން ޑޮލަރު ބައްލަވައިގަތުމަށް ބޭނުންފުޅުވާ ވާހަކަ ޔޫސުފު ނައީމުގެ އަރިހުގައި ދެންނެވީ އޭނާ ކަމަށާއި، އެ ވަގުތު ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާހިދުވެސް އޭނާގެ އަރިހުގައި ހުންނެވިކަމަށް މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މުހައްމަދު އިސްމާއިލްއަށްފަހު ޝާހިދުގެ ހެކިބަސް ނަގާފައިވާއިރު، އޭނާ ވިދާޅުވީ ރައީސް ޔާމީނު ފައިސާއާ ގުޅުންހުރި ކަންކަމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްއަށް ގުޅުއްވާ ކަމަށެވެ.

ބޭންކް ރޭޓުން 1 މިލިއަން ޑޮލަރު ހޯދުމަށް އެދި ރައީސް ޔާމީނު މުޙައްމަދު އިސްމާއިލްއަށް ގުޅުއްވިއިރު، އޭނާ މުހައްމަދު އިސްމާއިލްގެ ހާޒިރުގައި ހުރިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާޑު ވިދާޅުވީ، މުޙައްމަދު އިސްމާއިލް ޔޫސުފް ނައީމަށްވެސް ގުޅުއްވި ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެ ފަހުގެ ދުވަހެއްގައި އޭނާއާއި ޔޫސުފު ނައީމާއި ދިމާވުމުން، ރައީސް ޔާމީން ބައްލަވައިގަންނަވަން އުޅުއްވާ ޑޮލަރުގެ ކަންކަން ހަމަޖެހިއްޖެތޯ އޭނާ ޔޫސުފު ނައީމުގެ އަރިހުން އެއްސެވިކަމަށެވެ. އެއާއެކު އެ މުއާމަލާތް ނިމިއްޖެކަމަށާއި، އެއް މިލިއަން ޑޮލަރަަށްވާ ދިވެހި ރުފިޔާ ރައީސް ޔާމީން ޔޫސުފު ނައީމާއި ހަވާލުކުރެއްވިކަމަށް އޭނާ ވިދާޅުވިކަމަށް ޝާހިދު ކޯޓަށް ކިޔައިދެއްވިއެވެ.

ޔޫސުފް ނައީމުގެ އަތްޕުޅުން އެއްމިލިއަން ޑޮލަރު ބައްލަވައިގަތުމަށް، އެއަދަދަށްވާ ދިވެހި ރުފިޔާ ރައީސް ޔާމީންގެ ފަރާތްޕުޅުން ޔޫސުފު ނައީމާއި ހަވާލުކުރިކަމަށް އަހުމަދު ނަރީޝް އަދި ރަޝީދުވަނީ ކޯޓުގައި ވިދާޅުވެފައެވެ. އަދި އެ ފައިސާ ގެންދިޔައީ ރައީސް ޔާމީންގެ ގެކޮޅުންކަމަށާއި، ފައިސާ ހަވާލުކުރުމަށްފަހު ލިޔުމެއްގައި ސޮއިކުރިކަމަށް އަހުމަދު ނަރީޝް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލިފައެވެ. އެއީ ރިޝްވަތު ނެންގެވިކަމުގެ ދައުވާއާއި، މަނީ ލޯންޑަރ ކުރެއްވިކަމުގެ ދައުވާއެކެވެ.

ރައީސް ޔާމީން ވަނީ ދެ ދައުވާއަށްވެސް އިންކާރުކުރައްވާފައެވެ. އަދި އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޔޫސުފު ނައީމުވެސް ވަނީ އޭނާއަށް ކުރެވޭ ރިޝްވަތު ދިން ކަމުގެ ދައުވާއަށް އިންކާރުކުރައްވާފައެވެ.

The post ރައީސް ޔާމީން ޑޮލަރު ބައްލަވައިގެންކަމަށާއި، އެއަށްވާ ފައިސާ ހަވާލުކުރެއްވިކަމަށް ޔޫސުފު ނައީމު ބުނި: ޝާހިދު first appeared on Voice.mv.



More from Voice.mv