އޮކްޓޯބަރ 7ގެ މޭސްތިރިޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ހަމާސް އިން ކަށަވަރުކޮށްދީފި

Fri, 18 Oct 2024 07:31 PM

View on this article on vNews

އޮކްޓޯބަރ 7ގެ މޭސްތިރިޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ހަމާސް އިން ކަށަވަރުކޮށްދީފި

ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ވެރިޔާ ޔަހުޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން އެޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.



އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާ އިން ވަނީ ބުރާސްފަތި ދުވަހު ސިންވާރު އަވަހާރަކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ސިންވާރުގެ އެންމެ ފަހު ވަގުތުކޮޅު ފެންނަ ޑްރޯން ފުޓޭޖެއް އާންމުކޮށްފައެވެ. ހަމާސް އިން ސިންވާރު އަވަހާރަކޮށްލިކަން ކަށަވަރުކޮށްދީފައި މިވަނީ އޭގެފަހުން ގާތްގަނޑަކަށް 24 ގަޑިއިރުވާން އުޅެނިކޮށެވެ.

ސިންވާރު އަވަހާރަކޮށްލާފައިވާކަން ހާމަކޮށް ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިންވާރު އަވަހާރަވެފައިވަނީ އެންމެ ފަހު ވަގުތުވެސް ދުޝްމަނުންނާ ހަނގުރާމަކުރުމުގައި އެންމެ ކުރީ ސަފުގައި ހުންނަވާ އެއް އަތުގައި ހަތިޔާރު އޮއްވާކަމަށެވެ. ހަމާސްގެ އަސްކަރީ ވިންގު ކަމުގައިވާ ބައްސާމް ބްރިގޭޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިންވާރު އަވަހާރަވެފައިވަނީ ދުޝްމަނުންނާއި ހަނގުރާމަ ކުރަނިކޮށްކަމަށާއި ފިލައިއޮއްވާ ނޫންކަމަށެވެ.

ސިންވާރު އަވަހާރަވެފައިވަނީ ބުދަ ދުވަހު ޣައްޒާގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލު ސިފައިންގެ ބަޔަކަށް ހަމާސް ގެ ހަނގުރާމަވެރިންތަކެއް ފެނިގެން ހިނގައިދިޔަ ހަމަލާ ބަދަލުކުރުންތަކެއްގައެވެ. އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ އިސްރާއީލު ސިފައިންނަށް އެސަރަހައްދުގެ އިމާރާތްތަކުގެ ދެމެދު ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިން ފެނުމުން ހަމަލާ ބަދަލުކުރުންތަކެއް ހިނގާދިޔަކަމަށެވެ. ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ސިންވާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ އިމާރާތެއްގެ ތެރެއަށް ވަންކަމަށެވެ.

އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއިމާރާތަށް ޓޭންކުންނާއި މިސައިލުން އިސްރާއީލު ސިފައިން ހަމަލާދިނެވެ. އޭގެފަހުން ޑްރޯން އެއް އިމާރާތުގެ ތެރެއަށް އިސްރާއީލު އަސްކަރިއްޔާއިން ފޮނުވައެވެ. އިމާރާތުގެ ތެރޭގައި މީހަކު ހުރިތޯ ބެލުމަށެވެ. އިސްރާއީލުން އާންމުކޮށްފައިވަނީ މި ޑްރޯން ފުޓޭޖެވެ.

ޑްރޯން ފުޓޭޖުން ފެންނަ ގޮތުގައި ޒަޚަމްތަކަކާއެކު ސިންވާރު ގޮނޑިއެއްގައި އިށީންދެގެން އިންނައިރު މޫނު ވަނީ ނިވާކޮށްފައެވެ. ސިންވާރު ޑްރޯން އަންނަތަން ބަލަން އިނުމަށްފަހު އަތުގައި އޮންނަ ދަނޑިކޮޅެއް ޑްރޯންއަށް ދިމާލަށް އެއްލާތަން ވީޑިއޯއިން ފެނެއެވެ.

އިސްރާއީލު އަސްކަރިއްޔާގެ ސްޕޯކްޕާސަން ބުނީ އިސްރާއީލު ސިފައިންނަށް ސިންވާރު ފެނުނީ ހަނގުރާމަވެރިއެއްގެ ގޮތުގައިކަމަށާއި އެއީ ސިންވާރުކަން އެނގުނީ ސިފައިން އެއިމާރާތަށް ވަދެ ބެލުމުންކަމަށެވެ.

އިސްރާއީލު އަސްކަރިއްޔާއިން ވަނީ އެއީ ސިންވާރުތޯ ކަށަވަރުކުރުމަށް ސިންވާރުގެ ހަށިގަނޑު ގެންގޮސް ޑީއެންއޭ އާއި ފިންގަރޕްރިންޓްސް ޗެކްކޮށްފައެވެ. އަދި އޭގެފަހުން ވަނީ އެއީ ސިންވާރުކަން އިސްރާއީލު އޮފިޝަލުން ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިންނާއި މީޑިޔާތަކުން ވަނީ ސިންވާރު ޣައްޒާގެ ޓަނަލެއްގެ ތެރޭގައި ފިލާ އޮތްކަމަށް ތަކުރާރުކޮށް ބުނެފައެވެ. އަދި ސިންވާރު ޣައްޒާގައި އުޅެނީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި ގެނައި އަސީރުން ގޮވައިގެންކަމަށް ބުނެ ތަކުރާރުކޮށް މައުލޫމާތު ފަތުރާފައިވެއެވެ. ނަމަވެސް ސިންވާރު އަވަހާރަކޮށްލިއިރު ސިންވާރު ކައިރީގައި އެއްވެސް އަސީރެއް ނެތެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގެ މޭސްތިރިޔާއަކީ ސިންވާރު ކަމަށް އިސްރާއީލާއި ހުޅަނގުން ގަބޫލުކުރެއެވެ. އަދި ނަތަންޔާހޫ ވަނީ ހަމާސްގެ ހުރިހާ ލީޑަރުން ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް އަވަހާރަކޮށްލާނެކަމަށް ބުނެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަކީ ހަމާސް އެއްކޮށް ފުހެލުމަށް ކަމަށް ބުނެ ކުރިޔަށްގެންދާ ގަތުލުއާންމެކެވެ.

ސިންވާރު އަވަހާރަކޮށްލިކަން ހާމަކޮށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައިވަނީ ހަމާސްގެ ލީޑަރު އަވަހާރަކޮށްލުމަކީ ޣައްޒާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނިމުން ނޫންކަމަށެވެ. އަދި އަސީރުން އަނބުރާ ގެނެވެންދެން ހަނގުރާމަ ކުރިޔަށްގެންދާނެކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

ޖުލައި މަހުގެ ތެރޭގައި ހަމާސްގެ ލީޑަރ އިސްމާއީލު ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް އަވަހަރާކޮށްލުމާއި ގުޅިގެން ހަމާސް ގެ ލީޑަރުކަމަށް ހަމާސްގެ ލީޑަރޝިޕުން އައްޔަނުކޮށްފައިވަނީ ސިންވާރެވެ. އެހެންކަމުން ސިންވާރު އަވަހާރަކޮށްލުމާއެކު އަސީރުން މިނިވަންކުރުމާއި ހަނގުރާމަ ހުއްޓާލުމާގުޅޭގޮތުން ދެކެވެމުންދާ ސުލްހައިގެ ވާހަކަތަކަށް ވާނެ ގޮތެއް ނޭންގެއެވެ.



More from vNews