ވަޒީފާގެ މަސައްކަތުގައި ލިބޭ އަނިޔާއަކުން ފުރާނަ ގެއްލިއްޖެނަމަ، 1.4 މިލިއަން ރުފިޔާގެ ބަދަލެއް

Fri, 18 Oct 2024 04:55 PM

View on this article on vNews

ވަޒީފާގެ މަސައްކަތުގައި ލިބޭ އަނިޔާއަކުން ފުރާނަ ގެއްލިއްޖެނަމަ، 1.4 މިލިއަން ރުފިޔާގެ ބަދަލެއް

ވަޒީފާގެ މަސައްކަތުގައި ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ، 1.4 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދެވޭނެކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.



"މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކައުތެރިކަމުގެ ގަވާއިދު" އެކުލަވާލައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަނީ އާންމުކޮށްފައެވެ.

މި ގަވައިދުގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި، ހެލްތް އެންޑް ސޭފްޓީ ޕޮލިސީއާއި، ހެލްތު އެންޑް ސޭފްޓީ އޮފިސަރުން އައްޔަންކުރުމާއި، ޞިއްޙަތާއި ރައްކައުތެރިކަމުގެ މަސައްކަތާ ގުޅޭ ހުއްދައިގެ އިތުރުން މަސައްކަތުގެ މާޙައުލުގައި ހިނގާ ޞިއްޙަތާއި ރައްކައުތެރިކަމާ ގުޅޭ ހާދިސާތަކާއި ބަލިތައް ރިޕޯޓުކުރުމާއި، ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން އައްޔަނުކުރުމާއި، މަސައްކަތުގެ މާޙައުލުގައި ހިނގާ ހާދިސާތައް ތަޙުޤީޤުކުރުން އަދި އަނިޔާގެ ސަބަބުން ނަގައިދެވޭ ޚަރަދާއި ގެއްލުމުގެ ބަދަލުތަކުގެ ތަފްސީލްތައް ހިމަނާފައިވެއެވެ.

މި ގަވައިދުގައިވާގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ތަންތަނާއި އެ ތަންތަނުގެ މަސައްކަތުގެ މާޙައުލުގގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބަޔާންކޮށްފައިވާ 'ހެލްތް އެންޑް ސޭފްޓީ ޕޮލިސީ' ނުވަތަ ސިއްހަތާއި ރައްކާތެރިކަމުގެ ސިޔާސަތު އެކަށައަޅައި، މަސައްކަތްކުރާތަން ހިންގާ ފަރާތުން މަސައްކަތްތެރިންނަށް އަންގަން ޖެހެއެެވެ.

މި ގަވައިދުގައި، ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުންގެ ގޮތުގައި 75 އާއި 150 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަނެއްގައި ހިމެނޭ ނަމަ، ޞިއްޙަތާއި ރައްކައުތެރިކަމުގެ އެއް އޮފިސަރު މަދުވެގެން ހުންނަންޖެހެއެވެ. އަދި 151 އާއި 300 އާއި ދެމެދުގެ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ތަންތަނުގައި މަދުވެގެން ދެ އޮފިސަރުން ތިބެންޖެހެއެވެ. މީގެއިތުރުން 301 އާއި 500 އާއި ދެމެދުގެ މުވައްޒަފުން މަސައްކަތްކުރާނަމަ ތިން އޮފިސަރުން، 501 އާއި 1000 އާއި ދެމެދުގެ މުވައްޒަފުން މަސައްކަތްކުރާނަމަ ހަތަރު އޮފިސަރުން އަދި 1001 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާނަމަ ފަސް އޮފިސަރުން ތިބެންޖެހެއެވެ.

މަސައްކަތުގެ ތެރޭގައި، މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން، މަސައްކަތްތެރިއަކަށް އަނިޔާއެއްވުމުގެ ސަބަބުން ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ ހަރަދާއި ބަދަލު ނަގައިދެވޭނެކަމަށްވެސް މި ގަވައިދުގައި ބުނެފައިވެއެވެ.

ވަޒީފާގައި ލިބޭ އަނިޔާއާ ގުޅިގެން ނަގައިދެވޭ ބަދަލުގެ ބާވަތްތައް:

  • ލިބުނު އަނިޔާއަށް ލިބިދެވޭ ބޭސްފަރުވާގެ ޚަރަދު.
  • ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ.
  • ލިބުނު އަނިޔާގެ ސަބަބުން މެދުވެރިވި ވަގުތީ ނުކުޅެދުންތެރިކަމަށް ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ގެއްލުމުގެ ބަދަލު.
  • ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ހާލަތެއްގައ ލިބިދެވޭ ގެއްލުމުގެ ބަދަލު.

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް އަނިޔާއެއް ވެއްޖެ ނަމަ، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލުވުމަށް ބޭނުންވާ އެކަށީގެންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތް ނުވަތަ އެ މަސައްކަތްތެރިއަކަށް ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނެ ވަސީލަތްތައް، އިތުރު އަގެއް ނެގުމަކާނުލައި، ވަޒީފާދޭ ފަރާތުން އެ މަސައްކަތްތެރިއަކަށް ވީ އެންމެ އަވަހަކަށް ހަމަޖައްސައިދޭންވާނެކަމަށް މި ގަވައިދުގައި ބުނެފައިވެއެވެ. އަދި މަސައްކަތްތެރިއަކަށް ލިބުނު އަނިޔާއަށް ބޭސްފަރުވާކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ވަޒީފާދޭ ފަރާތުން އުޖޫރަ ދޭންވާނެކަމަށް ބުނެފައިވެއެވެ.

ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ރިޢާޔަތް ކުރެވޭނެ ކަންކަން

  • މަހަކަށް ޖެހޭ އެވުރޭޖު އާމްދަނީ
  • ނުކުޅެދުންތެރިކަމުގެ ނިސްބަތް ނުވަތަ މިންވަރު
  • އުމުރު

މަސައްކަތްތެރިޔާއަށް މެދުވެރިވެފައިވާ ނުކުޅެދުންތެރިކަމުގެ ނިސްބަތް ބެލުމުގައި ރިއާޔަތްކުރާނެ ކަންކަމާއި ބަދަލުގެ ގޮތުގައި ނަގައިދެވޭނެ އަދަދު

  • ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން މަސައްކަތަށް ބުރޫއެރުމެއް ނެތި މަސައްކަތް ކުރަމުން ދިޔަ ތަނުގައި ހަމަ އެ މަސައްކަތް ކުރެވުން: 2500 ރުފިޔާ
  • ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން، މަސައްކަތް ކުރަމުން ދިޔ ތަނުގައި ކުރަމުންއައި މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރެވުން: 5000 ރުފިޔާ
  • ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން، މަސައްކަތް ކުރަމުނ އައިތަން ދޫކޮށްލަން ޖެހުނު ނަމަވެސް، އެހެން މަސައްކަތެއް ކުރުމުގެ ޤާބިލުކަން ހުރުން: 7500 ރުފިޔާ
  • ދިމާވި ދާއިމީ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ވަޒީފާއެއ އަދާކުރުމުގެ ޤާބިލުކަން ނެތުން: 10،000 ރުފިޔާ

މި ގަވައިދުގެ ދަށުން، ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެފައިވާ މަސައްކަތްތެރިޔާއަށް ބަދަލު ނަގައިދެވޭނީ މަދުވެގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ގަވާއިދުގެ ދަށުން، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވާ މަސައްކަތްތެރިޔާއަށް ނަގައިދެވޭނެ ބަދަލުގެ އެންމެ މަތީ އަދަދަކީ -19,000,000 (ނަވާރަ މިލިޔަން) ރުފިޔާއެވެ. އަދި އެންމެ ދަށު އަދަދަކީ 1,260,000 (އެއްމިލިޔަން ދެލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއެވެ.

ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ނަގައިދެވޭނެ ބަދަލުގެ އެންމެ ދަށް އަދަދަކީ 1,460,000 ރުފިޔާއެވެ. އަދި ނަގައިދެވޭނެ އެންމެ މަތީ އަދަދަކީ 15,400,000 ރުފިޔާއެވެ.

މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 500,000 ރުފިޔާ މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންޖެހޭނެކަމަށް މި ގަވަދުގައި ވެއެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އިތުރު 1,000,000 (އެއްމިލިޔަން) ރުފިޔާ، މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންޖެހޭނެކަމަށް ވަނީ ބުނެފައެވެ. ގެއްލުމުގެ ބަދަލުގެ އިތުރުން ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އިތުރު ޚަރަދެއް ހިނގައިފި ނަމަ، ޖަނާޒާގެ ޚަރަދު ދޭންވާނެކަމަށްވެސް ވަނީ ބުނެފައެވެ.



More from vNews