މާޗް މަހު ގްރީން ފަންޑަށް 113 މިލިއަން ރުފިޔާ

Fri, 24 May 2024 02:51 PM

View on this article on vNews

 މާޗް މަހު ގްރީން ފަންޑަށް 113 މިލިއަން ރުފިޔާ

މިދިޔަ މާޗް މަހު ގްރީން ފަންޑަށް ދައުލަތަށް 113.8 މިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.



އެ މިނިސްޓްރީން އާންމުކޮށްފައިވާ ގްރީން ފަންޑް ރިޕޯޓްގައިވާގޮތުން، މާޗް މަހު ގްރީން ފަންޑަށް އެންމެ ބޮޑު އަދަދެއް ޖަމާވެފައިވަނީ ރިސޯޓްތަކުންނެވެ. އެއީ 102 މިލިއަން ރުފިޔާއެވެ. އަދި ގެސްޓަހައުސްތަކުން 6.5 މިލިއަން ރުފިޔާ، ހޯޓެލްތަކުން 2.5 މިލިއަން ރުފިޔާ ޖަމާވެފައިވެއެވެ.

މީގެއިތުރުން ސަފާރީތަކުން 2.4 މިލިއަން ރުފިޔާ އަދި ހޯމްސްޓޭއިން 13،952 ރުފިޔާ ލިބިފައިވެއެވެ.

މި މުއްދަތުގައި ގްރީން ފަންޑަށް އެންމެ ގިނަ އަދަދެއް ލިބިފައިވަނީ ކ އަތޮޅުންނެވެ. އެގޮތުން އެ އަތޮޅުން ޖުމްލަ 36 މިލިއަން ރުފިޔާ ލިބިފައިވާއިރު، އދ އަތޮޅުން 12 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ރ އަތޮޅުން 10 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެއުތުރުން ނ އަތޮޅުން 8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މާޗް މަހު ގްރީން ފަންޑަށް ޖުމްލަ 113 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، އެމަހު މަޝްރޫއުތަކަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެގޮތުން ގްރީން ފަންޑުން ހޭދަކޮށްގެން މާޗް މަހު 20 މަޝްރޫއެއް ހިންގާފައިވެއެވެ.

ގްރީން ފަންޑަކީ ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނެގޭ ގްރީން ޓެކްސްއަށް ލިބޭ ފައިސާ ޖަމާކުރާ ފަންޑެވެ.

ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރު އަދި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރު ގްރީން ޓެކްސްގެ ނަމުގައި ނަގަން ފަށާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ.

ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.



More from vNews